ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ބަންޑާރަނައިބު އިތުބާރު ނެތްކަމުގެ މައްސަލާގައި ލިޔުމުން ޖަވާބުދާރީ ވެވަޑައިގެންފައިވާތީ އުފެދުނު ޚިޔާލުތަފާތުވުންތަކާއި ގުޅިގެން، ސުޕްރީމްކޯޓުގެ އިސްތިޝާރީ ލަފައެއް ހޯއްދެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ނިންމަވައިފިއެވެ.
ބަންޑާރަ ނާއިބު އިބްރާހީމް ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައަޅުއްވާފައިވަނީ، ރާއްޖެއާއި މޮރީޝަސްއާއި ދެމެދުގައިވާ ކަނޑުގެ ފުށުއަރާ ސަރަހައްދުގެ މައްސަލާގައެވެ. މި މައްސަލަ ހުށައެޅުއްވީ އިދިކޮޅު ޕީޕީއެމް، ޕީއެންސީއާއި، ޖުމްހޫރީ ޕާޓީއާއި، އެމްއެންޕީ އަދި ރައީސް ނަޝީދަށް ތާއީދުކުރާ މެމްބަރުންނެވެ.
މައްސަލަ ކުރިއަށް ގެންދިއުމަށް އާންމު ކޮމެޓީން ނިންމެވީ 2 ގަޑިއިރުގެ ބަހުސްއެއް ކުރިއަށް ގެންދިއުމަށެވެ. އޭގެ ތެރެއިން ބަންޑާރަ ނާއިބަށް ޖަވާބު ދާރީވެވަޑައިގަތުމަށް 30 މިނިޓް ދެއްވާ ގޮތަކަށެވެ. ބަންޑާރަ ނައިބު ނިންމެވީ ޤާނޫނު އަސާސީގެ 110 ވަނަ މާއްދާގެ (ށ)ގައި ވާގޮތުގެ މަތީން މަޖިލީހަށް ލިޔުމުން ޖަވާބުދާރީވެ ވަޑައިގެންނެވުމަށެވެ. އެމަނިކުފާނު ވަނީ ލިޔުމުން މަޖިލީހަށް ޖަވާބު ހުށަހެޅުއްވާފައެވެ.
މިމައްސަލާގައި އުފެދުނު ޚިޔާލު ތަފާތުވުންތަކާއިއެކު މަޖިލީހުގެ ރައީސް ވަނީ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ މެމްބަރުންނާއި މަޝްވަރާ ކުރައްވާފައެވެ. މިގޮތުން އެމްޑީޕީ، ޕީޕީއެމް، ޕީއެންސީ، އެމްއެންޕީގެ ލީޑަރުންނާއި އެކުގައި ކުރެވުނު މަޝްވަރާތަކުން ނަތީޖާއެއް ލިބިފައި ނުވާކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
"މަޖިލީހުގެ މެޖޯރިޓީ ޕާޓީ ނޫން ޕާޓީތައް ދެކި ވަޑައިގަންނަވާ ގޮތުގައި ޤާނޫނު އަސާސީ ބަޔާންކުރަނީ ބަންޑާރަ ނައިބް މިތަނަށް ހާޒިރުވެ ވަޑައިގަންނަވަން ޖެހޭކަމަށް. އަދި ޢާންމު ކޮމެޓީން އެގޮތަށް ނިންމާފައިއެވަނީ އެނޫން ގޮތަކަށް މިކަން ހިންގުމަށް ޤާނޫނު އަސާސީގައި ޖާގަ ނުދޭކަމަށް." މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
