ވިޔަފާރި

އިއާދަކުރަނިވި ހަކަތައަށް އިންވެސްޓްމަންޓް ލިބޭނެކަން ރާއްޖެއިން ސާބިތުކޮށްދޭ: ވޯލްޑް ބެންކު


ވަށައިގެންވާ ނާޒުކު ތިމާވެއްޓަށް އޮތް ނުރައްކަލުގެ އިތުރުން ރާއްޖެފަދަ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް އިޤްތިޞާދީގޮތުންވެސް ހިރާސްތަކެއް އަބަދުވެސް އޮވެއެވެ. ސިންދަފާތުކުރެވިފައިވާ އިޤްތިޞާދެއް ނެތުމުގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް އަސަރުކުރާފަދަ ބޮޑެތި ކަންކަމުން ކުދި ޖަޒީރާ ޤައުމުތަކަށް ލިބޭ ގެއްލުން ބޮޑެވެ. ރާއްޖެއަށް ބަލާނަމަ ޤައުމީ އުފެއްދުންތެރިކަމުގެ ނުވަތަ ޖީޑީޕީ 10 އިންސައްތަ ނުވަތަ 8 ވަރަކަށް ބިލިއަން ރުފިޔާއަކީ ހަކަތަ ނުވަތަ ތެލުގެ އެކި ބާވަތްތައް އިމްޕޯޓްކުރުމަށް ހޭދަކުރާ މިންވަރެވެ. އަދި މިދިޔަ އަހަރުތަކުގައި މިއަދަދު ވަނީ ވަރަށް ބޮޑަށް މައްޗަށްވެސް ގޮސްފައެވެ. ތެލުގެ އަގު ބޮޑުވުމުގެ އަސަރު ރައްޔިތުންނަށް ނުކުރާނެކަން ޔަގީންކުރުމަށް ސަރުކާރުން ސަބްސިޑީ ދިންނަމަވެސް އެއީ ދެމެހެއްޓެނިވި ގޮތެއް ނޫނެވެ. އެހެންކަމުން އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް އިންވެސްޓްމަންޓްތައް ޤާއިމްކޮށް، އެކަމަށް ސަރުކާރުން ވަނީ މަސައްކަތް ފަށާފައެވެ.

ވޯލްޑް ބެންކު ގްރޫޕާއި އައިއެމްއެފްއިން މިމަހު ކުރީކޮޅު ބޭއްވި މަތީ ފަންތީގެ ޕެނަލް ބައްދަލުވުމެއްގައި ވަނީ އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތް ފާހަގަކޮށް، އެއީ ނަމޫނާއެއްކަމަށް ބުނެފައެވެ.

ތިމާވެށީގެ ގޮތުން ރާއްޖެއަށް އޮތް ނުރައްކާގެ މިންވަރަށް ރިއާޔަތްކޮށް ރާއްޖެއިން ދަނީ އިއާދަކުރަނިވި ހަކަތަ އުފައްދާ މިންވަރު އިތުރުކޮށް، ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތަށް ކުރިއަށްވުރެ ބޮޑު އަހަމިއްޔަތުކަމެއް ދެމުންނެވެ. އަދި 2030 ވަނަ އަހަރަށްދާއިރު ޖައްވަށް ވިހަ ގޭސް ދޫކުރުން އެއްކޮށް ނިމުމަކަށް ގެނައުމަށް އަމާޒެއް ވަނީ ކަނޑައަޅާފައެވެ.

ތެލަށް އެތައް ބިލިއަން ރުފިޔާއެއް ހަރަދުކުރާ ރާއްޖެއިން އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމަކީ އިޤްތިޞާދީގޮތުން ފައިދާކޮށް، މާލީގޮތުން ލުއިތަކެއް ލިބޭނެ މަސައްކަތެއްކަމަށްވިޔަސް، އެކަމަށް އިންވެސްޓްކުރާނެ ފައިސާ ހޯދުމަކީ ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ފަސޭހަކަމެއް ނޫނެވެ.

