ކުޅިވަރު

ފްރެންޗް އޯޕަން: ފުރަތަމަ ބުރުން މެޑްވެޑޭވް ބަލިވެއްޖެ


ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ފުރަތަމަ ބުރުން މުބާރާތުގައި ދެވަނައަށް ސީޑް ކުރެވިފައިވާ ރަޝިއާގެ ޑަނީލް މެޑްވެޑޭވް ބަލިވެއްޖެއެވެ.

މެޑްވެޑޭވް ފުރަތަމަ ބުރުން ބަލިވީ ކޮލިފައިންގ ކުޅެގެން މިމުބާރާތުން ޖާގަހޯދާފައިވާ ބްރެޒިލްގެ ތިއާގޯ ސޭބޯތު އާއި ބައްދަލުކުރިމެޗުން 3 ސެޓް ދެސެޓުންނެވެ.

މިމުބާރާތަށް ވަރަށްފޯމުގައި ކުރިމަތިލި މެޑްވެޑޭވްއަށް މިމެޗްގައި އެންމެ ރަނގަޅު ކުޅުން ދެއްކޭގޮތެއްނުވިއެވެ. މިގޮތުން ފުރަތަމަ ސެޓް ޓައިބްރޭކަކަށް ގޮސް ހަތެއް ހަޔަކުން ސޭބޯތު ކާމިޔާބުކުރި ކުރިއިރު ދެވަނަ ސެޓް ޓައި ބްރޭކަކަށް ގޮސް ހައެއް ހަތަކުން ކާމިޔާބުކުރީ މެޑްވެޑޭވްއެވެ. އަދި ތިންވަނަ ސެޓް ވަރަށް ފަސޭހަ ކަމާއެކު ދެއެއް ހަޔަކުން މެޑްވެޑޭވް ކާމިޔާބު ކުރުމުން އޭނާ ފޯމަކަށް އެޅުނު ކަމަށް ހީވި ނަމަވެސް ފަހު ދެސެޓް ހައެއް ތިނެއް އަދި ހައެއް ހަތަރަކުން ސޭބޯތު ކާމިޔާބުކޮށް މިމެޗް ގެންދިޔައެވެ.

ފްރެންޗް އޯޕަންގެ ކުރިން ބޭއްވި އިޓާލިއަން އޯޕަން ކާމިޔާބު ކޮށްފައިވުމާއެކު ވަރަށް ފޯމުގައި ހުރި މެޑްވެޑޭވް މިމުބާރާތާއި ކުރިމަތިލީ ދުނިޔޭގެ އެއްވަނަ ކުޅުންތެރިޔާގެ މަގާމް ހޯދުމުގެ އަޒުމާވެސް އެކުއެވެ. ސޭބޯތު ހާމަކުރިގޮތުގައި އޭނާ ކުޑައިރުންފެށިގެން މެޑްވެޑޭވް ކުޅޭތަން ދެކެމުން އަންނަ ކަމަށާއި މިފަދަ މުބާރާތެއްގައި އޭނާ ބަލިކުރެވުމަކީ ހުވަފެނެއް ހަގީގަތަކަށް ވުން ކަމަށެވެ. މެޗަށްފަހު މެޑްވެޑޭވް ވަނީ އޭނާއަށް ކްލޭ ކޯޓް މުބާރާތްތަކަކީ އޭހާ ގަޔާވާ މުބާރާތްތަކެއް ނޫންކަން ހާމަކޮށްފައެވެ. އަދި ކްލޭ ކޯޓް ސީޒަން އޭނާއަށް ނިމުމުން ހިތްހަމަ ޖެހިފައިވާކަމަށްވެސް އޭނާ ހާމަކުރިއެވެ.