ކުޅިވަރު

މަހިބަދޫ ޕެލޭ ސްޓޭޑިއަމުގައި ލައިޓް ހަރުކުރަނީ


އދ. މަހިބަދޫ ޓާފް ދަނޑުގެ ނަން "ޕެލޭ ސްޓޭޑިއަމް" ގެ ނަމަށް ބަދަލުކުރުމާ ގުޅިގެން، އެ ދަނޑުގައި ލައިޓް ހަރުކުރަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފިއެވެ.

މަހިބަދޫގައި ގާއިމުކޮށްފައިވާ ޓާފް ފުޓްބޯޅަ ދަނޑަށް ޕެލޭ ސްޓޭޑިއަމުން ނަން ދޭން ނިންމީ ބްރެޒިލުގެ ފުޓްބޯޅަ ލެޖެންޑް ޕެލޭ މަރުވުމާ ގުޅިގެން، ކޮންމެ ގައުމެއްގެ އެއް ދަނޑަށް ޕެލޭގެ ނަމުން ނަން ދިނުމަށް ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އެދެވަޑައިގަތުމާ ގުޅިގެންނެވެ.

އެއާއެކު މަހިބަދޫގައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރަސްމިއްޔާތެގައި ޕެލޭ ދަނޑު ހުޅުއްވައިދެއްވީ އެފްއޭއެމުގެ ރައީސް ބައްސާމް އަދީލް ޖަލީލާއި، މަހިބަދޫ ކައުންސިލުގެ ރައީސް ރަޝާދު އަލީގެ އިތުރުން މަހިބަދޫ ދާއިރާގެ މަޖިލިސް މެންބަރު އަދި ކުރީގެ ތަޖުރިބާކާރު ފޯވާޑް އަޙްމަދު ތޯރިގް (ޓޮމް) އެވެ.

އެ ދަނޑު ހުޅުއްވައިދެއްވުމަށްފަހު ޕީއެސްއެމް ސްޕޯޓްސްއަށް ދެއްވި އިންޓަރވިއުއެއްގައި ބައްސާމް ވިދާޅުވީ މަހިބަދޫ ދަނޑުގެ ނަން ޕެލޭ ސްޓޭޑިއަމަށް ބަދަލުކުރުމާ ގުޅިގެން މިހާރުން މިހާރަށް އެ ދަނޑު އިތުރަށް ތަރައްގީކުރުމަށް އެންމެ ބޭނުންވާ ކަންތައްތަކާ ގުޅޭ ގޮތުން މަހިބަދޫ ކައުންސިލާއެކު މަޝްވަރާ ކުރެއްވި ކަމަށެވެ. އެއާއެކު އެންމެ މުހިންމު ކަމަކަށް ފާހަގަވީ އެ ދަނޑުގައި ލައިޓް ޖެހުން ކަމަށާއި، އެހެންކަމުން އެފްއޭއެމަށް އަންނަ ފީފާގެ މަޝްރޫއެއްގެ ދަށުން ދަނޑުގައި ލައިޓް ޖެހުމަށް މިހާރު ނިންމާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މަހިބަދޫ ކައުންސިލުގެ ރައީސް ރަޝާދު އަލީ ވިދާޅުވީ މަހިބަދޫ ދަނޑަށް ޕެލޭ ސްޓޭޑިއަމުގެ ނަން ދެވުމަކީ އެ ރަށު ކައުންސިލާއި، ރަށު ރައްޔިތުން ވަރަށް އުފަލާއެކު ބަލައިގަންނަ ކަމެއް ކަމަށެވެ. އަދި އެފްއޭއެމުގެ ރައީސްއާއެކު ކުރެވުނު މަޝްވަރާގައި އުއްމީދީ ނިންމުންތަކެއް ނިންމުނު ކަމަށާއި، ޕެލޭ ސްޓޭޑިއަމުގެ ނަމަށް ދަނޑު ބަދަލުވުމާއެކު، އެ ދަނޑު އިތުރަށް ތަރައްގީވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

މަހިބަދޫ ޓާފް ދަނޑުގެ ނަން ޕެލޭ ސްޓޭޑިއަމުގެ ނަމަށް ބަދަލުކުރުމާ ގުޅިގެން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ މަހިބަދޫގެ ރައްޔިތުންނާއި އެފްއޭއެމުގެ ރައީސް ބައްސާމަށް ޝުކުރުއަދާކުރައްވާފައެވެ. މަހިބަދޫ ޕެލޭ ސްޓޭޑިއަމް ހުޅުވުމުގެ ގޮތުން ވަނީ އެކުވެރިކަމުގެ މެޗެއްވެސް ކުޅެފައެވެ. މަހިބަދޫ ޓީމާ ދެކޮޅަށް ކުޅުނު އެ މެޗުން ޤައުމީ ފުޓްބޯޅަ ޓީމު މޮޅުވީ 5-0 ގެ ނަތީޖާއަކުންނެވެ.