އިންޓަރނޭޝަނަލް ރެނިއުބަލް އެނަރޖީ އެޖެންސީ އައިރީނާއިން ބުނާގޮތުން އިއާދަކުރަނިވި ހަކަތައިގެ ރޮނގުން 2030 ވަނަ އަހަރާއި ހަމައަށްދާއިރު ކުދި ޖަޒީރާ ޤައުމުތަކުން ހާސިލްކުރަން ބޭނުންވާ އަމާޒުތަކަށް ވާސިލުވުމަށް 5.9 ބިލިއަން ޑޮލަރު ބޭނުންވެއެވެ. ރާއްޖެފަދަ ޤައުމުތަކަކީ އަމިއްލައަށް މިފަދަ އިންވެސްޓްމަންޓްތައް ޤާއިމްކުރުމުގެ ޤާބިލްކަން އިޤްތިޞާދީގޮތުން ނެތް ޤައުމުތަކަކަށްވުމުން މިކަމުގައި އެހީތެރިވެވޭނީ ޕްރައިވެޓް ސެކްޓަރއިން އިންވެސްޓްކޮށްގެންކަމަށް ތަޖުރިބާކާރުން ޤަބޫލުކުރެއެވެ. ނަމަވެސް އިއާދަކުރަނިވި ހަކަތައިގެ ދާއިރާއަށް މިފަދަ ބޮޑެތި އިންވެސްޓްމަންޓްތަކެއް ގެނައުމަށޤ ޕްރައިވެޓް ސެކްޓަރއިން ތައްޔާރަށް އޮތްކަމާއިމެދު ގިނަ ބަޔަކު ޝައްކު އުފައްދައެވެ، ބަޔަކު ޝައްކުކުރިނަމަވެސް ވޯލްޑް ބެންކުން އެކަމާއި މެދު ޝައްކެއް ނުކުރެއެވެ.

ވޯލްޑް ބެންކުން ބުނީ ރާއްޖޭގައި އެ އިދާރާއިން ހިންގާ އިއާދަކުރަނިވި ހަކަތައިގެ ދެ މަޝްރޫޢަކަށް ފައިސާ އިންވެސްޓްކުރުމަށް އެކުލަވާލާފައިވާ އޮނިގަނޑުގެ ސަބަބުން، މިފަދަ މަޝްރޫޢުތަކަށް އިންވެސްޓަރުންގެ ޝައުޤުވެރިކަން އިތުރުކުރެވިދާނެކަން ސާބިތުވެފައިވާކަމަށެވެ.

ވޯލްޑް ބެންކުން ރާއްޖޭގައި ހިންގާ އިއާދަކުރަނިވި ހަކަތައިގެ ދެ މަޝްރޫއަކީ، އެސްޕަޔަރ އަދި އެރައިސް މަޝްރޫޢެވެ. މި ދެ މަޝްރޫޢުގެ ދަށުން 53.5 މެގަވޮޓްގެ ސޯލާ ޕެނަލްތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ހަރުކޮށް، 40 މެގަވޮޓްގެ ބެޓަރީ ސްޓޯރޭޖް ޤާއިމްކުރާނެއެވެ. އަދި މިހާރު ބޭނުންކުރާ ކަރަންޓް ގްރިޑްތަކަކީ އިއާދަކުރަނިވި ހަކަތަވެސް ފޯރުކޮށްދޭ ގްރިޑްތަކަކަށް އަޕްގްރޭޑްކުރުންވެސް މި މަސައްކަތުގެ ތެރޭގައި ހިމެނެއެވެ.

ވޯލްޑް ބެންކުން މިމަޝްރޫއުތައް ރާއްޖޭގައި ފެށީ 12.4 މިލިއަން ޑޮލަރުގެ ފައިނޭންސްއިން ކަމަށްވިޔަސް، ވޯލްޑް ބެންކުން ވަނީ ޕްރައިވެޓް ސެކްޓަރއިން 140 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓްތަކެއް މިމަޝްރޫއުތަކަށް ހޯދާފައެވެ. އެ އިންވެސްޓަރުން މިކަމަށް ފައިސާ ހަރަދުކުރީ، އިންވެސްޓްމަންޓަށް ގެއްލުން ނުލިބޭކަން ޔަގީންކޮށްދޭން މިފަދަ ކަންކަމަށް އެހީތެރިވާ ދެ ބެންކަކުން ދިން ޔަގީންކަމާއި އިތުބާރުގެ ސަބަބުންނެވެ.

އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން، އައިޑީއޭ އާއި މަލްޓިލެޓަރަލް އިންވެސްޓްމަންޓް ގެރެންޓީ އެޖެންސީ، އެމްއައިޖީއޭއިން އިންވެސްޓަރުންނަށް ދިން ޔަގީންކަމާއެކު، އިއާދަކުރަނިވި ހަކަތައަށް އިންވެސްޓްކުރުމަށް ކުންފުނިތަކުން ފަސްޖެހުން ނިމުމަކަށް ގެނެވުނެވެ.

