ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ދަރަވަންދޫ ބަނދަރުގެ ޙާލަތު ބައްލަވައިލައްވައިފި


ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ބ.ދަރަވަންދޫ ބަނދަރުގެ ޙާލަތު ބައްލަވާލައްވައިފިއެވެ. ނާއިބު ރައީސް ފައިސަލް ނަސީމް ދަރަވަންދުއަށް މިހާރު ކުރައްވަމުން ގެދަވާ ދަތުރުފުޅަކީ ބ.އަތޮޅު ކައުންސިލުން އެރަށުގައި މިހާރު ކުރިއަށް ގެންދަވާ "ބެޓަރ އިން ބާ ފުޓްސަލް ފިއެސްޓަރ" ގެ ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ދަރަވަންދޫ ބަނދަރުގެ ޙާލަތު ނާއިބު ރައީސް ފައިޞަލް ނަސީމް ބައްލަވައިލެއްވީ އެރަށު ކައުންސިލާ އެކުގައެވެ. ދަރަވަންދޫ ކައުންސިލުން ވަނީ ބަނދަރުގެ ޙާލަތު ނާއިބު ރައީސާ ޙިއްޞާކުރައްވާފައެވެ. އެގޮތުން ޑޮމެސްޓިކް އެއަރޕޯޓެއް އޮންނަ އެރަށު ބަނދަރުގެ ޖާގަ ކުޑަވުމުން އެރަށަށް އަންނަ ފަރާތަކަށް ދިމާވާދަތިތައް ކައުންސިލުން ޙިއްޞާކުރެއްވިއެވެ.

ދަރަވަންދޫ ކައުންސިލްގެ ރައީސް ޢަލީ ސަމީޙް ވިދާޅުވީ ބަނދަރާ ގުޅިގެން ހުރި ކަންބޮޑުވުންތައް ޙައްލުކޮށްދެއްވުމަށް މަސައްކަތްފުޅު ކުރައްވާނެ ކަމުގެ ޔަޤީންކަން ނާއިބު ރައީސް ދެއްވައިފައިވާކަމަށެވެ.

ދަރަވަންދޫގައި މިހާރު އޮތް ބަނދަރަކީ މީގެ 20 އަހަރުކުރިން ތަރައްޤީކުރައްވައިފައި އޮތް ބަނދަރެކެވެ. އެބަނދަރަކީ 700 ފޫޓް ދިގު 290 ފޫޓް ފުޅާ ބަނދަރެކެވެ. އެރަށަކީ ޑޮމެސްޓިކް އެއަރޕޯޓެއް އޮންނަ ރަށަކަށްވުމުން އެރަށު ފަޅަށް ދުވާލަކު އެތައް އުޅަނދެއް ވަދެ ނުކުމެހަދައެވެ. ވަކިން ޚާއްޞަކޮށް ބ. އަތޮޅުގެ 16 ރިސޯޓްގެ ބޮޑެތި ލޯންޗްފަހަރު ކައިރިކޮށް ފަތުރުވެރިން އަރުވާ ބާލައެވެ.
ދަރަވަންދޫ ބަނދަރު މަރާމާތުކޮށް ބޮޑުކުރުމަށް ސަރުކާރުން މިއަހަރުގެ ޖަނަވަރީ މަހުގެ 25 ވަނަ ދުވަހު ވަނީ އެމްޓީސީސީއާ ޙަވާލުކުރައްވާފައެވެ.

ނާއިބު ރައީސް ފައިޞަލް ނަސީމް ދަރަވަންދުއަށް ކުރައްވާ ދަތުރުފުޅުގައި އެރަށު ކައުންސިލުން ތަަރައްޤީކުރާ ޕާކަށް އެމްޑަބްލިއުއެސްސީގެ ސީއެސް އާރުގެ ދަށުން ހަދިޔާކުރާ ސާމާނު ދަރަަވަންދޫ ކައުންސިލާ ރަމްޒީގޮތުން ޙަވާލުކޮށްދެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އެރަށު ޞިއްޙީ މަރުކަޒަށް ޒިޔާރަތް ކުރައްވާ އެތަނުގެ ޙާލަތު ބައްލަވާލެއްވުމަށް ވެސް ހަމަޖެހިފައިވެއެވެ.