ޚަބަރު

6 މީހުންނާއެކު އަތުލައިގަތް ލަންކާ މަސްބޯޓު ފުލުހުންނާއި ޙަވާލުކޮށްފި


އެމް.އެން.ޑީ.އެފްގެ ކޯސްޓްގާޑުން ހިންގި އޮޕަރޭޝަނެއްގައި ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ޤަވާއިދާ ޚިލާފަށް ދާ ޖަހައިގެން މަސްވެރިކަން ކުރަމުންދަނިކޮށް ހިފެހެއްޓި ސްރީލަންކާގެ މަސްބޯޓު ފުލުހުންނާއި ޙަވާލުކޮށްފިއެވެ. މި ބޯޓު މިހާރު ވަނީ ދޫނިދުއަށް ގެންގޮސްފައެވެ.

ދިވެހި ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ވައިގެ މަގުންނާއި ކަނޑުމަގުން ބެލެހެއްޓުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން ޤަވައިދާ ޚިލާފަށް ރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަހައްދަށްވަދެ މަސްވެރިކަން ކުރާ އުޅަނދުތައް އަންނަނީ އަތުލައިގަންނަމުންނެވެ.

ދިވެހިރާއްޖޭގެ ޚާއްސަ އިޤްތީޞާދީ ސަރަޙައްދަށް ވަދެ ޤަވައިދާ ޚިލާފަށް މަސްވެރިކަން ކުރުމަކީ ޤާނޫނީ ކުށެކެވެ. މިގޮތުން ދާ ޖަހައިގެން މަސްވެރިކުރުމާއި އަމިއްލަ އަމިއްލަ ބޭނުމަށް ކުރާ މަސްވެރިކަމާއި އެންވެރިކަން ފިޔަވައި ދާ ބޭނުންކޮށްގެން މަސްވެރިކަން ކުރުމުގެ އިތުރަށް ގޮވާއެއްޗެއް ނުވަތަ ވިހައެއް ނުވަތަ ކެމިކަލްއެއް ބޭނުންކޮށްގެންވެސް މަސްވެރިކަން ކުރުމަކީ މަސްވެރިކަމުގެ ޤާނޫނާ ޚިލާފުވާކަންކަމެވެ. ޤާނޫނުގައި މިއީ މަނާކަމެއްގެ ގޮތުގައި އޮތްނަމަވެސް ރާއްޖޭގެން ބޭރުގެ މަސްވެރި އުޅަނދުތައް ރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް ވަދެ މަސްވެރިކަން ކުރަމުން އާދެއެވެ.

ނަމަވެސް ދިވެހިން މަސްވެރިންގެ އެހީތެރިކަމާއެކު ޤައުމީ ދިފާއީ ބާރުގެ ކޯސްޓްގާޑުން އަންނަނީ މި ބޯޓުތައް އަތުލައިގަންނަމުންނެވެ. މިގޮތުން ދާދިފަހުން ކޯސްޓްގާރޑް "ޝިޕް ޣާޒީ" އިން ހިންގި އޮޕަރޭޝަންގައި ވ. އަތޮޅު ފޮއްތެޔޮމުލީގެ އިރުމަތިން 109 ނޯޓިކަލް މޭލު ބޭރުގައި ސްރީލަންކާގެ މަސްބޯޓެއް މަސްވެރިކަން ކުރަމުން ދަނިކޮށް ވަނީ އަތުލައިގެންފައެއެވެ. އަދި މައްސަލަ ބެލުމަށްޓަކައި ދިވެހި ފުލުހުންނާ މިހާރު ވަނީ ހަވާލުކުރައްވާފައެވެ.

ސްރީލަންކާއަށް ނިސްބަތްވާ "ސަތަސަރާނީ 6" ނަމަކަށް ކިޔާ މި ބޯޓުގައި 6 މީހުން ތިއްބެވެ. ބޯޓު ކޯސްޓުގާރޑްގެ ބެލުމުގެ ދަށަށް ގެނައިރު ގާތްގަނޑަކަށް 500 ކިލޯގެ މަސް ހުއްޓެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ކޯސްޓްގާޑް ކޮމަޑާންޓް ކާނަލް އިބްރާހީމް ޙިލްމީ ވިދާޅުވީ، ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމަށްޓަކައި ކޮންމެ މަހަކުވެސް ވަކި ޚާއްސަ ޕްލޭނެއް އެކުލަވާލާ ޚާއްސަ އޮޕަރޭޝަންތައް ހިންގަމުން އަންނަކަމަށެވެ. އަދި ދިވެހި މަސްވެރިންގެ ޚާއްސަ އެހީތެރިކަމާއެކު މިހާރަށްވުރެ ބޮޑަށް ކަނޑުތައް ބެލެހެއްޓުމުގައި ހަރަކާތްތެރިވަމުން އަންނަކަމަށް ޙިލްމީ ވިދާޅުވިއެވެ.

ޙިލްމީ ވިދާޅުވީ ކުރިއާ ޚިލާފަށް ރާއްޖޭގެ ކަނޑުގެ އިޤްތިޞާދީ ޚާއްސަ ސަރަޙައްދަށް ޤަވައިދާ ޚިލާފަށް ވަދެ، މަސްވެރިކަން ކުރާ އުޅަނދުފަހަރުގެ ޢަދަދު މަދުވެފައިވާކަމަށެވެ.

"އަޅުގަނޑުމެން މިއަންނަނީ ކަނޑާއި ވައިގެ މަގުންވެސް ރާއްޖޭގެ ކަނޑުތައް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރަމުން. ކުރިއަށް އޮތްތަނުގައިވެސް ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމަށްޓަކައި މަސައްކަތްތައް ކުރާނަން" ކޯސްޓްގާޑް ކޮމަޑާންޓް ކާނަލް އިބްރާހީމް ޙިލްމީ ވިދާޅުވިއެވެ.

މަސްވެރިކަމުގެ ޤާނޫނުގައިވާގޮތުން ޤަވައިދާ ޚިލާފަށް މަސްވެރިކަން ކުރަނިކޮށް ހިފަހައްޓާ އުޅަނދުތަކުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން ބޮންޑެއް ނުވަތަ ސެކިއުރިޓީއެއް ޑިޕޮޒިޓްކުރަންދެން އެ އުޅަނދު ހިފަހައްޓާފައި ބޭއްވެއެވެ. އަދި ހިފަހައްޓާ އުޅަނދުގައި ހުރީ ހަލާކުވާ ބާވަތުގެ އެއްޗެއްނަމަ އެ ތަކެތި ވިއްކާލެވިދާނެއެވެ.

މީގެ އިތުރަށް ޤަވައިދާ ޚިލާފަށް މަސްވެރިކަން ކުރުމަށް ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދަށް ވަންނަ އުޅަނދުތައް ދޫކޮށްލަނީވެސް ވަކި އުޞޫލެއްގެ ދަށުން ޖޫރިމަނާކޮށް އެ ޖޫރިމަނާގެ ފައިސާ ދެއްކުމުންނެވެ.