ކުޅިވަރު

20 އަހަރުން ދަށުގެ ވޯލްޑް ކަޕް: އާޖެންޓީނާ ކަޓުވާލައި ނައިޖީރިއާ ކުއާޓާއަށް


20 އަހަރުން ދަށުގެ ފީފާ ވޯލްޑް ކަޕް ބާއްވަމުން އަންނަ ޤައުމު ކަމަށްވާ އާޖެންޓީނާ ބަލިކޮށް ކުއާޓާ ފައިނަލުގެ ޖާގައެއް ނައިޖީރިއާއިން ހޯދައިފިއެވެ.

މިކާމިޔާބީއާއެކު ނައިޖީރިއާއިން މިވަނީ ވަރަށް ގިނަ ބަޔަކަށް ހައިރާންކަން ގެނުވާފައެވެ. މިފަހަރުގެ މުބާރާތް ކާމިޔާބުކުރާނެ ކަމަށް ގިނަ ބަޔަކު ބުނަމުންދިޔަ އާޖެންޓީނާގެ މައްޗަށް ނައިޖީރިއާއިން ކުރިހޯދާފައިވަނީ 2 ލަނޑު ސުންލަނޑުންނެވެ.

މިމެޗްގެ ފެށުން ރަނގަޅުވީވެސް ނައިޖިރިއާގެއެވެ. ނަމަވެސް މާގިނައިރު ތަކެއް ނުވެ އާޖެންޓީނާއިން ކުޅުމުގެ ތެރެއަށް ވަދެ އެޓީމުންވެސް ރަނގަޅު ކުޅުމެއް ދައްކަމުންދިޔައެވެ. އެއާއެކުވެސް މިމެޗްގެ ފުރަތަމަ ހާފްގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއްނުވިއެވެ.

މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 61 ވަނަ މިނެޓްގައި ނައިޖީރިއާއަށް ކާމިޔާބުކޮށްދިނީ އިބްރާހިމް މުހަންމަދެވެ. މިލަނޑާއެކު އާޖެންޓީނާއިން ލަނޑެއް ޖެހޭތޯ ކުރަމުންދިޔަ މަސައްކަތް އިތުރު ކުރިއެވެ. މިގޮތުން އެ ޓީމުގެ ލޫކާ ރޮމޭރޯ ވަނީ ލަނޑެއް ޖެހުމާ ވަރަށް ގާތަށް ގޮސްފައެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލް ދަނޑިއަށެވެ. މިމެޗްގައި ނައިޖީރިއާގެ ދެވަނަ ލަނޑު މެޗްގެ އިތުރު ވަގުތުގައި ޖަހާދިނީ ރިލްވާން ހަލީރޫ ސާކީއެވެ.

މިމުބާރާތުގެ ކްއާޓަރ ފައިނަލްގައި ނައިޖީރިއާ ބައްދަލުކުރާނީ ދެކުނު ކޮރެއާ އާއި އެކުއެޑޯގެ މެދުގައި ކުޅޭ ފަހު 16 ޓީމްގެ މެޗުން މޮޅުވާ ޓީމަކާއެވެ.