ދުނިޔޭގެ ވިޔަފާރި

ލެނޯވޯއަށް މިދިޔަ ކުއާޓަރުގައި ލިބުނު އާމްދަނީވެސް ދަށަށް


ޕާސަނަލް ކޮމްޕިއުޓަރ، ޕީސީ އުފައްދާ ދުނިޔޭގެ އެންމެ ބޮޑު ކުންފުނި، ލެނޯވޯއަށް މިދިޔަ ކުއާޓަރުގައި ލިބުނު އާމްދަނީވެސް ދަށަށް ހިނގައްޖެއެވެ.

ލެނޯވޯގެ އާމްދަނީ ދަށަށް ދިއުމުގެ މައިގަނޑު ސަބަބަކީ ކޮމްޕިއުޓަރ ސިސްޓަމްތަކަށް އޮންނަ ޑިމާންޑް ދަށްވަމުންދިއުންކަމަށް ހަބަރުތައް ބުނެއެވެ.

މާޗުމަހު ލެނޯވޯގެ މާލީ އަހަރު ނިމުނުއިރު، ފަހު ކުއާޓަރުގައި ކުންފުންޏަށް ލިބުނު އާމްދަނީ 24 އިންސައްތަ ވަނީ ދަށަށް ގޮސްފައެވެ. އަދި އޭގެ ކުރީ 2 ކުއާޓަރުގައިވެސް އެ ކުންފުންޏަށް ލިބުނު އާމްދަނީ ވަނީ ދަށަށް ގޮސްފައެވެ.

އަހަރުން އަހަރަށް ބަލާނަމަ ކުންފުނީގެ އާމްދަނީ ވަނީ ނިމުނު މާލީ އަހަރު 14 އިންސައްތަ ދަށަށް ގޮސްފައެވެ. ކޯވިޑްގެ ސަބަބުން އިލެކްޓްރޯނިކް ސާމާނަށް އޮންނަ ޑިމާންޑް ބޮޑުވެ، ކުންފުނީގެ އާމްދަނީ ރަނގަޅުވިޔަސް، 2021 ވަނަ އަހަރު ކުންފުނީގެ އާމްދަނީ ވަނީ 24 އިންސައްތަ ދަށަށް ގޮސްފައެވެ.

ކޮމްޕިއުޓަރ ވިޔަފާރި އަޑިއަޅާލަމުންދާތީ ލެނޯވޯއިން ދަނީ ސްމާޓް ފޯނާއި، ސަރވަރ އަދި އައި.ޓީ ހިދުމަތްތަކުގެ ވިޔަފާރިތައް ފުޅާކޮށް، ކުންފުންޏަށް އާމްދަނީ ލިބޭނެ ގޮތްތައް ހޯދަމުންނެވެ. އެގޮތުން ނިމުނު މާލީ އަހަރު އެ ކުންފުންޏަށް އެހެނިހެން ވިޔަފާރިތަކުން ލިބުނު އާމްދަނީ ވަނީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 7 އިންސައްތަ އިތުރުވެފައެވެ. އަދި އެއީ ކުންފުނީގެ ޖުމްލަ އާމްދަނީގެ 40 އިންސައްތަކަމަށްވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.