ޚަބަރު

ނާއިބު ރަައީސްގެ އިލްތިމާސް: މަގުތައް ރައްކާތެރި ތަނަކަށް ހެދުމަށް އެއްބާރުލުންދެއްވާ


މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމާބެހޭ ފަރާތްތަކުން ކުރާ މަސައްކަތްތަކުގައި ހުރިހާ ފަރާތްތަކަކުންވެސް އެއްބާރުލުން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އިލްތިމާސްކުރައްވައިފިއެވެ.

އެމަނިކުފާނު މިފަދައިން އިލްތިމާސްކުރެއްވީ، ހުޅުމާލެ މަގުތަކުގައި ހަރުކުރާ "މަގުހުރަސް ބައްތި" އިފްތިތާޙްކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީގެ މައި އޮފީސް ކުރިމަތީ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވީ، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުންނާއި ކަމާބެހޭ އިދާރާތައް ކިތަންމެ ގިނަ މަސައްކަތްތަކެއް ކުރިކަމުގައިވީނަމަވެސް، ހުރިހާ އެންމެން މިކަމަށް ވިސްނައިގެން ސަމާލުކަން ނުދޭހާ ހިނދަކު، ސަލާމަތާއި ރައްކާތެރި ތަނަކަށް މަގުތަކެއް ނުހެދޭނެކަމަށެވެ. އަދި މިކަމުގައި ކޮންމެ މީހެއްގެވެސް ޒިންމާއެއް އެބައޮތްކަމަށާއި، މިކަމުގައި ވިސްނުން ބަދަލުކޮށް ސަމާލުކަން އަދިވެސް އިތުރަށް ދާންޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑު ހަމަ ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް، ޚާއްސަކޮށް ޒުވާނުންނަށް ގޮވާލަން ބޭނުންވަނީ އިލްތިމާސްކުރަން ބޭނުންވަނީ މިކަމުގައި އެއްބާރުލުން ދެއްވާށޭ. ތިމާ ވިސްނުންތެރިކަމާއެކު ސަމާލުކަންދިނީމަ ތިމާގެ ފުރާނައަށާއި އަނެކާގެ ފުރާނައަށޭ ސަމާލުކަން އެ ދެވެނީ" ނާއިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޤައިސް ވިދާޅުވީ، ސިނަމާލޭ ބްރިޖު މެދުވެރިކޮށް މާލެއާއި ހުޅުމާލޭ ގުޅުވާލުމާއެކު، ފާއިތުވި 5 އަހަރުގެ ތެރޭގައި ހުޅުމާލޭގެ އާބާދީ ވަރަށް ބޮޑުތަނުން އިތުރުވެފައިވާކަމަށެވެ. އަދި އިތުރުވި އާބާދީއާއެއްކޮށް މަގުތަކަށް ތޮއްޖެހުން އައިސް ޓްރެފިކަށްވެސް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަމަށެވެ.

ޤައިސް ވިދާޅުވީ، ހުޅުމާލޭގެ މަގުތަކުގައި ނުރައްކާތެރި ޙާދިސާތައް ހިނގާ މިންވަރު އިތުރުވެފައިވާކަން ފުލުހުންގެ ތަފާސްހިސާބުތަކުންވެސް ހާމަވާކަމަށެވެ. އެހެންކަމުން ހުޅުމާލޭގައި ދިރިއުޅޭ އެންމެހާ ރައްޔިތުންނަށް ހުޅުމާލޭގެ މަގުތަކަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމަށް ކުރާ މަސައްކަތުގައި މި ހަރުކުރެވޭ މަގުހުރަސް ބައްތިތަކަކީ އެޅޭ މުހިއްމު ފިޔަވަޅެއްގެގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.

"މި މަސައްކަތުގެ ދަށުން އަޅުގަނޑުމެން ދިވެހިރާއްޖެއަށް މުޅިން އަލަށް ޕެޑެސްޓްރިއަލް ލައިޓްސް ނުވަތަ މަގުހުރަސް ބައްތި އަޅުގަނޑުމެން މި އިންޑްރޮޑިއުސްކުރަނީ. އަޅުގަނޑުމެން މި އުއްމީދުކުރަނީ މިކަމަކީ ކުޑަކަމަށްވިޔަސް މިކަމަކީ އެތައް ބައެއްގެ މަގުމަތީގެ ރައްކާތެރިކަމަށް އިތުރުބާރެއްލިބި ރައްކާތެރިކަމެއް ލިބިގެންދާނެކަމަށް" ޤައިސް ވިދާޅުވިއެވެ.

ޤައިސް ވަނީ މަގުހުރަސްކުރުމުގައި މި ބައްތިތަކުގެ ބޭނުން ހިނގާ މީހުން ހިފުމަށާއި، އަދި ވެހިކަލް ދުއްވާ ފަރާތްތަކުންވެސް މި ލައިޓްތަކަށް ސަމާލުވެ، ރައްކާތެރިކަމާއެކު މަގު ހުރަސްކުރުމުގެ ފުރުޞަތު ދިނުމަށް ހުޅުމާލޭގެ މަގުތައް ބޭނުންކުރާ ފަރާތްތަކަށް އިލްތިމާސްކުރައްވާފައެވެ.

އެޗް.ޑީ.ސީއިން މަގުހުރަސް ބައްދިތައް ހަރުކޮށް އަދި ބޭނުންކުރަން ފަށާފައިވަނީ ހުޅުމާލޭގެ 2 ސަރަހައްދެއްގައެވެ. އެއީ ހުޅުމާލޭ ހޮސްޕިޓަލް ހިމެނޭ ސަރަޙައްދާއި، ހިޔާ ފްލެޓް ހިމެނޭ ސަރަޙައްދެވެ. މި ލައިޓްތައް އޮޕަރޭޓް ކުރަނީ ސޯލާ ހަކަތައިންނެވެ.

މީގެއިން ކޮންމެ ލައިޓެއްގައިވެސް ހުންނަ ބަޓަންއަށް ފިތާލުމުން އަމަލުކުރަންވީ ގޮތުގެ އިންޑިކޭޝަން ފެނިގެންދާނެއެވެ. އެގޮތުން ރަތް ބޮކީގައި މަޑުކުރަން، އަދި ހިނގައިގަންނަން ވީމައި އޭގެއިން ބުނެދޭނެއެވެ. އެ ބަޓަން އަށް ފިތާލުމުން ކަނޑައެޅިފައިވާ ވަކި ވަގުތެއްގެ ތެރޭގައި ހުރަސްކުރަން އިންޑިކޭޓް ކުރާއިރު، ހުރަސްކުރުމަށް ވެސް ވަކި ވަގުތެއް ލިބިގެންދާނެއެވެ.

އެޗް.ޑީ.ސީއިން ބުނީ އެކޯރޕަރޭޝަންގެ އަމާޒަކީ ހުޅުމާލޭގެ އެކި ސަރަޙައްދުތަކުގައި މިފަދަ ޖުމްލަ 8 ލައިޓެއް ހަރުކުރުންކަމަށެވެ.