ޚަބަރު

ރިޔާސީ އިންތިޚާބުގައި 8 ޤައުމެއްގައި ވޯޓު ފޮށި ބަހައްޓަނީ


މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ދިވެހިން ދިރިއުޅޭ ޤައުމުތަކުގެ ތެރެއިން 8 ޤައުމެއްގެ ވޯޓު ފޮށި ބެހެއްޓެވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވައިފިއެވެ.

ރިޔާސީ އިންތިޚާބުގައި ރާއްޖެއާއި، ރާއްޖެއިން ބޭރުގައި ބަހައްޓާ ވޯޓުފޮށިތަކާއިއެކު 600 އަށްވުރެ ގިނަ ވޯޓުފޮށި ބެހެއްޓުމަށް ނިންމާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

ރިޔާސީ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހުއެެވެ. އަދި އިންތިޚާބުގެ 2 ވަނަ ބުރެއް ބާއްވަން ޖެހޭނަމަ ސެޕްޓެމްބަރު 30 ގައި ދެވަނަ ބުރުގެ ވޯޓުލުން ބޭއްވުމަށްވެސް ވަނީ ނިންމާފައެވެ.

އިލެކްޝަނުން ގެންދަވަނީ އިންތިޚާބުގެ ކަންކަން ވީހާވެސް ރަނގަޅަށް ކުރިއަށް ގެންދިއުމަށް ދުރާލައި ޓައިމްލައިނެއް ކަނޑައަޅުއްވާ މަސައްކަތް ކުރައްވަމުންނެވެ. ކޮމިޝަނުން ގެންދަވަނީ މިއަހަރުގެ އިންތިޚާބުގައި ވީހާވެސް ގިނަ ބަޔަކަށް ވޯޓުލުމުގެ ފުރުޞަތު ދެއްވުމަށްޓަކައި ރާއްޖެއިން ބޭރުގައިވެސް 150 އަށްވުގެ ގިނަ މީހުން ރަޖިސްޓްރީ ކުރާ ޤައުމުތަކުގައި ވޯޓު ފޮށި ބެހެއްޓެވުމަށް ނިންމާފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ، އަންނަ ރިޔާސީ އިންތިޚާބުގައި، ރާއްޖޭން ބޭރުގައި ދިރިއުޅޭ ވީހާ ގިނަ ރައްޔިތުންނަށް، ވޯޓުލުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން، 8 ޤައުމެއްގެ 9 ސިޓީގައި ވޯޓުފޮށި ބެހެއްޓުމަށް ނިންމަވާފައިވާކަމަށެވެ.

ވޯޓު ފޮށި ބެހެއްޓެވުމަށް ކޮމިޝަނުން ނިންމެވީ އިންޑިޔާގެ ޓްރިވެންޑްރަމް، ނިއު ދިއްލީ، ސްރީލަންކާގެ ކޮލަމްބޯ، މެލޭޝިޔާގެ ކުއަލަ ލަމްޕޫރު، ސިންގަޕޫރު، އިނގިރޭސިވިލާތުގެ ލަންޑަން، ތައިލެންޑުގެ ބެންގކޮކް، އެކުވެރި ޢަރަބި އިމާރާތުގެ އަބޫދާބީ އަދި ޖަޕާނުގެ ޓޯކިޔޯގައެވެ. ހަބީބު ވިދާޅުވީ، ރީރަޖިސްޓްރޭޝަން ނިމުމުން މިޤައުމުތަކުގައި ވޯޓު ފޮށި ބަހައްޓާނެ ޢަދަދު ކަނޑައެޅިގެން ދާނެކަމަށެވެ.

ރިޔާސީ އިންތިޚާބުގައި 282،755 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ. ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވުމުން، ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލާނެއެވެ.