ޚަބަރު

ރިފްޢަތާއި ޝާހިދު ދިފާޢުކޮށް، އީވާ ވަކިކުރެއްވުމަށް އެމްޑީޕީން ތްރީލައިން ވިޕެއް


ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ، އިތުބާރު ނެތް މައްސަލަތަކުގެ ތެރެއިން ބަންޑާރަ ނައިބް އިބްރާހިމް ރިފްއަތާއި ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ދިފާޢުކޮށް މަޖިލީހުގެ ނައިބް ރައީސް އީވާ ޢަބްދުﷲ މަޤާމުން ވަކި ކުރެއްވުމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ތްރީލައިން ވިޕެއް ނެރެފިއެވެ.

ބަންޑާރަ ނައިބް އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކުރައްވާފައިވަނީ މިހަފްތާގެ ބުދަ ދުވަހަށެވެ. ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކުރައްވާފައިވަނީ އަންނަ މަހުގެ 6 ވަނަ ދުވަހަށެވެ. މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް އެޖެންޑާ ކުރައްވާފައިވަނީ އަންނަ މަހުގެ 11 ވަނަ ދުވަހަށެވެ.

އިތުބާރު ނެތްކަމުގެ މިމައްސަލަތާކައި ގުޅޭގޮތުން މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްުން ބޭއްވި ބައްދަލުވުމުގައި ވަނީ މަޖިލީހުގެ ނައިބް ރައީސް އީވާ ޢަބްދުﷲ މަޤާމުން ވަކި ކުރެއްވުމަށް ތްރީލައިން ވިޕެއް ނެރުއްވާފައެވެ. އަދި މިނިސްޓަރ ޝާހިދާއި، ބަންޑާރަ ނައިބް ރިފްއަތު ދިފާޢު ކުރެއްވުމަށްވެސް ވަނީ ތްރީލައިން ވިޕު ނެރެފައެވެ.

ބަންޑާރަ ނާއިބާއި ޚާރިޖީ ވަޒީރުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ ރާއްޖެއާއި، މޮރިޝަސްގެ ކަނޑުގެ މައްސަލާގައި އިހުމާލުވުން އޮތްކަމަށް ބުނެއެވެ. ނަމަވެސް ވެރިކަންކުރާ މައި ޕާޓީން ވިދާޅުވީ ރާއްޖެ އާއި ޗާގޮސްއާ ދެމެދުގައިވާ ކަނޑުގެ ފުށުއަރާ ސަރަހައްދުގެ މައްސަލާގައި ދިވެހި ސަރުކާރުން ޢަމަލު ކުރައްވާފައި ވަނީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތަށް އިސްކަން ދެއްވައިގެން ކަމަށެވެ. އަދި މިމައްސަލަތަކުގައި ދެ ވަޒީރުންގެ އިތުބާރު އެޕާޓީއަށް އޮތްކަމަށް މަޖިލީހުގެ 55 މެމްބަރުން ތަމްސީލް ކުރައްވާ އެމްޑީޕީން ވިދާޅުވެފައިވެއެވެ.

މަޖިލީހުގެ ނައިބް ރައީސްކަމުގެ މަޤާމުން އީވާ ވަކި ކުރެއްވުމަށް ނިންމެވީ އޭނާ ތަމްސީލް ކުރައްވަމުންދިޔަ އެމްޑީޕީން ވަކިވެ ސަރުކާރަށް ފާޑުވިދާޅުވަމުންދާތީއެވެ.

މަޖިލިސް ޤަވާއިދު ބަޔާންކުރާގޮތުގައި މަޖިލީހުގެ ރައީސް ނުވަތަ ނާއިބު ރައީސް މަޤާމުން ވަކިކުރެވޭނީ، މަޖިލީހުގެ އެޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣްލަބިއްޔަތުން ފާސްކުރުމުންނެވެ. އަދި ވަޒީރެއްގެ އިތުބާރު ނެތްކަމަށް ފާސްކުރުމަށް މަޖިލީހުގެ 43 މެމްބަރުންގެ އަޤްލަބިއްޔަތު ބޭނުންވާއިރު އިދިކޮޅު ފަރާތްތަކަށް އޮތީ 29 މެންބަރުންގެ ތާއީދެވެ.