2014 ވަނަ އަހަރު ރާއްޖޭގައި ފެށި ސޯލާ ހަރުކުރުމުގެ ފުރަތަމަ ޕްރޮޖެކްޓަށް ޝައުޤުވެރިކަން ފާޅުކުރީ އެންމެ 4 ކުންފުނިންނެވެ. ނަމަވެސް 2020 ވަނަ އަހަރު އެ އަދަދު ވަނީ 25 އަށް އިތުރުވެފައެވެ. އަދި 2022 ވަނަ އަހަރު އެ އަދަދު ވަނީ 63 އަށް އިތުރުވެފައެވެ. ޕްރައިވެޓް ސެކްޓަރ އިންވެސްޓްމަންޓްތައް މިކަމަށް އިތުރުވި ވަރަކަށް ސަރުކާރާއި ރައްޔިތުންގެ އަތުން މިކަމަށް ހޭދަވާ މިންވަރު ކުޑަވެއެވެ. އެއީ އިއާދަކުރަނވި ހަކަތައިން އުފައްދާ ކަރަންޓް ސަރުކާރަށް ވިއްކާނީ އެކަމަށް އިންވެސްޓްކުރާ ޕްރައިވެޓް ކުންފުނިތަކުންނެވެ. މިއީ ބީލަމުގެ އުސޫލުން ހިނގާ މަސައްކަތެއްކަމުން ސަރުކާރުން ބިޑް އެވޯޑްކުރާނީ އެންމެ ކުޑަ އަގެއްގައި އެ ކަރަންޓް ސަރުކާރަށް ފޯރުކޮށްދޭ ކުންފުންޏަކަށެވެ. އެހެންކަމުން ގިނަ ކުންފުނިތަކުން މިކަމަށް ކުރިމަތިލާނަމަ އެ އަގުވެސް ދާނީ ދަށަށެވެ. މިގޮތުން ރާއްޖޭގައި އިއާދަކުރަނިވި ހަކަތައިގެ ޔުނިޓަކަށް ޖެހޭވަރު އުޅުނީ 3.21 ރުފިޔާގައެވެ. ނަމަވެސް ޕްރައިވެޓް ސެކްޓަރގެ ބައިވެރިވުން ބޮޑުވުމާއެކު މިހާރު އިއާދަކުރަނިވި ހަކަތައިގެ ޔުނިޓަކަށް ޖެހޭވަރު އުޅެނީ 1.50 ރުފިޔާގައެވެ. މިއީ ތެޔޮ އަންދައިގެން ވިއްކާ ކަރަންޓަށްވުރެ ކުޑަ އަގެކެވެ.

ވޯލްޑް ބެންކުން ލަފާކުރާ ގޮތުގައި މިހާރު ކުރިއަށްދާ އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއުތައް ނިމުމާއެކު ކުރިއަށް އޮތް 25 އަހަރު ތެރޭގައި ރާއްޖެއިން ތެލަށް ކުރާ ހޭދަ 750 މިލިއަން ޑޮލަރުން، 30 މިލިއަން ޑޮލަރަށް ކުޑަވެގެންދާނެއެވެ. ދިވެހި ރުފިޔާއިން ބަލާނަމަ އަހަރަކަށް އެ ސަލާމަތްކުރެވެނީ 11 ބިލިއަނެއްހާ ރުފިޔާގެ އާމްދަނީއެކެވެ. މިއީ ރައްޔިތުންނަށް ބޭނުންވާ ތަރައްޤީގެ މަޝްރޫޢުތަކާއި ރައްޔިތުންނަށް ފޯރުކޮށްދޭ އެކި ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ސަލާމަތްކުރެވޭނެ ފައިސާއެކެވެ. ކުދި ޖާޒީރާ ޤައުމެއްގައި ޕްރައިވެޓް ސެކްޓަރއިން އިންވެސްޓްކޮށްގެން އިއާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތައް ނުހިންގޭނެކަމަށް ޤަބޫލުކުރާކުރުން ނިމުމަކަށް ގެނެސް، ވޯލްޑް ބެންކުން މިއަދު މިސާލެއްގެ ގޮތުގައިވެސް ދައްކަނީ ރާއްޖެއެވެ. ރާއްޖެއިން އެކަން ސާބިތުކޮށްދީފިކަމަށް ބައިނަލްއަޤްވާމީ މުޖްތަމަޢުން ޤަބޫލުކޮށް، މަތީ ފަންތީގެ ފޯރަމްތަކުގައި އެވާހަކަތައް އެ ދަނީ ދައްކަމުންނެވެ.