މޯލްޑިވްސް ޓޫރިޒަމް އެވޯޑްސް 2023އަށް ކުރިމަތިލުމުގެ ފުރުސަތު ޓޫރިޒަމް މިނިސްޓްރީން ހުޅުވާލައްވައިފިއެވެ.
މޯލްޑިވްސް ޓޫރިޒަމް އެވޯޑްސްއަަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުމާއި ގުޅިގެން މިދިޔަ އަހަރު މުޅިން އަލަށް ތައާރަފްކުރި އެވޯޑެކެވެ.
މޯލްޑިވްސް ޓޫރިޒަމް އެވޯޑް ދިނުމުގެ މައިގަނޑު މަޤްސަދަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި ކުންފުނިތަކުގެ އަގުވަޒަންކުރުންކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ. މިދިޔަ އަހަރު ދިން ފުރަތަމަ މޯލްޑިވްސް ޓޫރިޒަމް އެވޯޑްސް ވަނީ 27 ފަރާތަކަށް ދީފައެވެ.
މިއަހަރުގެ މޯލްޑިވްސް ޓޫރިޒަމް އެވޯޑްސްއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އައްސަދު ރިޒާ ވިދާޅުވީ، މިއަހަރުގެ އެވޯޑްސްގައި "ޓޫރިޒަމް ޕްރޮޕެޝަނަލް އެވޯޑް" ނަމުގައި މުޅިން އަލަށް ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން އެވޯޑެއް ތައާރަފްކޮށްފައިވާކަމަށެވެ.
ޓޫރިޒަމް ޕްރޮޕެޝަނަލް އެވޯޑްގެ ނަމުގައިދޭ މި އެވޯޑަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ އަގު ވަޒަންކޮށް ދިވެހިން މިދާއިރާއަށް ނިކުންނަ އަދަދު އިތުރުކުރުމަށްދޭ އެވޯޑެއްކަން އައްސަދު ފާހަގަކުރެއްވިއެވެ.
“މި އެވޯޑް ދިނުމުގެ މައިގަނޑު މަޤްސަދަކީ ޓޫރިޒަމް ދާއިރާއަށް 50 އަހަރު މިދިޔަ އަހަރު ވެގެންދިޔައިރުވެސް ދާއިމީކޮށް މިނިސްޓްރީއަކުންވެސް އަދި ސަރުކާރަކުންވެސް ނެތް އިންޑަސްޓްރީގައި މަސައްކަތްކުރާ ފަރާތްތައްވެސް އަދި ވިޔަފާރިތައްވެސް އެކަށީގެންވާ ވަރަކަށް އެވޯޑެއްދީ ނުވަތަ މިކަން އެޕްރިޝިއޭޓްކޮށްފައެއް.” އައްސަދު ރިޒާ ވިދާޅުވިއެވެ.
މިއަހަރު 5 ދާއިރާއަކުން ޖުމްލަ 59 އެވޯޑެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
* ޓޫރިސްޓް ރިސޯޓް - 16 އެވޯޑް
* ޓޫރިސްޓް ގެސްޓްހައުސް އެންޑް ޓޫރިސްޓް ހޮޓެލްސް - 15 އެވޯޑް
* ޓޫރިސްޓް ވެސަލް - 13 އެވޯޑް
* އެހެނިހެން ފެސިލިޓީތައް - (ޓްރެވެލް އެޖެންސީ، ޑައިވް ސެންޓަރ އަދި ވޯޓަރ ސްޕޯރޓްސް) - 5 އެވޯޑް
* ޓޫރިޒަމް ޕާސަނަލިޓީ/ ޕްރޮޕެޝަނަލްސް - 10 އެވޯޑް
ޖޫންމަހުގެ 31 ވަނަ ދުވަހުން 16 ޖުލައިގެ ނިޔަލަށް މި އެވޯޑަށް ކުރިމަތިލެވޭނެކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ. މިނިސްޓްރީން ވިދާޅުވީ، މާކްސް ދޭނީ 2022 ވަނަ އަހަރުގެ ޖޫން 1 އިން ފެށިގެން 2023 ވަނަ އަހަރުގެ މޭމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އެއްކުރާ މައުލޫމާތުގެ މައްޗަށް ބިނާކޮށްކަމަށެވެ.
އެވޯޑް ލިބޭނީ %75 އަށްވުރެ މަތިން މާރކްސް ހޯދާ ތަންތަނަށެވެ. އަދި ޕްރޮޕަޓީތަކަށް އެވޯޑްދޭއިރު އިސް މަގާމުތަކުގައި ދިވެހިންނަށް ވަޒީފާ ތިބޭ މިންވަރަށް ބަލައި، އިތުރަށް މާކްސް ލިބިގެންދާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.