ޚަބަރު

ފޮތިކޮތަޅު ފަހަން ދަސްކޮށްދޭ ޕްރޮގްރާމެއް އުކުޅަހުގައި


މިނިސްޓްރީ އޮފް އެންވަޔަރަންމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ފަރާތުން، ފޮތިން ކޮތަޅުފަހަން ދަސްކޮށްދިނުމުގެ ތަމްރީން ޕްރޮގްރާމެއް، އއ. އުކުޅަހުގައި ކުރިއަށްގެންގޮސްފިއެވެ. މިޕްރޮގްރާމަކީ މިއަހަރުގެ ތިމާވެށީގެ ދުވަހާ ގުޅިގެން ކުރިއަށް ގެންދިޔަ ޙަރަކާތެކެވެ.

މޯލްޑިވްސް މީޑިއާ އިންސްޓިޓުޓް، އެމްއެމްއައި އާއި ޙަވާލުކުރައްވައިގެން 2 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމު އުކުޅަހުގެ 21 ބައިވެރިން ފުރިހަމަކޮށްފައިވާކަމަށް، އެންވަޔަރަމަންޓް މިނިސްޓްރީއިން ވިދާޅުވެއެވެ. އުކުޅަހު ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ގުޅިގެން އެންވަޔަރަމަންޓް މިނިސްޓްރީން އިންތިޒާމްކުރެއްވި މިތަމްރީން ޕްރޮގްރާމްގައި ކިޔަވައިދެއްވީ، ފެހުމާއި ޑިޒައިނިންގެ ރޮނގުން މަތީ ތަޢުލީމް ޙާޞިލުކޮށްފައިވާ ބޭފުޅެއް ކަމަށްވާ މޫނިސާ ޢަބްދުﷲ ލުޠުފީއެވެ.

މި ޕްރޮގްރާމްގައި ބައިވެރިވި ބައެއް ފަރާތްތަކުން ވަނީ، މި ތަމްރީނުގެ ސަބަބުން އިތުރު ހުނަރެއް ދަސްވެގެން ދިޔަކަން ފާހަގަކޮށްފައެވެ. އަދި ތިމާވެށްޓާއި ރައްޓެހި އެއްޗެއް އުފައްދާ ބޭނުންކުރުމަށް ލިބިގެންދިޔަ ބާރެއްކަމަށް ބައެއް މީހުން ވަނީ ސިފަކޮށްފައެވެ. އަދި ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން މަދުކޮށް، އެއްފަހަރަށްވުރެ ގިނަ ފަހަރު ބޭނުންކުރެވޭނެ ކޮތަޅު އެރަށުގައި ބޭނުންކުރުމަށް ބާރަކަށް ވާނެކަމަށް ވެސް ބައިވެރިން ބުންޏެވެ. މީގެ އިތުރުން މިއީ ޢާމްދަނީ ލިބޭނެ މަގެއްކަމަށް ވެސް އެ ބައިވެރިން ބުންޏެވެ.

ފޮތިން ކޮތަޅު ހަދަން ދަސްކޮށްދިނުމުގެ މި ޕްރޮގްރާމްގެ މަޤްޞަދަކީ، އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކް (ސިންގަލް ޔޫސް ޕްލާސްޓިކް)ގެ ބާވަތްތައް ދިވެހިރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުން މަނާކުރުމުގެ ސިޔާސަތުގެ ދަށުން އެއްފަހަރަށްވުރެ ގިނަފަހަރު ބޭނުންކުރެވޭނެ ގޮތަށް ފޮތިން ކޮތަޅުފަހައި، އުކުޅަހުގެ ގޭބީސީތަކުގައި އެ ކޮތަޅު ބޭނުންކުރުމަށް ހަދިޔާކުރުންކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.

މިޕްރޮގްރާމް ފުރިހަމަކުރި ބައިވެރިން ތައްޔާރުކުރާ ކޮތަޅުތައް މިއަހަރުގެ ތިމާވެށީގެ ދުވަހު، އުކުޅަހުގެ ގޭބީސީތަކަށް ހަވާލުކުރައްވާނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތު އުކުޅަހުގައި އަންނަ ޖޫންމަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް ސަރުކާރުން ވަނީ ނިންމަވައިފައެވެ.