ޚަބަރު

ހުޅަނގު މޫސުމުގެ ބާރުގަދަވެއްޖެ، ހަފްތާ ބަންދުގައި ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެ


ހުޅަނގު މޫސުމުގެ ބާރު ގަދަވުމާ ގުޅިގެން ކުރިއަށް އޮތް ހަފްތާ ބަންދުގައި ރާއްޖޭގެ ބޮޑުބަޔަކަށް ގަދަވަޔާއެކު ވިއްސާރަކުރާނެކަމަށް ލަފާކުރައްވައި، އެންމެހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައިފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ރާއްޖެ ސަރަޙައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވުމާ ގުޅިގެން މިރެއިން ފެށިގެން ކުރިއަށް އޮތް 2 ދުވަހު ޚާއްޞަކޮށް އުތުރާއި މެދުރާއްޖެތެރޭ ސަރަޙައްދުގައި ވައި ބާރުވެ، ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

އެގޮތުން އާންމު ގޮތެއްގައި ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގައި ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 50 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވެ، ކަނޑަތުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.


އެހެންކަމުން ހުރިހާ ފަރާތްތަކުން ޚާއްޞަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ގަދަވަޔާއެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށާއި، ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވެސް އެ އިދާރާއިން އިލްތިމާސްކުރެއްވިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ކުރިއަށް އޮތް ދެ ދުވަހަށް ރާއްޖޭގެ މޫސުން ލަފާކުރައްވާގޮތަށް ބަލާއިރު، ހުކުރު އަދި ހޮނިހިރު ދުވަހުވެސް ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރަށް ގަދަވަޔާއެކު ވިއްސާރަކުރާނެއެވެ. އަދި ދެކުނުގެ ރަށްތަކަށް ވެސް މި ދެ ދުވަހު ވިއްސާރަކުރާނެ ކަމަށް އެ އިދާރާއިން ލަފާކުރައްވައިފައިވެއެވެ.

ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައިވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކަށް މޫސުން ގޯސްވެ ވިއްސާރަކުރުމާ ގުޅިގެން ސަމާލުވުމަށް އަންގާ އެލާޓްތައް މޫސުމާބެހޭ ޤައުމީ އިދާރާއިން ނެރުއްވައިފައިވެއެވެ. އަދި އިދާރާގެ ރިކޯޑްތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭވެހިފައިވަނީ ގދ. ކާޑެއްދުއަށެވެ. އެރަށަށް 31.4 މިލިމީޓަރުގެ ވާރޭ ވެހުނުކަމަށް ރިކޯޑްކުރެވިފައިވެއެވެ.