ދުނިޔޭގެ ވިޔަފާރި

ލަންކާއަށް 1.3 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް


ސްރީ ލަންކާއަށް ލިބޭ ބޭރުގެ އިންވެސްޓްމެންޓްތައް މިއަހަރު 1.3 ބިލިއަން އެމެރިކާ ޑޮލަރަށް އަރާނެކަމަށް ސްރީލަންކާ ސަރުކާރުން ލަފާކޮށްފިއެވެ.

ސަރުކާރުގެ އޮފިޝަލަކާއި ހަވާލާދީ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ލަންކާއަށް މިހާރު ކުރިމަތިވެފައިވާ މާލީ ދަތިކަން އޮތް ނަމަވެސް، ބޭރުގެ އިންވެސްޓްމެންޓުތައް އިތުރުވާނެއެވެ.

ހަބަރުތައް ބުނާގޮތުން މުޅިން އައު 22 މަޝްރޫއަކަށާއި ދެ މަޝްރޫއު ފުޅާކުރުމަށް މިހާރުވެސް 600 މިލިއަން އެމެރިކާ ޑޮލަރުގެ ހުށަހެޅުންތަކެއް ވަނީ ލިބިފައެވެ.

ސްރީލަންކާގެ ބޯޑު އޮފް އިންވެސްޓްމަންޓް، ބީއޯއައިގެ ޑިރެކްޓަރ ޖެނެރަލް ރޭނޫކާ ވީރްކޯނޭއާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުން މައުދަނުގެ ބާވަތެއްކަމަށްވާ މިނަރަލް ޕްރޮސެސް ކުރުމަށް 20 މިލިއަން އެމެރިކާ ޑޮލަރުގެ އެއްބަސްވުމެއްގައި އިންޑިއާގެ އެމްސީއެސް ގްރޫޕުން ވަނީ ސޮއިކޮށްފައެވެ. މީގެއިތުރުން ޖަޕާނާއި ޗައިނާއިންވެސް މިނަރަލް ޕްރޮސެސް ކުރުމަށް ޝައުގުވެރިވާކަން ފާޅުކޮށްފައިވާކަމަށް އޭނާ ބުންޏެވެ.

މިނަރަލް، އިންފޮރމޭޝަން ޓެކްނޮލޮޖީ، އަދި ހަކަތައިގެ ދާއިރާއަށް އިންވެސްޓްމެންޓުތައް އިތުރުކުރުމަށް ލަންކާއިން އަންނަނީ މަސައްކަތްކުރަމުންނެވެ.

ލަންކާއަށް މިދިޔަ އަހަރު ލިބުނު ބޭރުގެ އިންވެސްޓްމަންޓްތަކުގެ އަދަދު އޭގެކުރީ އަހަރާއި އަޅާބަލާއިރު 38 އިންސައްތަ އިތުރުވެ، 1.08 ބިލިއަން ޑޮލަރަށް ވަނީ އަރާފައެވެ.

ޗައިނާއިން މިހާތަނަށް ތިން ބިލިއަން އެމެރިކާ ޑޮލަރު އިންވެސްޓްކޮށްފައިވާއިރު، އިންޑިއާ އިން ޖުމްލަ 1.3 ބިލިއަން އެމެރިކާ ޑޮލަރު ލަންކާއަށް ވަނީ އިންވެސްޓްކޮށްފައެވެ. ނަމަވެސް ފާއިތުވި ދެ އަހަރު ދުވަހު ލަންކާއަށް އެންމެ ގިނައިން އިންވެސްޓްކޮށްފައި ވަނީ އިންޑިއާ އިންނެވެ. މިދިޔަ އަހަރު ލަންކާއަށް އެންމެ ގިނައިން އިންވެސްޓްކުރި ގައުމަކަށް ސައުދީ އަރަބިއާ ވެފައިވާއިރު އޭގެކުރިން 2021 ވަނަ އަހަރު އެ ގައުމަށް އެންމެ ގިނައިން އިންވެސްޓްކޮށްފައި ވަނީ ނެދަރލޭންޑްސް އިންނެވެ.