ޚަބަރު

އިންޤިލާބީ ޚިދުމަތަކަށްފަހު ޖައްވީ ސްޓޭޝަން އައިއެސްއެސް، ބިމަށް ވައްޓާލަނީ!


އިންޓަރނޭޝަނަލް ސްޕޭސް ސްޓޭޝަން، އައި.އެސް.އެސްއަކީ ޖައްވުގެ "ލޯ އާރތު އޯބިޓް" ގައި ދުނިޔެ ވަށައިގެން ދަތުރުކުރަމުން ގެންދާ މަރުކަޒެކެވެ. މިއީ، އެކިއެކި ދިރާސާތަކާއި ތަޙްލީލުތައް ކުރިއަށްގެންދާ ލެބޯރެޓަރީތަކާއި ސިސްޓަމްތައް ހިމެނޭ ޖައްވީ މަރުކަޒެކެވެ. ޖައްވީ މަސައްކަތްތަކާބެހޭ 5 އިދާރާއެއް ގުޅިގެން މި މަރުކަޒު ޤާއިމްކުރުމުގެ މަސައްކަތް ފެށީ 1990 ގެ އަހަރުތަކުގައެވެ. އެ މަސައްކަތުގެ މައި ޙިއްޞާދާރުންނަކީ ޔޫރަޕުގެ ޖައްވީ އިދާރާ، އީއެސްއޭ އާއި އެމެރިކާގެ ޖައްވީ އިދާރާ ނާސާ އަދި ރަޝިޔާގެ ޖައްވީ އިދާރާ ރޮސްކޮސްމޯސްއެވެ. އެހެން ޙިއްޞާދާރުންނަކީ ކެނެޑާގެ ޖައްވީ އިދާރާ އާއި ޖަޕާނުގެ ޖައްވީ އިދާރާއެވެ.

ބައިނަލްއަޤުވާމީ ޖައްވީ މަރުކަޒު ތަރައްގީކޮށްފައިވަނީ ބީމްތަކަކުން ހަދާފައިވާ 11 ޓްރަސްއެއް ގުޅުވައިގެން ޤާއިމްކޮށްފައިވާ "އިންޓަގްރޭޓެޑް ޓްރަސް ސްޓްރަކްޗަރ" އޮނިގަނޑެއްގައެވެ. އެސްޓްރޮނޯޓުން ދިރިއުޅޭ ތަންތަނާއި އަދި އެމީހުންގެ މަސައްކަތްތައް ކުރިއަށްގެންދާ ލެބޯރެޓްރީ ހުންނަ މޮޑިއުލްތަކާއި އެހެނިހެން މޮޑިއުލްތަކާއި ސިސްޓަމްތައް ގުޅިފައި ހުންނަނީ މި ޓްރަސްތަކާއެވެ. މޮޑިއުލްތަކުގެ އިތުރުން ޖައްވީ މަރުކަޒަށް ބޭނުންވާ ކަރަންޓުދޭ ސޯލާރ ޕެނަލްތަކާއި ފިނިހޫނުމިން ކޮންޓްރޯލްކުރާ ރޭޑިއޭޓަރުތައްވެސް ހުންނާނީ މި ޓްރަސް ސްޓަރަކްޗަރގައެވެ. އަދި މުޅި ޖައްވީ މަރުކަޒުގެ އެއްބައި އަނެއް ބަޔާ ގުޅުވައިދިނުމުގެ އިތުރުން ޓްރަސް ސްޓަރަކްޗަރއަކީ މުޅި ސްޓޭޝަނަށް ކަރަންޓާއި ޑޭޓާ ފޯރުކޮށްދޭ ވިއުގަވެސްމެއެވެ.

