ކުޅިވަރު

ޤައުމީ ފުޓްސަލް ލީގު ޖުލައި މަހު ބާއްވަން މަސައްކަތްކުރަނީ


ޤައުމީ ފުޓްސަލް ލީގު އަންނަ ޖުލައި މަހު ބޭއްވޭތޯ މަސައްކަތްކުރަމުން އަންނަ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

އެފްއޭއެމުގެ އަހަރީ އާންމު ޖަލްސާއަށްފަހު މީޑިއާއާ ވާހަކަ ދައްކަވަމުން ބައްސާމް ވިދާޅުވީ، ކުރިން އިއުލާންކުރި ގޮތަށް ފުޓްސަލުގެ ޤައުމީ މުބާރާތް ބޭއްވުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި، އެކަން ކުރާނީ ބަޔަކާ ހަވާލުކޮށްގެން ކަމަށެވެ. އަދި ޤައުމީ ފުޓްސަލް ލީގު ބާއްވަން އެ ފަރާތާއެކު މިހާރު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށާއި، ވަރަށް އަވަހަށް އެއްބަސްވުމެއްގައި ސޮއިކޮށް، ފުޓްސަލް މުބާރާތް އަންނަ ޖުލައި މަހު ނޫނީ އޯގަސްޓް މަހު ބޭއްވުމަށް މަސައްކަތް ކުރާ ކަމަށްވެސް ވިދާޅުވިއެވެ.

ބައްސާމް ވިދާޅުވީ ޤައުމީ ފުޓްސަލް ލީގު ބާއްވަން ހަވާލުކުރާ ފަރާތަކީ އެކަމުގެ ޤާބިލު ފަރާތެއް ކަމަށާއި، އެ ހުރިހާކަމެއް ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި އިއުލާން ކުރެވިގެންދާނެ ކަމަށެވެ.

ޤައުމީ ފުޓްސަލް ލީގެއް ބޭއްވުމުގެ އަޑުތައް ގަދަވީ މިދިޔަ މާޗު މަހު ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ފުޓްސަލް ނުހިމެނުމުންނެވެ. އެ ފަހަރު ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވިދާޅުވީ، ފުޓްސަލުގެ ޤައުމީ މުބާރާތެއް ނުބާއްވާ ހިނދަކު ފުޓްސަލުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޮވެން ނެތް ކަމަށެވެ.

އެއާއެކު އެފްއޭއެމް އާއި ސަރުކާރު ގުޅިގެން ބޭއްވުނު މަޝްވަރާތަކަށްފަހު، އެފްއޭއެމުން ވަނީ މި އަހަރު ޤައުމީ ފުޓްސަލް މުބާރާތެއް ބާއްވާނެކަން އިއުލާންކޮށްފައެވެ.