މިދިޔަ ހުކުރުދުވަހުގެ ރޭ މާލޭ-ހުޅުމާލެ ހައިވޭގައި މީހަކު މަރުވި އެކްސިޑެންޓް ހިނގީ، ފުލުހުންގެ ޕިކަޕެއްގައި ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ސައިކަލެއް ޖެހިގެންކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
މި އެކްސިޑެންޓާ ގުޅޭގޮތުން އެކި ވާހަކަތައް ފެތުރެމުންދާ ދަނޑިވަޅެއްގައި ފުލުހުން ނެރުއްވި ބަޔާނުގައި ވަނީ އެކްސިޑެންޓް ހިނގަން މެދުވެރި ސަބަބު ބަޔާންކުރައްވައިފައެވެ.
ފުލުހުން ވިދާޅުވީ ހުކުރުދުވަހުގެ ރޭ މާލެއިން ހުޅުމާލެއަށްދާ ހައިވޭ ނުވަތަ ހަލިމަގުގެ ހަތަރުފުރޮޅުލީ އުޅަނދަށް ޚާއްޞަ ލޭނުގައި އެރޭ 8:00 ހާއިރުން ފެށިގެން ހުއްޓިފައި އޮތް ކާރެއް އޮތުމުން އެ ކާރު ނެގުމުގެ މަސައްކަތް ފުލުހުން ކުރިއަށް ގެންދިޔަ ކަމަށެވެ. އަދި އެކްސިޑެންޓް ހިނގީ މަގުމައްޗަށް ހުއްޓިފައި އޮތް ކާރު ނެގުމުގެ މަސައްކަތަށް ބޭނުންކުރި ފުލުހުންގެ ޕިކަޕެއްގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ޖެހިގެން ކަމަށެވެ. މިއެކްސިޑެންޓްގައި މަރުވި ސައިކަލް ދުއްވަން އިން 43 އަހަރުގެ ދިވެހި ފިރީހެނެކެވެ. އޭނާއަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ހޮސްޕިޓަލާ ޙަވާލާދީ ފުލުހުން ވިދާޅުވެއެވެ.
ފުލުހުން ވިދާޅުވީ އެކްސިޑެންޓްވި ސައިކަލު ދުއްވަމުން އައިސްފައިވަނީ ސައިކަލް ލޭނުގެ ބަދަލުގައި، ހަތަރު ފުރޮޅުލީ އުޅަނދު ދުއްވުމަށް ޚާއްޞަކޮށްފައި އޮންނަ ލޭނުންކަމަށެވެ. އަދި ފުލުހުންގެ މަސައްކަތަށް ބޭނުންކުރި ޕިކަޕު މަޑުކޮށްގެން އޮތީ ވެހިކަލް މަޑުކޮށްފައި އޮތްތަން އަންގައިދޭ ސިގުނަލް ޖައްސައިގެން ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
ފުލުހުންގެ ބަޔާނުގައި ވަނީ މިއެކްސިޑެންޓުގެ މައްސަލަ ތަޙްޤީޤު ކުރައްމުން ގެންދަވާކަމަށް ވިދާޅުވެފައި ވެއެވެ. އަދި އެއްގަމު އުޅަނދު ދުއްވުމަށް ކަނޑައަޅާފައިވާ ސްޕީޑަށްވުރެ ބާރަށް އުޅަނދު ނުދުއްވުމަށާއި، މަގުމަތީގައި ހުންނަ ޓްރެފިކް ނިޝާންތަކާ އެއްގޮތަށް އުޅަނދު ދުއްވުމަށް ވެސް ފުލުހުންގެ ބަޔާނުގައި އިލްތިމާސް ކުރައްވާފައިވެއެވެ.