ބައިނަލްއަޤުވާމީ ޖައްވީ މަރުކަޒު ޤާއިމްކުރުމުގެ މަސައްކަތް ފެށުމުގެ ގޮތުން 1998 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 2 ވަނަ ދުވަހު، ޖައްވަށް ފުރަތަމަ އުދުއްސާލީ ރަޝިޔާގެ ޒަރްޔާ ކޮންޓްރޯލް މޮޑިއުލްއެވެ. އޭގެ މަހެއްހާ ދުވަސް ފަހުން 1998 ވަނަ އަހަރުގެ ޑިސެމްބަރު 4 ވަނަ ދުވަހު ޖައްވީ އިދާރާއާ ގުޅާލާ ދެވަނަ މޮޑިއުލްގެ ގޮތުގައި އެމެރިކާއިން އުފައްދާފައިވާ ޔުނިޓީ ނޯޑް ވަން މޮޑިއުލް އުދުއްސާލިއެވެ.

ޓްރަސްތަކާއި މޮޑިއުލްއާއި އަދި އެހެނިހެން ބައެއް ސިސްޓަމްތަކާއެކު، 36 ބައެއް ގުޅުވައިގެން ޖައްވީ މަރުކަޒު އެކީ ފުރިހަމަކޮށް ނިމުނީ 2009 ވަނަ އަހަރުގެ މޭމަހުގެ ތެރޭގައެވެ. 100 ބިލިއަން ޑޮލަރު ޚަރަދުވި މަޝްރޫޢު މުޅިން ނިންމަން ގާތްގަނޑަކަށް 10 ވަރަކަށް އަހަރު ހޭދަވިއިރު، މަސައްކަތް ފުރިހަމަކުރުމަށް ޖައްވަށް 30 އަށްވުރެ ގިނަ ދަތުރުކުރިއެވެ. އަދި މަސައްކަތް ފުރިހަމަކުރީ އެސްޓްރޮނޯޓުންނާއި ރޮބަޓް މެޝިންތަކުގެ އެހީގައެވެ.

ޖައްވީ ސްޓޭޝަންގެ ޤާއިމްކުރުމުގެ މަސައްކަތް ނިމުނީ 2009 ވަނަ އަހަރު ކަމުގައި ވިޔަސް، އޭގެކުރިން ވަނީ އެތާނގައި މަސައްކަތްކުރަން އެސްޓްރޮނޯޓުން ފޮނުވަން ފަށައިފައެވެ. ޖައްވީ މަރުކަޒުގައި ޢާއްމުގޮތެއްގައި 7 މީހުން އުޅުނަސް، ކްރޫން ބަދަލުވާ ދުވަސްވަރު އެތަނުގައި 13 މީހުންވެސް އުޅެފައި އެބަހުއްޓެވެ.

މިތަނުގައި ނިދަން ޚާއްޞަ ތަންތަނާއި ފާޚާނަ އާއި ކަސްރަތުކުރާނެ ޖިމެއްވެސް ހުރެއެވެ. އަދި ކުއްލި ޙާލަތުގައި ބޭނުންކުރުމަށް ލައިފް ބޯޓެއްގެ ގޮތުގައި 2 ސޯޔޫޒް ޖައްވީ އުޅަނދު އަބަދުވެސް ޖައްވީ މަރުކަޒުގައި ޑޮކްކޮށްފައި އޮވެއެވެ. އެ ތަނަށް އެންމެ ފުރަތަމަ އެސްޓްރޮނޯޓުން ދަތުރުކުރީ 2000 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 2 ވަނަ ދުވަހުއެވެ. ރަޝިޔާއިން އުފައްދާފައިވާ ސޯޔޫޒް ޖައްވީ އުޅަނދެއްގައި ޖައްވީ މަރުކަޒަށް ދަތުރުކުރީ ރަޝިޔާގެ ދެ ކޮޒްމޮނޯޓުން ކަމަށްވާ ސަރްގެއީ ކިރްކަލޭވް އާއި ޔޫރީ ގިޑްޒެންކޯ އަދި އެމެރިކާގެ އެސްޓްރޮނޯޓެއްކަމަށްވާ ވިލިއަމް ޝެޕާޑްއެވެ.

