ވިޔަފާރި

ރާއްޖޭގެ އުތުރާއި ދެކުނަށް ވެސް އެސްއެމްއީ ހަބެއް!


ރާއްޖޭގެ އުތުރާއި ދެކުނުގައިވެސް އެސްއެމްއީ ހަބެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީން ބުނެފިއެވެ.

ބީސީސީން މިހާރު އަންނަނީ މާލޭގައި ކާމިޔާބުކަމާއެކު އެސްއެމްއީ ހަބެއް ހިންގަމުންނެވެ.

އެސްއެމްއީ ހަބަކީ ރާއްޖޭގައި މީގެކުރިން ނެތް ތަފާތު ކޮންސެޕްޓެކެވެ. މި ހަބުގެ އެންމެ މުހިންމު އެއް ބޭނުމަކީ ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތަކަށް ފުރުޞަތުތައް ފަހިކޮށްދީ އެމީހުންގެ އުފެއްދުންތަކަށް މާރކެޓް ހޯދައިދީ އެ ވިޔަފާރިތައް އެހެން ހަރުފަތަކަށް ގެންދިއުމެވެ.

މާލޭގައި ބީސީސީން ތަރައްޤީކޮށްފައިވާ އެސްއެމްއީ ހަބް ރަސްމީކޮށް ހުޅުވާފައިވަނީ މިދިޔަ ޑިސެމްބަރުމަހުގެ 15 ވަނަ ދުވަހުއެވެ. މިތަނުގައި ތަފާތު ގިނަ ވިޔަފާރިތަކަކަށް ވަނީ ވިޔަފާރިކުރުމުގެ ފުރުޞަތު ފަހިކޮށްދީފައެވެ. މިތަނުގެ އެންމެ ތިރީގައި ހުންނާނީ ކެފޭއަކާއި، ގަހާއި، ދިވެހި ލިޔުންތެރިންގެ ފޮތްތައް ވިއްކާ ތަންތަނެވެ. އަދި އެންމެ ފުރަތަމަ ފަންގިފިލާ ޚާއްޞަކޮށްފައި ވަނީ ކާބޯތަކެތި ތައްޔާރުކުރާ ފަރާތްތަކަށެވެ. މި ފަންގިލާގައި ޒަމާނީ ފެންވަރަށް ތަރައްޤިކޮށްފައިވާ 19 ކިއޮސްކް ހުރިއިރު، އެ ތަންތަނުގައި ދިވެހި ވިޔަފާރިވެރިން ދަނީ ޙަރަކާތްތެރިވަމުންނެވެ.

މިހާރު 2 ވަނަ ފަންގިފިލާ ހުޅުވުމަށް ތައްޔާރުވަމުން އަންނައިރު އަންނައުނާއި، ސިނަމާ އާއި އަދި ސެލޫނަކާއި ގޭމިން އޭރިއާއެއް މިތަނުގައި ހުންނާނެއެވެ. މިތަނުގައި ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް ވެސް މިހާރު ވަނީ ފުރުޞަތު ހުޅުވާލައިފައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ޑިރެކްޓަރ އޮތެންޓިކް މޯލްޑިވްސް މުޙައްމަދު ޖައުޝަން ވިދާޅުވީ، މާލޭގެ އިތުރުން ރާއްޖޭގެ އުތުރާއި ދެކުނުގައި ވެސް އެސްއެމްއީ ހަބެއް ހުޅުވުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. މާލޭގެ އިތުރުން ރާއްޖޭގެ 2 ސަރަޙައްދެއްގައި އެސްއެމްއީ ހަބު ހުޅުވުމުގެ ބޭނުމަކީ އެ ސަރަޙައްދުތަކުގައި އުޅޭ ވިޔަފާރިތަކަށް ވެސް ފަހި ފުރުޞަތުތަކެއް ހޯދައިދީ އެމީހުންގެ ވިޔަފާރި ކުރިއެރުވުންކަމަށް އޭނާ ވިދާޅުވިއެވެ.

“އެސްއެމްއީ ހަބް މިއީ ރާއްޖެއަށް ވަރަށް އައު ކޮންސެޕްޓެއްވީމަ މިތަނުން ލިބޭ ތަރުހީބަށް ބަލާފައި އަޅުގަނޑުމެން މި މަޝްވަރާކުރެވެމުންދަނީ ރާއްޖޭގެ އުތުރާއި ދެކުނުގައި. ހދ. ކުޅުދުއްފުށި، އަދި އައްޑޫސިޓީގައި އެސްއެމްއީ ހަބެއް ހުޅުވުމުގެ ވާހަކަދެކެވެމުން މިދަނީ. ވަރަށް އަވަހަށް ކޮންސެޕްޓްނިމި އޭގެ އަމަލީ މަސައްކަތް ފެށޭނެކަމަށް މިބަލަނީ. ރާއްޖޭގެ އިތުރުގައިވެސް އަދި ދެކުނުގައިވެސް ވިޔަފާރިކުރާ ފަރާތްތަކަށްވެސް އެސްއެމްއީ ހަބްގެ ތެރެއިން ފަހި ފުރުސަތުތަކެއް ލިބިގެންދާނެ” ޖައުޝަން ވިދާޅުވިއެވެ.

ރާއްޖޭގެ އުތުރާއި ދެކުނުގައި ބީސީސީއިން ހުޅުވުމަށް ތައްޔާރުވަމުން އަންނަނ އެސްއެމްއީ ހަބްވެސް ހުންނާނީ މާލެއާ ދާދި އެއްގޮތަކަށެވެ. މި 2 ސަރަޙައްދުގައި ވެސް ވިޔަފާރިތަކަށް ފުރުޞަތުދޭއިރު މާލެއެކޭ އެއްގޮތަށް ސިނަމާއެއް ވެސް ހުންނާނެއެވެ.