ޚަބަރު

އެމްއާރުއެމް އުވާލުން މަޑުޖައްސާލުމުގެ އަމުރު މުރާޖަޢާކުރައްވަނީ


މޯލްޑިވްސް ރީފޯމް މޫވްމަންޓް، އެމްއާރުއެމް އުވާލައްވަން އިލެކްޝަންސް ކޮމިޝަނުން ނިންމެވި ނިންމެވުމަށް ޢަމަލުކުރެއްވުން މަޑުޖައްސާލެއްވުމަށް ސިވިލް ކޯޓުން ނެރުއްވި ޢަމުރު މުރާޖާ ކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވައިފިއެވެ.

އެމްއާރުއެމް އުވާލައްވަން އިލެކްޝަންސް ކޮމިޝަނުން ނިންމެވީ ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބުނާ 3000 މެމްބަރުން ހަމަނުވެގެން ދެ ވަނަ ނޯޓިސްއެއް ދެއްވުމަށްފަހު މިމަހުގެ 24 ވަނަ ދުވަހުއެވެ.

މިމައްސަލާގައި އެމްއާރުއެމްއިން ވަނީ އިލެކްޝަންސްގެ ނިންމުން ބާތިލުކޮށްދިނުން އެދި ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅުމަށް މަސައްކަތް ކުރަމުންދާކަމަށް ކޯޓުގައި ދަންނަވާފައެވެ. އެމްއާރުއެމްއިން ކޯޓުގައި މިގޮތަށް ދެންނެވުމުން ކޯޓުން ވަނީ އިލެކްޝަންސްގެ ނިންމުމަށް ޢަމަލުކުރުން 30 ދުވަހަށް ފަސް ކުރުމުގެ ޢަމުރެއް ނެރުއްވައިފައެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ އެމްއާރުއެމް އުވާލުމަށް ނިންމި ނިންމުން މަޑުޖެއްސުމަށް ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރު މުރާޖަޢާކުރުމަށް ކޯޓަށް ހުށަހެޅުމަށް ނިންމަވާފައިވާކަމަށް ވިދާޅުވެފައެވެ.

ގާނޫނުގައި ބުނާ އަދަދު ހަމަނުވެއްޖެނަމަ ކޮމިޝަނުގެ ޖަލްސާއެއް ބާއްވައި ޕާޓީ އުވާލެވޭނެ ކަމަށް ޤާނޫނުގައިވެއެވެ.