ވިޔަފާރި

ލޮނުފެނުން މަސްފިނިކުރާ ނިޒާމު ޤާއިމުކުރުމަށް ލޯނަށް ހުޅުއްވާލައްވައިފި


މަސްދޯނިފަހަރުގައި ލޮނުފެނުން މަސްފިނިކުރާ ނިޒާމު ގާއިމްކުރުމަށް ބޭނުންވަ ފަރާތްތަކުން ލޯނަށް އެދުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ހުޅުއްވާލައްވައިފިއެވެ.

މަސް ދޯނިފަހަރުގައި ލޮނުފެނުން މަސްފިނިކުރާ ނިޒާމް ޤާއިމްކުރުމުގެ ޕްރޮގްރާމަކީ މަސްވެރިން ބާނާ މަސް ތާޒާކަންމަތީ ގިނަ ވަގުތު ބެހެއްޓޭނެ އިންތިޒާމު ފަހިކޮށްދެއްވުމުގެ ގޮތުންނާއި، މަސްވެރިކަމުގެ ފަހި މޫސުމުގައި އައިސް ނުލިބުމުގެ ސަބަބުން ދިމާވާ ދަތިތަކަށް ޙައްލު ހޯއްދަވައިދެއްވުމަށް، ސަރުކާރުގެ ނޫ އިޤްތިޞާދު ސިޔާސަތުގެ ދަށުން ކުރިއަށްގެންދަވާ ޕްރޮޖެކްޓެކެވެ. މަސްވެރިކަމުން ލިބޭ ނަފާ އިތުރުކުރެއްވުމަކީވެސް މި ޕްރޮޖެކްޓްގެ މަޤްސަދެކެވެ.

ލޮނުފެނުން މަސް ފިނިކުރާ ނިޒާމް ޤާއިމްކުރުމަށް ލޯނު ދޫކުރަނީ އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކުގެ އެހީގައެވެ. މި ޕްރޮޖެކްޓް ކުރިއަށްގެންދަނީ އިކޮނޮމިކް މިނިސްޓްރީ އާއި، ފިޝަރީޒް މިނިސްޓްރީ އަދި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސް.ޑީ.އެފް.ސީ) ގުޅިގެންނެވެ.

މިޕްރޮޖެކްޓްގެ ދަށުން މަސްވެރި އުޅަނދުތަކުގެ ވަތުގައި ލޮނުފެން ފިނިކުރާ ނިޒާމު (އާރ.އެސް.ޑަބްލިޔު ސިސްޓަމް) ޤާއިމުކުރުމަށާއި، އިއާދަކުރަނިވި ހަކަތަ އުޅަނދުތަކުގައި ބޭނުންކުރުމަށް ސޯލަރ ޕަވަރ ސިސްޓަމް ގާއިމްކުރުމަށް ބޭނުންވާ ފައިނޭންސިންގ ފޯރުކޮށްދޭނެއެވެ. މިއީ މި ލޯނަށް ފުރުޞަތު ހުޅުވާލި ދެވަނަ ފަހަރެވެ. އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ، ފުރަތަމަ ފިޔަވަހީގައި ލިބުނު އެޕްލިކޭޝަންތައް އެވޯޑުކުރުމުގެ މަސައްކަތް މިހާރު ފަށްޓަވާފައިވާކަމަށެވެ.

ލޯނަށް އެދުމުގެ ޝަރުތުތައް:

* ރަޖިސްޓަރ ކުރެވިފައިވާ އުޅަނދަކަށްވުމާއި މަސްވެރިކަން ކުރުމަށް ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ލައިސަންސެއް އޮތުން.
* އުޅަނދު މިހާރުވެސް ބޭނުންކުރެވެނީ މަސްވެރިކަންކުރުމަށް ކަމުގައިވުން.
* 50 ފޫޓަށް ވުރެ ދިގު އުޅަނދަކަށްވުމާއި، މަދުވެގެން 15 ޓަނުގެ މަސް ރައްކާކުރެވޭނެ ކެޕޭސިޓީ އުޅަނދުގައި ހުރުން.
* ސިސްޓަމް ގާއިމްކުރުމަށް ބޭނުންވާ ޖާގަ އުޅަނދުގައި ހުރުން.
* އެސްޑީއެފްސީއިން ކަނޑައަޅާފައިވާ ފައިނޭންސިންގ ސްކީމާއި އެއްގޮތަށް އަނބުރާ ފައިސާ ދެއްކުމުގެ ޤާބިލްކަން ހުރި ފަރާތެއް ކަމުގައިވުން.

މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު މިމަހުގެ 23 ން 31 ޑިސެމްބަރ ގެ ނިޔަލަށް ވަނީ ހުޅުވައިލައްވައިފައެވެ. އެޕްލިކޭޝަން ހުށަހަޅަންޖެހޭނީ އެސް.ޑީ.އެފް.ސީގެ ޕޯޓަލް (https://portal.sdfc.mv) މެދުވެރިކޮށް އޮންލައިން ކޮށެވެ. އެޕްލިކޭޝަންތައް ލިބޭ މިންވަރަކުން ޝަރުތުހަމަވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ޕްރޮސެސްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.

ދާދިފަހުން ފިޝަރީޒް މިނިސްޓަރ ޑރ. ޙުސައިން ރަޝީދު ޙަސަންވެސް ވަނީ 300 އުޅަނދުގައި އާރުއެސްޑަބްލިއު ސިސްޓަމް އަޅުމަށް ބޭނުންވާ ފައިސާ އެބަހުރިކަމަށް ވިދާޅުވެފައެވެ. އަދި މި ލޯނަށް އެދި މަސްވެރި އުޅަނދުތައް އެދުމަށްވެސް މިނިސްޓަރ ވަނީ އިލްތިމާސް ކުރައްވާފައެވެ.