ޚަބަރު

ސްޓޫޑެންޓް ލޯނަށް ޝަރުތުހަމަވި ހުރިހާ ދަރިވަރުންނަށް ލޯނު ދެއްވަން ރައީސް ނިންމަވައިފި


ސްޓޫޑެންޓް ލޯނަށް މިއަހަރު ކުރިމަތިލި ދަރިވަރުންގެ ތެރެއިން ލޯނުގެ ޝަރުތު ފުރިހަމަވި ހުރިހާ ދަރިވަރުންނަށް ލޯން ދޫކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ. ސަރުކާރުން މިފަހަރު ސްޓޫޑެންޓް ލޯނުގެ ގޮތުގައި ހުޅުވައިލެއްވި 20 ފުރުޞަތެވެ. މި ފުރުޞަތުތަކަށް 1500 އަށްވުރެ ގިނަ ދަރިވަރުން ވަނީ ކުރިމަލައިފައެވެ.

ލޯނަށް ކުރިމަތިލި ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދޫކުރުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙްއްމަދު ޞާލިޙް އިޢުލާންކުރެއްވީ މިދިޔަ ދިރާސީ އަހަރު މަތީ ޘާނަވީ އިމްތިޙާން ނިންމި ދަރިވަރުންނަށް އިނާމް ދެއްވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

މަތީ އަރުތަވެރިންގެ އިނާމް ދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ދިވެހި ދަރިވަރުން ފޯރުންތެރިކަން ނެތިގެން ނުވަތަ ޢާއިލާއާ ވަކިން ބޭރަށް ދާންޖެހިދާނެތީ މަތީ ތަޢުލީމު ޙާޞިލުނުކުރެވިފައި ތިބެން މިހާރު ނުޖެހޭނެ ކަމަށެވެ. އަދި ރާއްޖޭން ބޭރުން އެކަން ކުރަން ބޭނުންވާ ކުދިންނަށް، ސްޓޫޑެންޓް ލޯން ސްކީމްގެ ދަށުންވެސް އެކަން ކުރެވޭނެކަމަށާއި، ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީން ޙާޞިލުކުރުމަށް ސަރުކާރުން ދޫކުރައްވާ ލޯނު ދެއްވުމުގައިވެސް މިއަހަރު ހެޔޮ ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި އަހަރު ސްޓޫޑެންޓް ލޯނަށް ކުރިމަތިލި ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވި 1225 ދަރިވަރުންނަށް ވެސް އެ ލޯން ދެއްވަން ނިންމާފައިވާ ކަމަށެވެ. މިއަހަރު ދެއްވާ 1225 ލޯނާއެކު، މި ދައުރުގެ ތެރޭގައި މިހާތަނަށް 3211 ދަރިވަރުންނަށް މަތީ ތަޢުލީމާއި ތަމްރީން ޙާޞިލްކުރުމަށް ލޯނު ދޫކުރައްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އެންމެ ބޮޑު ސަމާލުކަމެއް ދެއްވާނެ އެއް ކަމަކީ، ދިވެހި ދަރިންނަށް ރަނގަޅު ތައުލީމު ހޯދައިެއްވުމާއި މަތީ ތައުލީމާ ތަމްރީންގެ ދާއިރާ މިހާރަށްވުރެ ފުޅާކުރެއްވުމެވެ.

