ޚަބަރު

3560 ފޯމާއެކު "ދަ ޑިމޮކްރެޓްސް" ރަޖިސްޓްރީކުރަން ހުށަހަޅައިފި


އެމްޑީޕީން ވަކިވެވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އިސްކޮށް ތިއްބަވައިގެން އުފައްދަވަން މަސައްކަތްކުރައްވާ ދަ ޑިމޮކްރެޓިސް ރަޖިސްޓްރީކުރައްވަން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވައިފިއެވެ.

"ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދެއްވާފައިވަނީ މިމަހުގެ 24 ވަނަ ދުވަހު ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފަށެވެ.

ޕާޓީއަށް މެމްބަރުން ހޯދުމުގެ މަސައްކަތް މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ކުރުމަށްފަހު މިއަދު ވަނީ ޑިމޮކްރެޓްސް ޕާޓީއަށް ވަނުމަށް ސޮއިކޮށްފައިވާ 3560 ފޯމެއް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައެވެ.

ފޯމުތައް ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފެވެ. އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ފޯމުތަކާ ޙަވާލުވެވަޑައިގަތީ އެކޮމިޝަންސްގެ ސެކެޓްރީ ޖެނެރަލް ޙަސަން ޒަކަރިއްޔާއެވެ.

ފޯމުތައް ޙަވާލު ކުރެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޙަސަން ލަޠީފް ވިދާޅުވީ 3560 ފޯމަކީ ހަފްތާއަކާ އަޅާބަލާފައި ރަނގަޅު އަދަދެއްކަމަށާއި ޕާޓީ އުފެއްދުމުގެ ހުއްދަ ދެއްވުމާއެކު، ޕާޓީ އުފެއްދުމުގެ ޖަލްސާ ބާއްވަވައި، މެމްބަރުން އިތުރުކުރެއްވުމުގެ މަސައްކަތް ފައްޓަވާނެކަމަށް ވެސް ޙަސަން ވިދާޅުވިއެވެ. އަދި ޕާޓީ ރަޖިސްޓްރީކުރުމުން ރިޔާސީ ކެމްޕެއިންގެ މަސައްކަތް ފަށްޓަވައި، މުޅި ރާއްޖޭގައި އެޕާޓީގެ ޙަރަކާތްތައް ފަށްޓަވާނެކަމަށްވެސް ޙަސަން ވިދާޅުވިއެވެ.

ދަ ޑިމޮކްރެޓްސްއިން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ކެނޑިޑޭޓަކު ނެރޭނެކަމަށް ވެސް ބުނެފައެވެ.