ދުނިޔޭގެ ވިޔަފާރި

ޝެއިންގެ ވިޔަފާރި އަލުން އިންޑިއާ އަށް


ޗައިނާގެ މަޝްހޫރު ފެޝަން ބްރޭންޑް ޝެއިން އިން އެމީހުންގެ ވިޔަފާރި އިންޑިއާގައި އަލުން ފަށައިފިއެވެ.

ކުންފުނީގެ އިންޑިއާ ވިޔަފާރި ހުއްޓާލާފައި އޮންނަތާ ތިން އަހަރު ފަހުން އަލުން ފަށަނީ އިންޑިއާގެ ރިލަޔަންސް ގްރޫޕްގެ ސަބްސިޑިއަރީ ކުންފުނި ރިލަޔަންސް ރީޓެއިލާއި ގުޅިގެން ކަމަށް ޝެއިންގެ ތަރުޖަމާނާ ހަވާލާދީ ހަބަރުތައް ބުނެއެވެ.

ރިލަޔަންސްއަކީ އިންޑިއާގެ މިހާރު ހުރި އެންމެ މުއްސަނދި މީހާ މުކޭޝް އަމްބާނީގެ ވިޔަފާރިއެކެވެ. ނަމަވެސް މި ކަމާ ބެހޭ މާބޮޑު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ޝެއިން އިން އެމީހުންގެ އިންޑިއާ ވިޔަފާރި ހުއްޓާލީ 2020 ވަނަ އަހަރުއެވެ. އެއީ އިންޑިއާ ޗައިނާ ބޯޑަރު މައްސަލައިގެ ދެ ގައުމުގެ ދެމެދުގައި ކޯޅުންތައް އިތުރުވެ ޗައިނާގެ ހިއްސާ އޮންނަ ވިޔަފާރިތައް އިންޑިއާގައި ހިންގުން މަނާކުރުމާގުޅިގެންނެވެ. އޭރު ޝެއިންގެ ހެޑްކުއާޓަރ ހުރީ ޗައިނާގައެވެ. ނަމަވެސް ފަހުން ވަނީ ސިންގަޕޫރަށް ބަދަލުކޮށްފައެވެ.

ޝެއިން އިން ވިއްކާ ބައެއް ހެދުންތައް އުފެއްދުމަށް މުވައްޒަފުން ލައްވާ މަޖުބޫރުން މަސައްކަތްކުރާކަމަށް ބުނާ މައްސަލަ ތަހުގީގުކުރުމަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ގްރޫޕަކުން މި މަހުގެ ކުރީކޮޅު ވަނީ ގޮވާލާފައެވެ.

ޝެއިންއިން ވަނީ އެމެރިކާ، އިނގިރޭސިވިލާތް އަދި ޔޫރަޕްގެ ޒުވާން ފިހާރަވެރިންގެ މައްޗަށް ކާމިޔާބު ހޯދަމުން އަންނަ ބޯހޯ އަދި އެސޮސް ފަދަ ވާދަވެރި ކުންފުނިތަކަށްވުރެވެސް ކުރި ހޯދާފައެވެ. މީގެ އިތުރުން 2021 ވަނަ އަހަރު އެމެރިކާގެ އެންމެ ގިނައިން ޑައުންލޯޑް ކުރެވޭ ޝޮޕިން އެޕްގެ ގޮތުގައި އައިއޯއެސް އަދި އެންޑްރޮއިޑް އެޕް ޗާޓްތަކުގައި ކުރު މުއްދަތެއްގެ ތެރޭގައި އެމެޒޯންއަށް ވުރެ ބޮޑު ކުރިއެރުމެއް ޝެއިން ވަނީ ހޯދާފައެވެ.