"އަޅުގަނޑު މި ނިންމީ، މިއަހަރު ސްޓޫޑެންޓް ލޯނަށް ކުރިމަތިލި ކުދިންގެ ތެރެއިން ޝަރުތު ހަމަވި 1225 ކުދިންނަށްވެސް އެ ލޯން ދޭން. މީގެ ތަފްސީލުތައް، ހަޔަރ އެޑިއުކޭޝަން މިނިސްޓަރ މާދަމާ ހިއްސާކުރައްވާނެ. މަތީ ތައުލީމާ ތަމްރީންގެ މިހާ ފަހި ފުރުސަތުތަކެއް، އެއްވެސް ސަރުކާރަކުން މީގެ ކުރިން ފަހިކޮށްދީފައެއް ނެތް" ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދިވެހި ދަރިވަރުން ތަޢުލީމީ ރޮނގުން ދާން ބޭނުންވާ ހިސާބަކަށް ގެންގޮސްދެއްވިމަށް ދިވެހި ސަރުކާރުން އަބަދުވެސް ތައްޔާރަށް އޮތްކަމަށެވެ. އެއްވެސް ކުއްޖަކު ބާކީނުކޮށް އަދި އެއްވެސް ތަފާތުކުރުމެއް ނެތި އެ ފުރުޞަތު ފަހިކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އާބާދީ ކުޑަވެގެން ނުވަތަ ކުދިން މަދުވެގެން ސްކޫލްގައި ކިޔަވައިނުދޭ ރަށެއް މިހާރު ނޯންނާނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ޘާނަވީ ނިންމުމަށްފަހު، މަތީ ޘާނަވީއަށް ކިޔެވުމުގެ ފުރުޞަތު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ތަނަވަސްވެފައިވާ ކަމަށާއި މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ވެސް ބައެއް އަތޮޅުތަކުގައި މިހާރު ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"މިދިޔަ އަހަރުގެ މަތީ ސާނަވީ އިމްތިހާންތަކުން އެންމެ ރަނގަޅު 10 ނަތީޖާ ހޯދި ދަރިވަރުންގެ މަގާމު ތިޔަ ދަރިވަރުން ހާސިލުކުރުމަކީ، ހަގީގަތުގަ މުޅި ގައުމަށް ލިބޭ އުފަލެއް. އަދި ގައުމުގެ ކުރިމަގާމެދު އުންމީދު އާލާވާ ކަމެއް. އެއީ ތިކުދިން އެކި ރޮނގުތަކުން މަތީ ތައުލީމު ހާސިލުކޮށްގެން، ރާއްޖެއަށް ކުރިއެރުމާއި ފާގަތިކަން ހޯދައިދިނުމަށް ނުކުތުމުގެ އުންމީދު. ތީގެ ތެރެއިން ކޮންމެ ދަރިވަރަކީ، ރާއްޖެއަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ދާއިރާތަކުން މަތީ ތައުލީމާ ތަމްރީން ހާސިލުކޮށްގެން، ގައުމީ ތަރައްގީގެ ޒިންމާތަކާ ހަވާލުވާނެ ދަރިއެއްކަން އަޅުގަނޑަށް ޔަގީން." ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވިއެވެ.

މިފަހަރު ސްޓޫޑެންޓް ލޯނަށް ކުރިމަތިލި ދަރިވަރުންގެ ތެރެއިން ހުރިހާ ދަރިވަރުންނަށް ލޯނު ދެއްވުމަށް ނިންމަވާފައިވާއިރު އެހެން އަހަރުތަކާ ޚިލާފަށް މިފަހަރުގެ ލޯނު ސްކީމްގެ ދަށުން ރާއްޖޭގައި ޑިޕްލޮމާ ލެވަލްއަށް ކިޔެވުމަށް ފުރުޞަތު ވަނީ ހުޅުވާލައްވައިފައެވެ. އަދި ދިވެހި ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވަމުންދާ ހުރިހާ ދަރިވަރުންނަށް އެ ދަރިވަރަކު ކިޔަވަމުންދާ ދާއިރާއިން އެޕްލިކޭޝަން ހުށަހެޅުމަށް ފުރުޞަތު ހުޅުއްވައިލައްވައި، އެ ދަރިވަރުންގެ ޓިއުޝަންފީގެ ތެރެއިން ފުރަތަމަ ޑިގްރީ ސްކީމުގެ ދަށުން ހަމަޖެހިފައި ނުވާ އެހެނިހެން ޚަރަދުތައް ހޯދުމުގެ ފުރުޞަތު ވެސް ވަނީ ހުޅުއްވައިލައްވައިފައެވެ.