ޚަބަރު

މަތީ ތަޢުލީމަށްފަހު އެންމެ ކުއްޖަކު އެނބުރިނަޔަސް އެކަމުގެ ގެއްލުން މުޅި ޤައުމަށްކު ލިބޭ: މިނިސްޓަރ


ރާއްޖެއިން ބޭރުން ތަޢުލީމު ޙާޞިލުކުރުމަށްފަހު އެންމެ ކުއްޖަކު ޤައުމަށް ޚިދުމަތް ކުރުމަށް އެނބުރި ނައިނަމަވެސް، އެކަމުގެ ގެއްލުން މުޅި ދައުލަތުން އުފުލާނެކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހީމް ޙަސަން ވިދާޅުވެއްޖެއެވެ.

ޕްރެޒިޑެންޓްސް އެވޯޑް އެންޑް ހައި އެޗީވަރސް ސްކޮލަރޝިޕް ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕާއި އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން ސްކޮލަރޝިޕް ލިބުނު ދަރިވަރުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހީމް ޙަސަން ވަނީ ރާއްޖެއިން ބޭރުގައި ތަޢުލީމު ޙާޞިލުކުރަން ލިބޭ ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ދަރިވަރުންނަށް އިލްތިމާސްކުރައްވައިފައެވެ. އަދި ކޮންމެ ޤައުމަކަށް ދިޔަނަމަވެސް، ކޮންމެ ކުއްޖަކުވެސް ތިމާއަކީ މުސްލިމެއްކަމާއި، ދިވެއްސެއްކަން ހަނދާނުގައި ބެހެއްޓުމަށް މިނިސްޓަރ ނަސޭޙަތްތެރިވެވަޑައިގަތެވެ.

މިނިސްޓަރ އިބްރާހީމް ޙަސަން ވަނީ، މުސްލިމުން އަދި ދިވެހިންގެ އުޅުމާއި ގުޅުންތައް ހުންނަންޖެހޭ ގޮތަކަށް ކުދިންގެ އަޚުލާޤު ބެހެއްޓުމަށް ވެސް އިލްތިމާސްކުރައްވައިފައެވެ. އަދި ކޮންމެ ދާއިރާއަކުން ތަޢުލީމު ޙާޞިލުކުރިނަމަވެސް، ޤައުމަށް އެނބުރި އައިސް ޚިދުމަތްކޮށްދެއްވުމަށް މިނިސްޓަރ ވަނީ، ޕްރެޒިޑެންޓްސް އެވޯޑް އަދި ހައި އެޗީވަރސް ސްކޮލަޝިޕް ލިބުނު ކުދިންގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި މަތީ ތަޢުލީމް ޙަޞިލްކުރުމަށްފަހު އެންމެ ކުއްޖަކު އެނބު ނައިނަމަވެސް، އޭގެ ގެއްލުން މުޅި ޤައުމު އުފުލާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ސަބަބަކީ އެތައް ކުދިންނެއްގެ ތެރެއިން ހޮވިގެން ލިބުނު ފުރުޞަތު ހޯދައިދިނުމަށް ދައުލަތުން ބޮޑު ޚަރަދެއްކުރާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ތިކުދިން ހަނދާނުގައި ބަހައްޓަންވާނެ ތިއީ މުސްލިމުންކަން، އަދި ދިވެހިންކަން. ރާއްޖޭއިން ބޭރުގައި އެމްބެސެޑަރުންގެ ގޮތުގައި ރާއްޖެ ތަމްސީލުކުރަންވާނެ. ތިއިން އެންމެ ކުއްޖަކު ޤައުމަށް އެނބުރިނައިސް ޚިދުމަތް ޤައުމަށް ނުކުރާނަމަ އެއީ ޤައުމަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް. ވަރަށް ބޮޑު ޚަރަދެއް ދައުލަތުން މިކުރަނީ. އެހެންވީ މަ އެންމެ ކުއްޖަކު އަނބުރާ ޚިދުމަތާއި ނުގުޅޭނަމަ އެއީ ފޫނުބެއްދޭނެ ގެއްލުމެއް ޤައުމަށް ލިބޭ." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ ރާއްޖެއިން ބޭރުގައި ތަޢުލީމު ޙާޞިލުކުރުމަށް ލިބޭ ފުރުޞަތަކީ، އެހެން ޤައުމުތަކުގެ ކުދިންނާ ބައްދަލުވެ، ގުޅުން ވަރުގަދަ ކުރަން ލިބޭ ފުރުޞަތެއްކަން ފާހަގަކުރައްވައިފައެވެ. އޭގެ ސަބަބުން ކިޔަވާ ނިމި ޒިންމާދާރު ވަޒީފާއަކަށް ދާއިރު އެކަމުގެ ފައިދާ އެކި ގޮތްގޮތުން އެކުއްޖަކަށް ކުރާނެކަން މިނިސްޓަރ ވިދާޅުވިއެވެ. ހަމައެއާއެކު ބޭރުގައި ހޭދަކުރެވޭ ދުވަސްވަރަކީ ތިމާގެ ޝަޚުޞިއްޔަތު ބިނާކޮށް، ހަރުދަނާވުމަށް ލިބޭ ފުރުޞަތެއްކަން ދަނެގެން، ކަންކަމާއި އިތުރު ހުނަރުތައް ދަސްކުރުމަށް ކުދިންގެ ކިބައިން މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.

2022 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕް 17 ދަރިވަރަކަށް އަދި ހައި އެޗީވަރސް ސްކޮލަރޝިޕް 138 ދަރިވަރަކަށް ވަނީ ލިބިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕް ދެއްވުމުގެ ބޭނުމަކީ މަތީ ސާނަވީ މަރުޙަލާގައި ކިޔަވާ ދަރިވަރުންނަށް ކިޔެވުމަށް ބާރުއެޅުއްވުމާއި، ރަނގަޅު ނަތީޖާ ހޯދުމަށް ހިތްވަރުދެއްވުމެވެ. ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕް ދެއްވަނީ ފުރަތަމަ ޑިގްރީއަށް ކިޔެވުމަށް ނުވަތަ ފުރަތަމަ ޑިގްރީއަށްވުރެ ދަށުގެ ސަނަދަކަށް ކިޔެވުމަށެވެ. މިސްކޮލަރޝިޕްގައި ދަރިވަރު ބޭނުންވާ ކޮންމެ ދާއިރާއަކުން ބޭނުން ޤައުމެއްގައި ކިޔެވުމުގެ ފުރުޞަތު ލިބޭނެއެވެ.