ޚަބަރު

އޭއައިއޭގެ ބޯޑަށް ޝަޒުރާ، ބިޒްނަސް ސެންޓަރގެ ބޯޑަށް ލަމްޔާ


އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓުގެ ބޯޑަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މެންބަރަކު ޢައްޔަންކުރައްވައިފިއެވެ.

އޭއައިއޭގެ ބޯޑަށް ޢައްޔަންކުރެއްވީ ސ. ފޭދޫ، މޫންލައިޓު ޝަޒުރާ ޝާކިރެވެ. މީގެ އިތުރުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމުގައި ހުންނެވި، މއ. ނޫރީ، ލަމްޔާ އިބްރާހީމް، އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ދެވަނަ ދައުރަކަށް ޕްރައިވެޓައިޒޭޝަން ބޯޑުންވަނީ އައްޔަން ކުރައްވާފައެވެ.

އޭއައިއޭގެ ބޯޑަށް ޢައްޔަންކުރެއްވި ޝަޒުރާއަކީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓަރސް ޑިގްރީ ޙާޞިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި ޝަޒުރާއަކީ ރާއްޖޭގައި ހުންނަ މޮރިޝަސް ކޮމާރޝަލް ބޭންކުގެ އެޗްއާރު ރެޕްރެޒެންޓޭޓިވްގެ މަގާމާއި އައިލެންޑް އޭވިއޭޝަންގެ މެނޭޖަރ އެޑްމިނިސްޓްރޭޝަންގެ މަޤާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. ޝަޒުރާއަކީ މިހާރު އެފްޖޭއެސް ކޮންސަލްޓިންގެ ޑެޕިއުޓީ ޕްރޮޖެކްޓް މެނޭޖަރެވެ.

ބިޒްނަސް ސެންޓަރުގެ ބޯޑަށް ޢައްޔަންކުރެއްވި ލަމްޔާއަކީ ކުރިން އިކޮނޮމިކް މިނިސްޓްރީގެ އެކި މަޤާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އަދި ލަމްޔާ ވަނީ ޚަޒާނާ މޯލްޑިވްސް އާއި އެޗްޑީސީގެ ބޯޑު މެމްބަރުކަން ވެސް ކުރައްވާފައެވެ. ލަމްޔާ ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަންއިން ބެޗްލާ ޑިގްރީ ޙާޞިލުކުރައްވައިފައެވެ.

ޕީސީބީން ވިދާޅުވީ މި ދެބޭފުޅުން ޢައްޔަންކުރައްވާފައިވަނީ ޕީސީބީން ކުރިއަށްގެންދެވި ފައިނޭންޝަލް އަދި ގަވަރނަންސް ރިވިއުތަކުން ފާހަގަވެފައިވާ ކަންކަން ޙިއްޞާކުރައްވައި، އެކަންކަން އިޞްލާޙްކުރުމަށާއި އެ ކުންފުނިތައް ހިންގުމުގައި މިހާރު ދިމާވެފައިވާ ކަންކަން ޙައްލުކުރެއްވުމުގެ ގޮތުންކަމަށް ޕީސީބީން ވިދާޅުވެއެވެ.