ޚަބަރު

ޢާބިދާ އަޙްމަދަކީ ދުވަހަކުވެސް ވަޒީފާއިން ވަކިވާން ބޭނުންފުޅުނުވި، ޚިދުމަތްތެރިއެއް: ޝާހިދު


ދައުލަތަށް ދިގުމުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ މ.އެންދެރިމާގޭ ޢާބިދާ އަޙްމަދަކީ އަދާކުރައްވަމުން ގެންދެވި ވަޒީފާއިން ވަކިވެ ވަޑައިގެންނެވުމަށް ބޭނުންފުޅުނުވި، މުޅި ޚާރިޖީ ދާއިރާގެ ލޯތްބާއި އިޚުތިރާމު ލިބިވަޑައިގެންފައިވާ އަގުހުރި ޚިދުމަތްތެރިއެއް ކަމުގައި ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މަރުޚޫމާ ޢާބިދާ އަޙްމަދުގެ ޒިކުރާ އާކުރުމުގެ ގޮތުން ފޮރިން މިނިސްޓްރީގައި ބޭއްވި ތަޢުބީންގެ ޖަލްސަގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވީ ޢާބިދާއަކީ މަސައްކަތުގެ މާހަލައުގައިވެސް އަދި ޢާއިލާގެ ތެރޭގައިވެސް އެންމެންނާއި ގުޅޭ އެންމެންގެ ލޯބި ލިބިފައިވާ ބޭފުޅެއް ކަމަށެވެ.

ޝާހިދު ވިދާޅުވީ އާބިދާއަކީ ދިވެހި ޚާރިޖިއްޔާގައި 1985 ވަނަ އަހަރުން ފެށިގެން ޚިދުމަތް ކުރައްވަން ފެށި ދުވަހުން ފެށިގެން ،މަސައްކަތުގެ މާހައުލުގައި ނަމޫނާ ކަންތައްތަކެއް ދައްކަވާފައިވާ ބޭފުޅެއްކަމަށެވެ. ރާއްޖެއާއި ރާއްޖެއިން ބޭރުގައިވެސް އެކި ދުވަސްވަރު މަސައްކަތް ކުރެއްވިއިރުވެސް އެއްވެސް ވަރުބަލި ކަމެއް، އުޒުރުވެރިކަމެއް ނުދައްކަވައި ވަޒީފާއަށް ކަމޭ ހިތްތަވައިގެން ކުރެއްވި މަސައްކަތްތަކީ މިނިސްޓްރީގެ ކޮންމެ މުވައްޒަފެއްގެ ހަނދާނުގައިވެސް ތާއަބަދު ހުންނާނެ ކަންތައްތަކެއްކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

މިނިސްޓަރ ޝާހިދުގެ އިތުރުން، މިޖަލްސާގައި އާބިދާގެ ޢާއިލާގެ ފަރާތްޕުޅުންވެސް ބޭފުޅަކު ވަނީ ވާހަކަފުޅު ދައްކާވަފައެވެ. އަދި މިނިސްޓްރީގައި އެކީގައި މަސައްކަތް ކުރެއްވި މުވައްޒަފަކުވެސް ވަނީ ޢާބިދާގެ މަސައްކަތްޕުޅާއި ގުޅޭގޮތުން ތަފްސީލީ ގޮތެއްގައި ވާހަކަފުޅު ދައްކަވާފައެވެ.

މިޖަލްސާގައި މަރުހޫމާ ޢާބިދާގެ ހަނދާނުގައި ފޮރިން މިނިސްޓްރީގައި ހުޅުވާލި ތަޢުޒިޔާގެ ތަފްތަރު ޢާއިލާއާއި، ހަވާލު ކުރެއްވިއެވެ. ތަޢުޒިޔާގެ ދަފްތަރުގައި ރައީސް މައުމޫނާއި ދައުލަތުގެ އިސްވެރިން ވަނީ ލިޔުއްވާފައެވެ. ޢާބިދާގެ ޚިދުމަތްތަކުގެ އަގުވަޒަންކޮށް ސަރުކާރުންވަނީ 2021 ވަނަ އަހަރު ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތްކުރުމުގެ އިނާމް ޢާބިދާއަށް ދެއްވާފައެވެ.