ޚަބަރު

ފ.އަތޮޅުން ދެންނެވީ ހޫނު މަރުޙަބާއެއް، ރައީސްގެ ޔަގީންކަމަކީ ތަރައްޤީގައި މަޑުޖެހުމެއް ނެތްކަން


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ދެ ކަނބަލުން ފ.އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި އެއަތޮޅުގެ ރަށްތަކުން ދެންނެވި ހޫނު މަރުޙަބާ އާއި، އަދާކުރި މެހުމާން ދާރީއަށް އުންމީދީ ޖަވާބެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މިމަހުގެ 27 ން 28 އަށް ފ. އަތޮޅުގެ ނިލަންދޫ، ދަރަނބޫދޫ، މަގޫދޫ، ފީއަލި، އަދި ބިލެތްދުއަށް ވަޑައިގެން އެރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ހުރި ކަންބޮޑުވުންތައް އޮޅުން ފިލުއްވައިފައެވެ. މިދަތުރުފުޅުގައި ތަރައްޤީގެ މަޝްރޫޢުތައް އެމަނިކުފާނުވަނީ އިފްތިތާޙުކޮށްދެއްވާފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ދަރނބޫދޫއަށް ވަޑައިގެން އެރަށުގައި ތަރައްޤީކުރި ބަނދަރުވަނީ ހުޅުވައިދެއްވާފައެވެ. މިބަނދަރާއެކު ވޭތުވެދިޔަ 15 އަހަރު ވަންދެން ދަރނބޫދޫ ރައްޔިތުން ލަފާފުރުމުގައި އުފުލި ތަކްލީފްތަކަށް ނިމުން އައިސް ދަރަނބޫދޫ ރައްޔިތުންނަށްވަނީ ހިތްހަމަޖެހުން ލިބިފައެވެ.

މިދަތުރުފުޅުގައި ރައީސްވަނީ މަގޫދޫގެ ފެނާއި ނަރުދަމާގެ ނިޒާމްވެސް އިފްތިތާޙްކޮށްދެއްވާފައެވެ. އަދި އެރަށުގައި އަލަށް ޢިމާރާތްކުރި ފެނަކަ އޮފީސް ޢިމާރާތް ވެސް އެމަނިކުފާނު ވަނީ ހުޅުވާދެއްވާފައެވެ. މަގޫދޫގައި ޤާއިމްކުރި ފެނުގެ ނިޒާމަކީ "އިންޓަގްރޭޓެޑް ވޯޓާ ރިސޯސް މެނޭޖްމަންޓް" އާއި އެއްގޮތަށް ޑީސެލިނޭޓެޑް ފެނާއި ވާރޭފެން އެއްކުރެވިގެން ފެނުގެ ޚިދުމަތް ދެވިގެން ދާނެ ނިޒާމެކެވެ. މި ނިޒާމުގެ ދަށުން ދުވާލަކަށް 35 ޓަނުގެ ފެން އުފައްދާ ދެ އާރު.އޯ ޕްލާންޓް އާއި ފެން ރައްކާ ކުރުމަށް 230 ކިއުބިކް މީޓަރގެ 2 ޓޭންކު ބަހައްޓައި، 5.4 ކިލޯމީޓަރުގެ ފެނުގެ ވިއުގައެއް އަޅައި، 168 ގެއަށް ފެންގުޅައި ދީފައިވެއެވެ. އަދި ނަރުދަމާ ނިޒާމުގެ ދަށުން ދެ ޕަންޕިންގ ސްޓޭޝަން ހަދައި 4.2 ކިލޯމީޓަރގެ ހޮޅިއަޅައި، 168 ގެއަކަށް ނަރުދަމާގެ ޚިދުމަތް ގުޅައިދީފައިވެއެވެ.

ރައީސްގެ މިދަތުރުފުޅުގައި ބިލެތްދޫއަށް ވަޑައިގެން ބިލެތްދޫގެ ފެނަކަ އައު އިންޖީނުގެއާއި އޮފީސް ޢިމާރާތް ހުޅުއްވާދެއްވިއެވެ. ބިލެތްދޫގައި ކުރިން ހުރި 24 އަހަރުވީ އިންޖީނުގެ ހުރީ ރަށުގެ ސްކޫލު ކައިރީގައި ނަމަވެސް އާ އިންޖީނުގެއާ އޮފީސް ޢިމާރާތް ބިނާކޮށްފައިވަނީ ރަށުގެ ބަނދަރު ސަރަޙައްދުގައެވެ. އަލަށް ޢިމާރާތްކުރެވުނު އިންޖީނުގެއާއި އޮފީސް ޢިމާރާތަކީ އެންމެ މިޒަމާނުގެ ފެންވަރަށް ބިނާކޮށްފައިވާ ތަނެކެވެ. އިންޖީނުގޭގެ އޮފީސް ޢިމާރާތުގައި އެއްފަހަރާ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ޖާގަ މިހާރުވަނީ ތަނަވަސް ކުރެވިފައެވެ. މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ، ބިލެތްދޫ ސްކޫލުގެ މަލްޓި ޕަރޕަސް ހޯލުވެސް ހުޅުވައިދެއްވާފައެވެ. ފ.ބިލެތްދޫ ސްކޫލުގެ މަލްޓިޕަރޕަސް ހޯލަކީ، މި ދައުރުގައި ޢިމާރަތްކޮށް ނިމުނު 15 ވަނަ މަލްޓިޕަރޕަސް ހޯލެވެ.

