ސިޔާސީ

މަޝްވަރާއަށް އެމްޑީޕީ ގެނައުމަށް ބޭރުގެ އެހީއަށް އެދިވަޑައިގެންފި


ސަރުކާރުން އިސްނަންގަވައިގެން ފަށްޓަވާފައިވާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާގެ މޭޒަށް އިދިކޮޅު ފަރާތްތައް ގެނައުމަށް ރާއްޖެއާއި ރަޙުމަތްތެރި ފަރާތްތަކުގެ އެހީއަށް މިހާރު އެދިވަޑައިގެންފައިވާކަަމަށް ފިޝަރީޒް މިނިސްޓަރ ޑރ.މުޙައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ. ސިޔާސީޕާޓީތަކުގެ މަޝްވަރާގެ ދެ ބައްދަލުވުމަށްވެސް އިދިކޮޅު އެމްޑީޕީ އާއި އަދާލަތު ޕާޓީ ޙާޟިރުވެފައިނުވާތީ، ބައިނަލްއަޤްވާމީ ފަރާތްތަކާއި ވާހަކަ ދައްކައިގެން އެޕާޓީތަކުންވެސް މަޝްވަރާއަށް އަންނާނެކަމުގެ އުއްމީދު އެބައޮތްކަމަށް މިނިސްޓަރ ބުރާސްފަތި ދުވަހު ވަނީ ވިދާޅުވެފައެވެ.

ޕީއެސްއެމަށް މަޢުލޫމާތު ދެއްވަމުން ސަރުކާރުގެ ފަރާތަުން މަޝްވަރާތަކަށް ކަނޑައަޅުއްވާފައި ހުންނަވާ އެންމެ އިސް މަންދޫބު ފިޝަރީޒް މިނިސްޓަރ ޑރ.މުޙައްމަދު ޝައިނީ ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް ކުރިއަށް ގެންދަވަނީ ބައިނަލްއަޤްވާމީ އެހީތެރިކަމާއި އެކުކަމަށެވެ. އެގޮތުން އދ.އާއި އެހެނިހެން ރާއްޖެއާއި ރަޙްމަތްތެރި ފަރާތްތަކުގެ އެހީތެރިކަމާއިއެކު އެމްޑީޕީ މަޝްވަރާތަކުގައި ބައިވެރިކުރުމަށް އެފަރާތްތަކަށް ސިޓީ ފޮނުއްވަވާފައިވާކަމަށެވެ. ސަރުކާރުން ފަށްޓަވާފައިވާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާގެ އެންމެ ފަހު ބައްދަލުވުން ބާއްވަވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެދުވަހު މިނިސްޓަރ ޝައިނީ ވިދާޅުވެފައި ވަނީ، ދެން މަޝްވަރާ ބައްދަލުވުން ބާއްވަވާނީ ހަފްތާ ބަންދަށް ފަހުކަމަށާއި، އެ ބައްދަލުވުން ބާއްވާނީ ބޭރުގެ އެހީއާއެކު، ދެ ޕާޓީ މަޝްވަރާގައި ބައިވެރިކުރަން ބާރުއެޅުމަށްފަހު ކަމަށެވެ. މިނިސްޓަރ ޝައިނީ މިއަދު ވިދާޅުވީ، ބައިނަލްއަޤްވާމީ ފަރާތްތަކާއި މަޝްވަރާކުރެއްވުމަށްފަހު އަނެއްކާވެސް އިދިކޮޅު އެމްޑީޕީއަށާއި، އަދާލަތު ޕާޓީ މަޝްވަރާތަކުގައި ބައިވެރިކުރުމަށް ދަޢުވަތު ދެއްވާނެކަމަށެވެ. ނަމަވެސް ދަޢުވަތު ދެއްވާނެ ތާރީޚެއް މިނިސްޓަރ ވިދާޅެއް ނުވެއެވެ.

ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކަށް ސިޔާސީ ހަ ޕާޓީއަކަށް ސަރުކާރުން ދަޢުވަތު ދެއްވާފައި ވީނަމަވެސް މިހާތަނަށް މަޝްވަރާތަކުގައި ބައިވެރިވެފައިވަނީ، ޕީޕީއެމާއި އެމްޑީއޭގެ އިތުރުން ޖުމްހޫރީ ޕާޓި އަދި ޑީއާރުޕީއެވެ. މި ހަތަރު ޕާޓީންވެސް ބުނެފައި ވަނީ، މަޝްވަރާތަކުގެ ފައިދާ ކުރާނީ އެމްޑީޕީއާއި އަދާލަތު ޕާޓި މި މަޝްވަރާތަކުގައި ބައިވެރިވެގެންކަމަށެވެ. އެޕާޓީތަކުން ބުނީ  ސަރުކާރަށް މި މަޝްވަރާތަކަށް  އެއްބާރުލުން ދޭނެ ކަމަށާއި، ބައްދަލުވުމަށް ސަރުކާރާއި އެއްގޮތަށް އެޕާޓީތަކުންވެސް ޝަރުތުތަކެއް  ހުށަނާޅާނެކަމަށެވެ. ނަމަވެސް މަޝްވަރާކުރަން ޖެހޭ ކަންކަން އެބަހުރިކަން ހުރިހާ ސިޔާސީ ޕާޓީތަކުންވެސް ދެކެއެވެ.

ސިޔާސީ ޕާޓީތަކާއިއެކު މަޝްވަރާތައްފެއްޓެވުމަށް ރައީސް ޢަބްދުﷲ ޔާމިން ނިންމެވީ ދިވެހިރާއްޖެ ތަރައްޤީކުރެއްވުމަށާއި ޤައުމު ބިނާކުރެއްވުމަށް ކުރައްވާ މަސައްކަތް ހަލުވިކުރައްވައި، ރައްޔިތުންގެ އެއްބައިވަންތަކަށް އިތުރުކުރެއްވުމަށް ކަމަށް ސަރުކާރުން ހާމަކުރައްވައެވެ.