މަޖިލިސް ރައީސް ވިދާޅުވީ ޤާނޫނު އަސާސީއަށް ޢަމަލުކުރަން ފެށިފަހުން 2009 ވަނަ އަހަރު ޚާރިޖީ ވަޒީރުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ހުށަހެޅުނު ކަމަށެވެ. އެފަހަރު ޚާރިޖީ ވަޒީރު މަޖިލީހަށް ހާޟިރުވެ ވަޑައިގެން ޖަވާބު ދާރީވެ ވަޑައިގެންނެވިކަމަށެވެ. އެއަށްފަހު 2013 ވަނަ އަހަރުގެ އޭރުގެ ބަންޑާރަ ނައިބް އައިޝަތު އާޒިމާ ޝަކޫރުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ލިޔުމެއްވެސް ޖަވާބު ނުފޮނުވާ، މަޖިލީހަށްވެސް ވަޑައިގެންފައި ނުވާކަމަށެވެ. އެންމެ ފަހުވަގުތު ވިދާޅުވެފައިވަނީ އާލާސްކަންފުޅާ އުޅުއްވާކަމަށާއި،. އޭގެ ފަހުން ނެގުނު ނައިބް ރައީސް ޑރ.އަޙްމަދު ޖަމީލްގެ އިތުބާރު ނެތްކަމުގެ މައްސަލާގައިވެސް ލިޔުމެއް ނުފޮނުއްވާކަމަށް ރިޔާސަތުން ވިދާޅުވިއެވެ.
ޤާނޫނު އަސާސީގައި ބަންޑާރަ ނައިބަށާއި، ވަޒީރު މަޖިލީހުގެ ބޭފުޅުންނަށް ލިބިދީފައިވާ ހައްގަކީ ޕީޕީއެމް ޕީއެންސީ، އެމްއެންޕީ ބުނާގޮތުގައި ކިތާބީ ހެއްކާއިއެކުގައި ނުވަތަ ޑޮކިއުމަންޓްރީ ހެއްކާއި އެކުގައި ޖަވާބުދާރީވެވަޑައިގެންނެވުންކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ. މަޖިލީހުގައި ކުރެވުނު މަޝްވަރާތަކަށްފަހު މަޖިލީހުގެ ރައީސް ނިންމެވީ މިމައްސަލާގައި ސުޕްރީމް ކޯޓުގެ ލަފައެއް ހޯއްދެވުމަށެވެ.
"މިބާވަތުގެ ކަންކަމުގައި އަޅުގަނޑު ޖެހޭނީ އިސްތިޝާރީ ލަފައެއް ހޯދަން. ޤާނޫނު އަސާސީ މާނަކުރެވުނުއިރު، ނުވަތަ އެކުލަވާލިއިރު އޮތްގޮތާއި، މިބާވަތުގެ ޤާނޫނީ ވާހަކަތައް އަޅުގަނޑު އެދޭ ގޮތަކީ ސުޕްރީމްކޯޓުން ނިންމެވުން. އަޅުގަނޑު މިތާއިނދެ ޤާނޫނު އަސާސީއާއި ޚިލާފަށް ވަޒީރު ބޭފުޅަކު ވަކި ކުރުމުގެ މަސައްކަތް އިޖުރާޢަތުތައް ހިންގުން އެއީ އަޅުގަނޑަށް ކުރެވެން އޮތް ކަމެއް ނޫން." މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ.
މިމައްސަލާގައި ބަންޑާރަ ނައިބް ވިދާޅުވެފައިވަނީ އެމަނިކުފާނު ލިޔުމުން ޖަވާބު ހުށަހެޅުއްވީ ޤާނޫނު އަސާސީގެ 133 ވަނަ މާއްދާއިން ބަންޑާރަ ނައިބަށް ލިބިދޭ ދުސްތޫރީ ތަރަހައިގެ ތެރެއިންކަމަށެވެ. އެމަނިކުފާނު ވަނީ 37 ނުކުތާއެއްގެ މައްޗަށް އެކުލެވޭ ތަފްސީލީ ޖަވާބެއް ދެއްވާފައިކަމަށް ސަރުކާރުގެ މެންބަރުން ވިދާޅުވިއެވެ.