 
										
			ސަރުކާރުން މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޅަމުންދާ ޓާފް ފުޓްބޯޅަ ދަނޑުތަކުގެ ތެރެއިން ކުރިއަށް އޮތް ދެތިން މަސް ދުވަހުގެ ތެރޭގައި 50 ވަނަ ދަނޑު އަޅައި ނިމޭނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ. 
މިހާތަނަށް ގިނަ އަދަދެއްގެ ރަށްތަކެއްގައި ފުޓުބޯޅަ ދަނޑު އެޅިފައިވާއިރު، ގިނަ ރަށްތަކެއްގައި މިހާރުވެސް ދަނީ ދަނޑުގެ އެކި މަސައްކަތްތައް ކުރަމުންނެވެ. މިހާރު މަސައްކަތް ކުރިޔަށްގެންދާ ހުރިހާ ދަނޑުތައް ނިމުމުން ޖުމްލަ ދަނޑުތަކުގެ އަދަދު 120 އަށްވުރެ ގިނަވާނެއެވެ. 
މަޚްލޫފް ވިދާޅުވީ ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް މަތިން ދަތުރު ކުރަމުން ދާއިރު އެންމެ ފުރަތަމަ އަޅައިގަންނާނީ ބޮޑެތި ފުޓުބޯޅަ ދަނޑު ކަމަށާއި މި ސަރުކާރުން ކުރި މަސައްކަތްތައް ކުރިޔަށްއޮތް ޖީލުތަކަށް ފެނިގެންދާނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އަދި އުއްމީދަކީ މި ޓާފް ދަނޑުތަކާއެކު ހުނަރުވެރި ފުޓުބޯޅަ ކުޅުންތެރިންތަކެއް މުޅި ރާއްޖެއިންވެސް ފެނުން ކަމަށްވެސް ވިދާޅުވިއެވެ. 
ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަރައްގީ ކޮށްދެއްވަން ވައުދުވެވަޑައިގަތް ފުޓްބޯޅަ ދަނޑުތަކުގެ އަދަދަށްވުރެ، މި ދައުރުގެ މިހާތަނަށް ތަރައްގީކޮށްދެއްވި ދަނޑުތަކުގެ އަދަދު އިތުރެވެ. ރިޔާސީ އިންތިޚާބުގައި ޖުމްލަ 25 ރަށެއްގެ ފުޓްބޯޅަ ދަނޑު ތަރައްގީކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވިއިރު، މި ދައުރުގައި އެ އަދަދު މިހާރުވެސް ވަނީ ދެގުނަ އިތުރުވެފައެވެ. 
ގިނަ ރަށްތަކެއްގައި އަދިވެސް ސަބްބޭސްގެ މަސައްކަތްތައް ކުރިއަށްދާއިރު، މި ދަނޑުތަކުގެ މަސައްކަތް ކުރިޔަށްދަނީ އެ ރަށްތަކުގެ މަޝްވަރާއާއެކުއެވެ.