ޔުއެފާ ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހަތްވަނަ ފަހަރަށް ސެވިއްޔާއިން ހޯދައިފިއެވެ.
މިމުބާރާތުގެ ޗެމްޕިއަންކަން ސެވިއްޔާ ހޯދީ ރޭ ކުޅުނު ފައިނަލް މެޗްގައި ރޯމާއާ ބައްދަލުކޮށް ފުރިހަމަ ވަގުތު ހަމަވިއިރު އެއްލަނޑު އެއްލަނޑުން ދެޓީމް އެއްވަރުވުމުން، ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގައިވެސް ނަތީޖާއަށް ބަދަލެއް ނައުމުން، ޕެނަލްޓީ ޖަހައިގެން ހަތަރު ލަނޑު އެއް ލަނޑުން މޮޅުވެގެންނެވެ.
ހަންގޭރީގެ ބުޑަޕެސްޓުގެ ޕުސްކާސް އެރީނާގައި ކުޅުނު މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސެވިއްޔާއިންނެވެ. ނަމަވެސް މިމެޗްގެ ފެށުން ރަނގަޅުވީ ރޯމާގެއެވެ. މިގޮތުން ރޯމާއިން ވަނީ ފުރަތަމަ ހާފްގައި ސެވިއްޔާގެ ގޯލަށް ނުރައްކާތެރި ދެތިން ހަމަލާ ފޮނުވާލާފައެވެ. އެއާއެކު ޖިއާންލޫކާ މަންޗީނީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ރޯމާގެ ފޯވަޑް ޕައުލޯ ޑިބާލާ ވަނީ ލަނޑެއް ޖަހައި، ފުރަތަމަ ހާފުގައި އެ ޓީމަށް ލީޑު ނަގާދީފައެވެ.
މިމެޗްގައި ސެވިއްޔާއިން ނަތީޖާ އެއްވަރުކުރި ލަނޑަކީ މެޗްގެ 55 ވަނަ މިނެޓްގައި ރޯމާގެ ޑިފެންޑަރ މަންޗީނީ ގައިގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެވެ. މިމެޗްގެ ދެވަނަ ހާފްގައި ސެވިއްޔާއިން ގިނައިރު ބޯޅަ ގެންގުޅުނު ނަމަވެސް، ލަނޑު ޖަހާނެ އެންމެ ރަނގަޅު ފުރުސަތު ލިބިފައިވަނީ ރޯމާ އަަށެވެ. ނަމަވެސް މެޗްގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރު ވަގުތުގެ ދެހާފްގައިވެސް ނަތީޖާއަށް ބަދަލެއް ނައުމުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ.
މިމެޗްގެ ޕެނަލްޓީ ޝޫޓް އައުޓްގައި މިދިޔަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ބައެއް ހަނދާންތައް އާވެގެންދިޔައެވެ. މިގޮތުން ވޯލްޑް ކަޕްގައި މޮރޮކޯއިން ފާހަގަވެގެންދިޔަ ހުނަރުވެރި ގޯލްކީޕަރ ޔަސީން ބޯނޯ ވަނީ ރޯމާގެ ރޮޖަރ އިބަނޭޒް އާއި މަންޗިނީ ފޮނުވާލި ދެ ޕެނަލްޓީ މަތަކޮށްފައެވެ. އަދި މިމެޗުން ސެވިއްޔާ މޮޅުވި ޕެނަލްޓީ ކާމިޔާބުކޮށްދިނީ ވޯލްޑް ކަޕްގެ ފައިނަލްގައި އާޖެންޓީނާއަށް އެންމެ ފަހު ޕެނަލްޓީ ކާމިޔާބުކޮށްދިން ގޮންޒާލޯ މޮންޓިއެލްއެވެ. އޭނާ ފުރަތަމަ ފޮނުވާލި ޕެނަލްޓީ ރޯމާގެ ކީޕަރ ރުއި ޕެޓްރީޝިއޯ މަތަކުރި ނަމަވެސް، އެ ޕެނަލްޓީ ޖެހުމުގެ ކުރިން ކީޕަރު ގޯލު ރޮނގަށް ވުރެ ކުރިއަށް އަރާފައިވުމުން އަލުން ޕެނަލްޓީ ޖަހަން ނިންމިއެވެ. އެއާއެކު ދެވަނަ ފަހަރުން ޕެނަލްޓީ ކާމިޔާބުކޮށް, މޮންޓިއެލް ވަނީ މިމެޗުން ސެވިއްޔާ މޮޅު ކޮށްދީފައެވެ.
މިކާމިޔާބީއާއެކު ސެވިއްޔާއިން މިވަނީ ޔޫރޮޕާ ލީގުގެ ފައިނަލްގައި ހަތްވަނަ ފަހަރަށް ވާދަކޮށް ހަތްވަނަ ފަހަރަށް ތަށި އުފުލާލާފައެވެ. މިއީ މިމުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ. އަދި މިކާމިޔާބީ އާއެކު މިއަންނަ ސީޒަންގެ ޔުއެފާ ޗެމްޕިއަންސް ލީގުން ސެވިއްޔާ ވަނީ ޖާގައެއް ކަށަވަރުކޮށްފައެވެ. އަދި މި ނަތީޖާއާއެކު ރޯމާގެ ކޯޗް ޖޯސޭ މޮރީނިއޯއަށް މިވަނީ ފުރަތަމަ ފަހަރަށް ޔޫރަޕްގެ މުބާރާތެއްގެ ފައިނަލުން ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ.