ޚަބަރު

އީވާ، ޝާހިދު އަދި ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކޮށްފި


ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ، ބަންޑާރަ ނައިބް އިބްރާހިމް ރިއްފަތާއި، ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދުގެ އިތުރުން މަޖިލީހުގެ ނައިބް ރައީސް އީވާ ޢަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކުރައްވައިފިއެވެ.

ބަންޑާރަ ނާއިބް އިބްރާހިމް ރިއްފަތާއި، ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ އިދިކޮޅު ޕީޕީއެމް، ޕީއެންސީއާއި، ޖުމްހޫރީ ޕާޓީއާއި، އެމްއެންޕީ އަދި ރައީސް ނަޝީދަށް ތާއީދުކުރައްވާ މެމްބަރުން ސޮއިކުރެއްވުމަށްފަހުއެވެ.

ބަންޑާރަ ނާއިބާއި ޚާރިޖީ ވަޒީރުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ ރާއްޖެއާއި، މޮރިޝަސްގެ ކަނޑުގެ މައްސަލާގައި އިހުމާލުވުން އޮތްކަމަށް ބުނެއެވެ.

ނަމަވެސް ވެރިކަންކުރާ މައި ޕާޓީން ވިދާޅުވީ ރާއްޖެ އާއި ޗާގޮސްއާ ދެމެދުގައިވާ ކަނޑުގެ ފުށުއަރާ ސަރަހައްދުގެ މައްސަލާގައި ދިވެހި ސަރުކާރުން ޢަމަލު ކުރައްވާފައި ވަނީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތަށް އިސްކަން ދެއްވައިގެން ކަމަށެވެ. އަދި މިމައްސަލަތަކުގައި ދެ ވަޒީރުންގެ އިތުބާރު އެޕާޓީއަށް އޮތްކަމަށް މަޖިލީހުގެ 55 މެމްބަރުން ތަމްސީލް ކުރައްވާ އެމްޑީޕީން ވިދާޅުވެފައިވެއެވެ.

ބަންޑާރަ ނައިބް އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކުރައްވާފައިވަނީ އަންނަ ބުދަ ދުވަހަށެވެ. ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކޮށްފައިވަނީ އަންނަ މަހުގެ 6 ވަނަ ދުވަހަށެވެ.

މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް އެޖެންޑާކުރައްވާފައިވަނީ އަންނަ މަހުގެ 11 ވަނަ ދުވަހަށެވެ.

މަޖިލިސް ޤަވާއިދު ބަޔާންކުރާގޮތުގައި މަޖިލީހުގެ ރައީސް ނުވަތަ ނާއިބު ރައީސް މަޤާމުން ވަކިކުރެވޭނީ، މަޖިލީހުގެ އެ ޖަލްސާއެއްގައި ޙާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣްލަބިއްޔަތުން ފާސްކުރުމުންނެވެ. އަދި ވަޒީރެއްގެ އިތުބާރު ނެތްކަމަށް ފާސްކުރުމަށް މަޖިލީހުގެ 43 މެމްބަރުންގެ އަޤްލަބިއްޔަތު ބޭނުންވާއިރު އިދިކޮޅު ފަރާތްތަކަށް އޮތީ 29 މެންބަރުންގެ ތާއީދެވެ.