އޭގެފަހުން މިހާތަނަށް 20 ޤައުމަކުން 266 އަށްވުރެ ގިނަ އެސްޓްރޮނޯޓުން ވަނީ އައިއެސްއެސްއަށް ދަތުރުކޮށްފައެވެ. އޭގެތެރޭގައި އެމެރިކާގެ 163 މީހުންނާއި ރަޝިޔާގެ 57 މީހުން ހިމެނެއެވެ. ޖައްވީ މަރުކަޒަށް އެސްޓްރޮނޯޓުން ފޮނުވުމުގައި ބަލަނީ އެ ޤައުމަކުން އައި.އެސް.އެސްއަށް ޚަރަދުކުރާ މިންވަރާ އެއަށް ބޭނުންވާ ސާމާނު ދޭ ބަހާގެ މައްޗަށެވެ.

ދުނިޔޭގެ ބިމުގެ ބައްރުން ފުރާ ޖައްވީ އުޅަނދެއްގައި ހައެއްކަ ގަޑިއިރުން ވާޞިލުވެވޭ މި މަރުކަޒަކީ ދިރާސާކުރަން ޚާއްޞަ ތަނަކަށް ވުމުން، މައިގަނޑު ގޮތެއްގައި މި ތަނުގައި އޮންނަނީ އެކި ކަހަލަ ތަޙްލީލުތައް ކުރަމުން ގެންދިއުމެވެ. މިތަނުގައި ހުންނަ މައިކްރޯ ގްރެވިޓީ ލެބޯރެޓަރީގައި މިހާތަނަށް 108 ޤައުމަކުން 3000 އާ ގާތްކުރާ އަދަދަކަށް އެކި ދިރާސާތަކާއި ތަޙްލީލުތައް ކޮށްފައިވެއެވެ.

ޖައްވީ ސްޓޭޝަނަށް ދަތުރުކުރާ އެސްޓްރޮނޯޓުން ޖައްވީ މަރުކަޒުގެ މަރާމާތުގެ އެކި މަސައްކަތްތައް ވެސް ކުރެއެވެ. އޭގެތެރެއިން ބައެއް މަސައްކަތްތައް ކުރުމަށް އުޅަނދުން ބޭރުގައިވެސް އެސްޓްރޮނޯޓުން މަސައްކަތް ކުރެއެވެ. ޢާއްމުގޮތެއްގައި އެސްޓްރޮނޯޓުން 6 މަސްދުވަސް މިތަނުގައި ހޭދަކުރިނަމަވެސް ބައެއް ޙާލަތުގައި އަހަރަކަށްވުރެ ގިނަ ދުވަސް ހޭދަކޮށްފައިވާ މީހުން ވެސް އެބަތިއްބެވެ.

ސައިޒުން ބަލާއިރު ފުޓްބޯޅަ ދަނޑެއްގެ ޖާގައިގެ ބޮޑުމިން ހުންނަ މަރުކަޒުގެ ބަރުމިނުގައި 400 ޓަނު ނުވަތަ 320 ކާރުގެ ބަރުދަން ހުރެއެވެ. ސިކުންތަކު 5 މޭލު ބާރުމިނުގައި އޯބިޓްގައި ދަތުރުކުރާ މި ޖައްވީ ސްޓޭޝަން ކޮންމެ 90 މިނެޓަކުން ދުނިޔެ ވަށައި ބުރެއް ޖަހައެވެ. އެގޮތުން 24 ގަޑިއިރުގެ ތެރޭގައި ދުނިޔެ ވަށައި 16 ބުރު ޖަހައެވެ. އެ ސްޓޭޝަންގައި ތިބޭ މީހުންނަށް އިރުއަރާއި އޮއްސޭ މަންޒަރު 16 ފަހަރު ފެންނާނެއެވެ. އަދި ބިމުގައި ހުންނަ މީހަކަށް ޓެލެސްކޯޕަކާ ނުލައިވެސް މި އުޅަނދު ޖައްވުގައި ދަތުރުކުރާ މަންޒަރު ހަމަ ލޮލުން ބަލައިލެވޭނެއެވެ. މި ޖައްވީ މަރުކަޒު އޮޕަރޭޓްކުރަން އަހަރަކު 3 ބިލިއަން ޑޮލަރު ހޭދަވެއެވެ.

