ޚަބަރު

ރިޔާސީ ޓިކެޓް ނާޡިމަށް އަރުވައި، އެމްއެންޕީގެ ކެމްޕޭން ފަށައިފި


ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި މޯލްޑިވްސް ނެޝަނަލް ޕާޓީ، އެމް.އެން.ޕީގެ ފަރާތުން ވާދަކުރެއްވުމަށް އެޕާޓީގެ ރިޔާސީ ޓިކެޓް، ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޡިމަށް އަރުވައިފިއެވެ.

ނާޡިމަށް އެމް.އެން.ޕީގެ ރިޔާސީ ޓިކެޓް އަރުވާފައިވަނީ އެކަމަށްޓަކާ އަރޓިފިޝަލް ބީޗުގައި މިރޭ ބޭއްވި ޚާއްސަ ޖަލްސާގައެވެ. އެމް.އެން.ޕީގެ ރިޔާސީ ޓިކެޓު ޕާޓީގެ ރާއީސަށް އަރުވާފައި މިވަނީ އެމް.އެން.ޕީގެ ރިޔާސީ ޕްރައިމަރީއަށް ހުޅުވާލި ފުރުޞަތުގައި ނާޡިމް ފިޔަވާ އިތުރު ބޭފުޅަކު ވާދަކުރައްވާފައި ނުވާތީއެވެ.

މި ރަސްމިއްޔާތުގައި ޕާޓީގެ ރިޔާސީ ޓިކެޓް ނާޡިމަށް އެރުވުމަށްފަހު، އެމަނިކުފާނުގެ ރިޔާސީ ކެމްޕޭންވެސް ވަނީ ރަސްމީކޮށް ލޯންޗްކޮށްފައެވެ. އެގޮތުން ކެމްޕޭން ލޯގޯއާއި، ޝިޢާރުކަމުގައިވާ "އުޖާލާ ޒަމާން" އަދި ކެމްޕޭންގެ ރަސްމީ ލަވަ މި ޖަލްސާގައި ވަނީ އިފްތިތާޙްކޮށްފައެވެ.

ރިޔާސީ ޓިކެޓާއި ޙަވާލުވެވަޑައިގަތުމަށްފަހު ޕާޓީގެ މެންބަރުންނާއި މުޚާތަބުކުރައްވާ އެމް.އެން.ޕީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނާޡިމް ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ރޭހަށް ނިކުމެވަޑައިގަތުމަށް އެމަނިކުފާނު ބޭނުންފުޅުވި ސަބަބުތަކާއި، މެނިފެސްޓޯގައި ހިމެނޭ މުހިއްމު ކަންކަމާއި، އެމަނިކުފާނު ގެންގުޅުއްވާނެ މުހިއްމު ސިޔާސަތުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަދައްކަވާފައެވެ.

ރިޔާސީ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހުއެެވެ. އަދި އިންތިޚާބުގެ 2 ވަނަ ބުރެއް ބާއްވަން ޖެހޭނަމަ ސެޕްޓެމްބަރު 30 ގައި ދެވަނަ ބުރުގެ ވޯޓުލުން ބޭއްވުމަށްވެސް ވަނީ ނިންމާފައެވެ.