ކުޅިވަރު

20 އަހަރުން ދަށުގެ ވޯލްޑް ކަޕް: އިންގްލަންޑް ބަލިކޮށް އިޓަލީ ކުއާޓާއަށް


20 އަހަރުން ދަށުގެ ފީފާ ވޯލްޑް ކަޕުން އިންގްލަންށް ކަޓުވާލުމަށްފަހު ކުއާޓާ ފައިނަލުން އިޓަލީ ޖާގަ ހޯދައިފިއެވެ.

މިމުބާރާތުގެ ކްއާޓަރ ފައިނަލުން އިޓަލީ ޖާގަހޯދީ ގަދަ 16 ބުރުގައި އިންގްލަންޑް 2 ލަނޑު އެއްލަނޑުން ބަލިކޮށްގެންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗް އިޓަލީން ފަށާފައިވަނީ ވަރަށް ފޯރީގައެވެ. މިގޮތުން މެޗްގެ އަށްވަނަ މިނެޓްގައި އެ ޓީމުން ވަނީ މިމެޗްގައި ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ތޮމާސޯ ބަލްޑަލްޒީއެވެ. ނަމަވެސް އިންގްލަންޑުންވެސް ވަނީ އެޓީމްގެ ކުޅުން ރަނގަޅުކޮށް އިޓަލީވިލާތުގެ ގޯލަށް ނުރައްކާ ކުރަން ފަށާފައެވެ. މިގޮތުން މެޗްގެ 24 ވަނަ މިނެޓްގައި އުފެއްދި ހަމަލާއެއްގައި އެޓީމުން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑު އެޓީމަށް ޖަހާދިނީ އެލްފީ ޑެވީންއެވެ.

މިލަނޑު ޖެހުމުގެ ކުޑަ އިރު ކޮޅެއް ކުރިން އޭނާ ފޮނުވާލި ހަމަލާއެއް ވަނީ އިޓަލީގެ ގޯލުގެ ދަނޑިއަށްވެސް އަމާޒުވެފައެވެ. މިމެޗްގެ ދެވަނަ ހާފް ވެގެންދިޔައީ ފުރަތަމަ ހާފާއި ހިލާފަށް ހަމަލާތަށް މަދުން ފެނިގެންދިޔަ ހާފަކަށެވެ. މިގޮތުން ދެޓީމުން ކުރެ އެއްވެސް ޓީމަކަށް މާރަނގަޅު ހަމަލާއެއް މިހާފްގައި އުފެއްދިފައެއް ނުވެއެވެ. އެކަމަކު މި މެޗުން އިޓަލީ މޮޅުވި ލަނޑު މެޗްގެ 87 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކޮށްދިނީ ސެޒާރޭ ކަސަޑެއި އެވެ. މިޕެނަލްޓީ އަކީ އިންގްލަންޑްގެ ޑިފެންޑަރ ޖަރެލް ކުއާންސާ އަތުގައި ބޯޅަ ޖެހުމުގެ ސަބަބުން ލިބިގެންދިޔަ ޕެނަލްޓީއެކެވެ. އަދި މިޕެނަލްޓީ ދީފައިވަނީ ވަރަށް ގިނައިރު ވީއޭއާރް ބެލުމަށްފަހުއެވެ.

މިކާމިޔާބީއާއެކުމިމުބާރާތުގެ ކްއާޓަރ ފައިނަލްގައި އިޓަލީ ބައްދަލުކުރާނީ ކޮލަމްބިއާއާއެވެ.