ކުޅިވަރު ވަޞީލަތްތައް ޤާއިމުކުރެއްވުމަށް ކުރިއަށްގެންދަވާ މަޝްރޫޢުތަކުގެ ތެރެއިން ރ. އިނގުރައިދޫ އާއި ބ. ދޮންފަނުގެ ފުޓްބޯޅަ ދަނޑުގެ މަސައްކަތް އެއް ކުންފުންޏަކާ ޙަވާލުކުރައްވައިފިއެވެ.
ކުޅިވަރާ ބެހޭ ވުޒާރާގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގައި އިނގުރައިދޫ އާއި ދޮންފަނުގެ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތްކުރުމަށް ޙަވާލުކުރައްވާފައިވަނީ އާރްކޭއެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑާއެވެ. މި އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަޙުމަދު މުޙައްމަދެވެ. އަދި އާރްކޭއެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ އޮޕަރޭޝަންސް މުޙައްމަދު މޫސާފުޅެވެ.
މި އެއްބަސްވުންތަކުގެ ދަށުން އިނގުރައިދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތް އާރްކޭލްއާ ޙަވާލުކުރެއްވީ މަސައްކަތް ފަށާތާ، 60 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށެވެ. މި މަޝްރޫއަކީ ކުޅިވަރާ ބެހޭ ވުޒާރާގެ ބަޖެޓުން ދެ މިލިޔަން ތިންލައްކަ އަށްހާސް ތިރީސްތިން ރުފިޔާ ފަސްދޮޅަސް ހަތް ލާރި ޚަރަދުކޮށްގެން ކުރިިއަށްގެންދަން ނިންމާފައިވާ މަޝްރޫއެކެވެ.
އަދި ދޮންފަނު ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތްވެސް އާރްކޭލްއާ ޙަވާލުކުރެއްވީ މަސައްކަތް ފަށާތާ، 60 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށެވެ. މި މަޝްރޫއަކީ ކުޅިވަރާ ބެހޭ ވުޒާރާގެ ބަޖެޓުން ދެ މިލިޔަން ތިންލައްކަ ފަނަރަ ހާސް ތިންސަތޭކަ އަށްޑިހަ އެއް ރުފިޔާ ޚަރަދުކޮށްގެން ކުރިިއަށްގެންދަން ނިންމާފައިވާ މަޝްރޫއެކެވެ.