އަދި ފީއަލީގައި ފެނަކައިން އިމާރާތްކުރި އައު އިންޖީނުގެއާއި އޮފީސް އިމާރާތާއި، އައިސްޕްލާންޓްވެސް ރައީސްވަނީ ހުޅުއްވައިދެއްވާފައެވެ. ފީއަލީގައި ސަރުކާރުން ބެހެއްޓި އައިސްޕްލާންޓަކީ، 25 ޓަނުގެ އައިސް އުފެއްދޭ އަދި 50 ޓަނުގެ އައިސް ސްޓޯރޭޖެއް އެކުލެވޭ އައިސްޕްލާންޓެކެވެ. އަދި ފީއަލީގެ އައު އިންޖީނުގެ އައު އޮފީސް އިމާރާތަކީ، ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދާއި ދުރުގައި އިމާރާތްކުރެވިފައިވާ ތަނެކެވެ. އެންމެ ޒަމާނީ ފެންވަރަށް އިމާރާތްކޮށްފައިވާ އައު އިންޖީނުގޭގެ އޮފީސް އިމާރާތުގައި އެއްފަހަރާ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ޖާގަ ތަނަވަސްކުރެވިފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައިވަނީ ތަރައްޤީއާ ގުޅުންހުރި މުހިންމު މެސެޖުތަކެއް ފ.އަތޮޅުގެ ރައްޔިތުންނަށް ދެއްވާފައެވެ.

ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ވަނީ ފ.އަތޮޅުގެ ރަށްރަށަށް އެމަނިކުފާނު ވަޑައިގެންނެވުމުން ކޮންމެ ރަށަކުންވެސް ގިނަ އަދަދެއްގެ ރައްޔިތުން ނިކުމެ ދެންނެވި ހޫނު މަރުޙަބާއަށާއި، އަދާކުރި މެހުމާންދާރީއަށް ޝުކުރު އަދާކުރައްވައިފައެވެ. ފ.އަތޮޅުގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އުންމީދީ މެސެޖެއް ވެސް ދަތުރުފުޅަށްފަހު ދެއްވައިފައެވެ. ރައީސް ވިދާޅުވީ ފ.އަތޮޅުގެ ތަރައްޤީއަށް އިތުރަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެދުނު ކަންތައްތައް ޙާޞިލްކޮށްދެއްވުމުގައި ސާބިތު ކަމާއެކު ދެމި ތިއްބަވާނެކަމަށެވެ.

"ފ.އަތޮޅުގެ ރައްޔިތުން ތަރައްޤީއަށް އިތުރަށް ބޭނުންވާ ކަންކަން ހާސިލްކޮށްދިނުމުގައި މިސަރުކާރުން ދެމިތިބޭނަން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި މަޖިލީހުގެ މިނިވަން މެމްބަރެއްގެ ކަމަށްވާ ނިލަންދޫ ދާއިރާގެ މެމްބަރު ޢަބްދުލް މުޙްސިން ޙަމީދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ ޙާޟިރުގައި އެމްޑީޕީއަށް ސޮއިކުރައްވާފައެވެ. އަދި އޭނާ ވަނީ ސަރުކާރާއެކު ސާބިތުކަމާއެކު ހުންނަވާނެކަމުގެ ޔަޤީންކަންވެސް ދެއްވައިފައެވެ. މުޙުސިން ވަނީ މިވީ އަހަރުތަކުގެ ތެރޭގައި ސަރުކާރުން ފ.އަތޮޅަށް ނުކޮށްދެއްވާހާ ގިނަ ކަންތައްތަކެއް މިސަރުކާރުން ކޮށްދެއްވައިފާތީ އެކަމަށް ރައީސް ޞާލިޙަށް ޝުކުރު އަދާކުރައްވައިފައެވެ.

ފ.އަތޮޅަށް ރައީސް ކުރެއްވި ދަތުރުފުޅުގައި އެމްޑީޕީގެ ތެރޭގައި އުފެދުނު ޚިޔާލު ތަފާތުވުންތަކުގެ ތެރެއިން ސަރުކާރާ ދެކޮޅަށް ހުންނެވި ކަމަށް އަޑުތައް ފެތުރުނު ބިލެތްދޫ ދާއިރާގެ މެމްބަރު އަޙުމަދު ޙަލީމްވެސް ވަނީ ރައީސް ޞާލިޙާއި މިސަރުކާރާއެކު ހުންނެވިކަމުގެ ޔަޤީންކަން އަރުވައިފައެވެ. އަދި އޭނާއަކީ އެއްވެސް މީހެއްގެ ނުފޫޒަކަށް ތަބާވާންޖެހޭ މީހެއް ނޫންކަމަށް ވެސް މެމްބަރު އަޙްމަދު ޙަލީމް ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ފ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ފ.އަތޮޅުގެ 5 ރަށުން އެމަނިކުފާނަށް ވަނީ ހޫނު މަރުޙަބާއެއް ދަންނަވައޮފައެވެ. އަދި ރައީސް ވަނީ ފ.އަތޮޅު ތަރައްޤީކުރުމުގައި ރައްޔިތުންގެ ބައިވެރިވުން ބޮޑުކުރައްވާނެކަމުގެ ޔަގީންކަން ވެސް ދެއްވައިފައެވެ.