ޚަބަރު

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި 3 ދިވެއްސެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފި


މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހައްޔުކުރި 3 ދިވެއްސެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، މި މީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅެ، އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މިމަހުގެ 15 ވަނަ ދުވަހުކަމަށެވެ. ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި މި 3 މީހުންގެ ތެރޭގައި ހިމެނެނީ އުމުރުން 28 އަހަރުގެ ފިރިހެނަކާއި، 32 އަހަރުގެ ފިރިހެނަކާއި، 31 އަހަރުގެ އަންހެނެކެވެ.

ކޯޓުން ތިން މީހުންގެ ބަންދަށް ފުރަތަމަ ކަނޑައެޅުއްވީ 10 ދުވަހެވެ. މި މުއްދަތު ހަމަވާތީ ބަންދާމެދު ގޮތެއް ނިންމުމަށް ދެވަނަ ފަހަރަށް ކޯޓަށް ޙާޟިރުކުރުމުން އަންހެން މީހާގެ ބަންދަށް 15 ދުވަސް އަދި 28 އަހަރުގެ މީހާގެ ބަންދަށް 30 ދުވަސް ކަނޑައަޅުއްވައިފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ. މީގެ އިތުރަށް 32 އަހަރުގެ މީހާ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ ޙަވާލުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި 3 މީހުން ހައްޔަރުކުރީ ކޮން ތަނަކުން، ކިހާ އަދަދެއްގެ މަސްތުވާތަކެއްޗާއެކުކަމެއް ފުލުހުން ހާމައެއް ނުކުރައްވައެވެ.