ޚަބަރު

ތައިލެންޑްގެ ސްކޫލެއްގެ ފުރާޅު ވެއްޓި ހަތަރު ދަރިވަރުން މަރުވެއްޖެ


ތައިލެންޑުގެ އުތުރުގައި އޮންނަ ޕިޗިތް ޕްރޮވިންސުގައި ހުންނަ ސްކޫލެއްގެ ކުޅިވަރުކުޅޭ ދަނޑުގެ ފުރާޅު ވެއްޓި ހަތަރު ދަރިވަރުން މަރުވެއްޖެއެވެ. އެ ކުދިންނާ އެކު މި ހާދިސާގައި ޖުމުލަ ހަތް މީހުން މަރުވިއެވެ. ސްކޫލްގެ ކުޅިވަރު ކުޅޭ ދަނޑުގެ ފުރާޅު ވެއްޓިފައި ވަނީ އެ ސަރަޙައްދަށް އެރި ތޫފާނަކާ އެކު މޫސުން ގޯސްވުމުގެ ސަބަބުންނެވެ.

މި ހާދިސާގައި މަރުވި ކުދިންގެ ތެރޭގައި ހިމެނެނީ އުމުރުން ހަ އަހަރާއި 13 އަހަރާ ދެމެދުގެ އުމުރުފުރައިގެ ދަރިވަރުންނެވެ. ހަ އަހަރުގެ ކުއްޖާ މަރުވެފައި ވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށެވެ. މި ހާދިސާ ހިނގާފައި ވަނީ އެ ތަނުގައި ކުޅިވަރުގެ މުބާރާތެއް ކުރިއަށްދިޔަ ވަގުތުގައެވެ. މުބާރާތް ބެލުމަށް ގިނަ ޢަދަދެއްގެ ބެލެނިވެރިންނާއި ކުޅިބަލާ މީހުން ވެސް އެ ވަގުތު އެ ތަނުގައި ތިބި ކަމުގައި އޮފިޝަލުން ވިދާޅުވެއެވެ.

ދަނޑުގެ ފުރާޅު ވެއްޓިފައި ވަނީ ތޫފާނާ އެކު ބޯކޮށް ވާރޭވެހި، ވައި ގަދަވުމާ ގުޅިގެން ކަމުގައި އޮފިޝަލުން ވިދާޅުވެއެވެ. ހަތަރު ކުޑަކުދިންގެ އިތުރުން މަރުވެފައި ވަނީ ދެ ބެލެނިވެރިންނާއި ސްކޫލްގެ މުވައްޒަފެކެވެ. އަދި، އިތުރު 18 މީހަކަށް އަނިޔާވެ، މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. އިތުރު މީހެއްގެ ހާލު ސީރިޔަސް ނޫން ކަމުގައި ވެސް ޕިޗިތް ޕުރޮވިންސުގެ އޮފިޝަލުން ވިދާޅުވެއެވެ.

އެ ޕުރޮވިންސުގެ ސަރަޙައްދުތަކަށް އެރި ތޫފާނުގައި އެ ސަރަޙައްދުގައި އޮންނަ ސަމް ޏަމް ޑިސްޓްރިކްޓަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. ތޫފާނާ އެކު ޖެހެމުންދިޔަ ބާރު ވަޔާއެކު ގިނަ ޢަދަދެއްގެ ގެދޮރުގެ ފުރާޅު އެއްލައިލާފައިވާ ކަމަށާއި، ގާތްގަނޑަކަށް ހުރިހާ ގެއަކަށް ގެއްލުން ލިބިފައިވާ ކަމުގައި އެ ސަރަޙައްދުގެ އޮފިޝަލުން ވިދާޅުވެއެވެ. ޕިޗިތް ޕުރޮވިންސަށް ބާރުގަދަ ތޫފާނެއް އަރާފައި މި ވަނީ، އެ ޤައުމުގެ ވިއްސާރަ މޫސުން ފެށުމާ އެކުއެކީގައެވެ. ކުރިއަށް އޮތް ދުވަސްތަކުގައި އެ ޤައުމުގެ އެކި ކަންކޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކުރެއެވެ.