ދުނިޔޭގެ ވިޔަފާރި

އެމެރިކާއާއި ޓައިވާނާއި ދެމެދު ވިޔަފާރީގެ އާ އެއްބަސްވުމެއް


ޗައިނާގައި ބައެއްކަމަށް ދުނިޔެއިން ބަލައިގެންފައިވާ ޓައިވާނާއެކު އެމެރިކާއިން ވިޔަފާރީގެ އާ އެއްބަސްވުމެއް ޤާއިމްކޮށްފިއެވެ.

މި އެއްބަސްވުމަކީ ދެ ފަރާތުގެ ދެމެދުގައި އެކުލަވާލާފައިވާ އާ އޮނިގަނޑުގެ ދަށުން އެކުލަވާލާފައިވާ އެއްބަސްވުމެއްކަމަށް ހަބަރުތައް ބުނެއެވެ.

އެއްބަސްވުމުގައި ދެ ފަރާތުން ސޮއިކޮށްފައި ވަނީ ބުރާސްފަތިދުވަހު އެމެރިކާގައިކަމަށް ޓައިވާނުގެ އޮފީސް އޮފް ޓްރޭޑް ނެގޯޝިއޭޝަންސްއިން ނެރުނު ބަޔާނަކާއި ހަވާލާދީ ހަބަރުތައް ބުނެއެވެ. ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެމެރިކާގެ ފަރާތުން ބައިވެރިވެވަޑައިގެންފައި ވަނީ އެމެރިކާގެ ޓްރޭޑް ރެޕްރެޒެންޓޭޓިވްގެ ނާއިބު ސާރާ ބިއާންސޭކަމަށްވެސް އެމެރިކާގެ ޓްރޭޑް ރެޕްރެޒެންޓޭޓިވް އޮފީހާއި ހަވާލާދީ ހަބަރުތައް ބުނެއެވެ. ނަމަވެސް މިކަމާބެހޭ އިތުރު ތަފްސީލެއް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

ޓައިވާނާއި އެމެރިކާއިން މަޝްވަރާތައް ފެށީ މިދިޔަ އޮގަސްޓްމަހު ޔޫއެސް-ޓައިވާން އިނީޝިއޭޓިވް އޮން ޓުވެންޓީ ފަސްޓް ޓްރޭޑްގެ ދަށުން މިދިޔަ އޮގަސްޓުމަހުއެވެ. އިނީޝިއޭޓިވްގެ ފުރަތަމަ ބައިގައި މިދިޔަމަހު ވަނީ ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގެ ސަބަބުން އެމެރިކާއާއި ޓައިވާނާ ދެމެދު އޮންނަ އިގްތިސާދީ ގުޅުން ބަދަހިވެ، އެމެރިކާއިން ޓައިވާނަށް މުދާ އެކްސްޕޯޓުކުރާ މިންވަރު އިތުރުވާނެކަމަށް ހަބަރުތައް ބުނެއެވެ.

ނަމަވެސް ޓައިވާނަކީ ޗައިނާގެ ބައެއްކަމަށް ދުނިޔެއިން ބަލައިގަންނައިރު އެމެރިކާއާއި ޓައިވާނާއި ދެމެދު ހިނގާ ވިޔަފާރީގެ މަޝްވަރާތައް ޗައިނާއިން ބަލައިނުގަންނާނެކަމަށް ޗައިނާއިން ބުނާކަމަށް ހަބަރުތައް ބުނެއެވެ.