ކުޅިވަރު

އެމްބީބީއޭގެ އަހަރީ ކަލަންޑަރަށް ބޮޑެތި ބަދަލުތަކެއް


މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) ގެ ކަލަންޑަރުގައި ހިމެނޭ ޤައުމީ ބޮޑީބޯޑިން ލީގުގެ ހަތަރު މުބާރާތް ބާއްވަން އޮތް ތާރީޚުތަކަށް ބަދަލުތަކެއް ގެނެސްފިއެވެ.

އަލަށް ގެނައި ބަދަލުތަކާއެކު ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖު ވަނީ އަންނަ މަހުގެ 17-23 އަށް ފަސްކޮށްފަ އެވެ. ކުރިން މި މުބާރާތް ބޭއްވުމަށް ތާވަލުކޮށްފައިވަނީ މި މަހުގެ 5-13 އަށެވެ.

ދެވަނަ މުބާރާތް ކަމަށްވާ ފުވައްމުލަކު ޗެލެންޖު ބާއްވަން ކުރިން ހަމަޖެއްސީ ޖޫން 21-30 އަށެވެ. މިހާރު ބާއްވަން ނިންމާފައިވަނީ 21-29 ސެޕްޓެމްބަރުގަ އެވެ. މީގެއިތުރުން ކ. ތުލުސްދޫގައި ބާއްވާ ތިންވަނަ މުބާރާތް ވަނީ އޮކްޓޯބަރު 13-21 އަށް ފަސްކޮށްފައެވެ. ކުރިން މި މުބާރާތް ތާވަލުކޮށްފައިވަނީ ސެޕްޓެމްބަރު މަހުގެ 8-16 އަށެވެ. އަދި ގައުމީ ބަނޑުފިލާ ޗެލެންޖު ވަނީ ނޮވެމްބަރު 12 އިން ޑިސެމްބަރު އެކަކަށް ބާއްވަން ނިންމާފައެވެ.

މި މުބާރާތްތަކުގެ ތާރީހަށް ބަދަލުތަކެއް ގެނައި ނަމަވެސް ދުނިޔޭގެ ބޮޑީބޯޑިން ފެޑެރޭޝަންގެ އެންމެ މަތީ ފަންތީގެ އެއް މުބާރާތް ކަަމަށްވާ މޯލްޑިވްސް ޕްރޯގެ ތާރީހަށް ބަދަލެއް ނުގެނެއެވެ. އެ މުބާރާތް ބާއްވަން ތާވަލުކޮށްފައިވަނީ އޮގަސްޓް 3-12 އަށެވެ.