ސައިންޓިފިކް އަދި އިންޖިނިއަރިންގެ ރޮނގުން ބަލާނަމަ މިއީ ދުނިޔޭގައި މިހާތަނަށް ކުރިއަށް ގެންގޮސްފައިވާ އެފަދަ ދެވަނައެއް ނުވާފަދަ އިންޤިލާބީ މަޝްރޫޢުކެވެ.

އިންސާނުންނަށް ބޭނުންވާ އެތައް ޢިލްމީ މަސައްކަތްތަކާކާއި ދިރާސާތަކެއް ކުރިއަށް ގެންދިއުމަށްފަހު މިހާރު އަޑުއިވެނީ މި ޖައްވީ މަރުކަޒު ޚިދުމަތް ނިމުމަކަށް ގެނައުމުގެ ވާހަކަތަކެވެ. ޖައްވީ މަރުކަޒުގެ މައި ޙިއްޞާދާރެއް ކަމަށްވާ ރަޝިޔާއިން ވަނީ އަމިއްލަ ޖައްވީ މަރުކަޒެއް ޤާއިމްކުރުމުގެ މަސައްކަތަށް އިސްކަންދިނުމުގެ ގޮތުން 2024 ވަނަ އަހަރުން ފެށިގެން އައި.އެސް.އެސްގެ މަސައްކަތުން ދުރަށްދާނެ ކަމަށް ހާމަކޮށްފައެވެ. ނާސާއިންވެސް ބުނެފައިވަނީ 2030 ވަނަ އަހަރާ ހަމައަށް ދަންދެން މި ތަން ބޭނުންކުރާނެ ކަމަށެވެ. ނަމަވެސް އޭގެފަހުން ހަދާނެ ގޮތެއް އޮތީ ނޭނގުމެއްގެ ތެރޭގައެވެ. ބައެއް ފަރާތްތަކުން ބުނާގޮތުން 2030 ވަނަ އަހަރުގެ ފަހުން ޖައްވީ މަރުކަޒު ބޭނުންކުރުމަކީ ދުރުކަމެކެވެ. އަދި 2031 ވަނަ އަހަރު މި މަރުކަޒު ބިމަށް ވައްޓައިލެވޭނެ ކަމަށް ތަޖުރިބާކާރުން ޤަބޫލުކުރެއެވެ.

މި މަރުކަޒު ބިމަށް ވާއްޓާލާނަމަ، ވައްޓާލާނީ ޕެސިފިކް ކަނޑުގެ ޕޮއިންޓް ނީމޯ ކިޔާ ސަރަޙައްދަކަށެވެ. އެއީ ބިމާއި އެންމެ ދުރުގައި އޮންނަ ކަނޑުގެ ސަރަޙައްދެވެ. ސެޓްލައިޓްތަކާއި ޖައްވީ އުޅަނދުތަކުގެ ގަބުރުއްސްތާނެއްގެ ގޮތުގައި ގިނަ ބަޔަކު ބަލާ މި ސަރަޙައްދަކީ ޢާއްމުކޮށް މިފަދަ ޖައްވީ އުޅަނދުތަކާއި މަރުކަޒުތައް ވައްޓާލަން ޖައްވީ އިދާރާތަކުން ބޭނުންކުރާ ސަރަޙައްދެވެ. އިންސާނުންނަށް އެތައް ކުރިއެރުންތަކެއް ގެނެސްދިން މަސައްކަތްތަކެއް ކުރުމަށްފަހު އައިއެސްއެސްގެ ބިމަށް ވައްޓައިލިނަމަވެސް، ފަހުގެ ޒަމާނީ ޓެކްނޮލޮޖީއާއެކު ތަރައްޤީކުރާ ޖައްވީ އެހެން މަރުކަޒުތައް ޤާއިމްކުރުމަށް މިހާރު ވެސް ވަނީ މަސައްކަތް ފަށާފައެވެ.