ދުނިޔޭގެ ވިޔަފާރި

ޑޮލަރުގެ ދަތިކަން ކުރިމަތިވެ، ބަންގްލަދޭޝްއަށް ތެޔޮ އެތެރެކުރުމަށް ދަތިތަކެއް


ޑޮލަރުގެ ދަތިކަން ކުރިމަތިވެ، ފައިސާ ދައްކަން ދަތިވުމުގެ ސަބަބުން ބަންގްލަދޭޝްއަށް ބޭނުންވާ ތެޔޮ އެތެރެކުރުމަށް ދަތިވެފައިވާކަމަށް ޚަބަރުތައް ބުނެފިއެވެ.

ބަންގްލަދޭޝްއަށް އެތެރެކުރާ ތެޔޮ ކޮންޓްރޯލުކޮށް މާކެޓްކުރާ ދައުލަތުގެ ކުންފުނި، ބަންގްލަދޭޝް ޕެޓްރޯލިއަމް ކޯޕަރޭޝަން، ބީޕީސީއިން ބޭރުގެ ގައުމުތަކަށް ދައްކަން ޖެހޭ 300 މިލިއަން އެމެރިކާ ޑޮލަރު މިހާރުވެސް ނުދައްކާ އެބައޮތެވެ.

ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުން ބޭރު ފައިސާގެ ރިޒާރވް ދަށްވުމުގެ ސަބަބުން އެތެރެކުރާ ތެލަށް ވަގުތުން ފައިސާ ނުދެއްކޭނެ ކަމަށް ބުނެ އެގައުމުގެ މަރުކަޒީ ބޭންކުން ވަނީ ހަކަތައާބެހޭ ވުޒާރާއަށް މި މަހުގެ 19 ވަނަ ދުވަހު ވަނީ ސިޓީއެއް ފޮނުވާފައެވެ.

މި މަހުގެ އިމްޕޯޓު ޝެޑިއުލްއާއި އެއްގޮތަށް ތެޔޮ އެތެރެނުކުރެވިއްޖެނަމަ ތެލުގެ ސަޕްލައިއަށް ވަރަށް ބޮޑަށް އަސަރުކުރާނެކަމަށް އޭޕްރީލްމަހު ބީޕީސީއިން ފޮނުވި ސިޓީއެއްގައި ބުނެފައިވާކަމަށްވެސް ރޮއިޓާސްއިން ރިޕޯޓުކުރެއެވެ. މިކަމާއި ގުޅިގެން ހަކަތައާއި ބެހޭ ވުޒާރާ އާއި ބީޕީސީ މަރުކަޒީ ބޭންކުންވެސް ވާހަކަދައްކާފައެއްނުވެއެވެ.

މިދިޔަ އަހަރު ފެށި ރަޝިއާ ޔުކްރެއިން ހަނގުރާމައިގެ ސަބަބުން ބަންގްލަދޭޝްގެ ބޭރު ފައިސާގެ ރިޒާރވް ވަނީ މީގެ 7 އަހަރު ކުރިން ހުރި ހިސާބަށް ވެއްޓިފައެވެ. އެގޮތުން އެ ގައުމުގެ ރިޒާރވްގައި މިހާރު ހުރީ 30.18 ބިލިއަން އެމެރިކާ ޑޮލަރެވެ.

ބަންގްލަދޭޝްއަށް އެތެރެކުރާ ތެލަށް ޑޮލަރު ނެގުމުގެ ބަދަލުގައި ރުޕީސް ނުވަތަ ޓާކާއިން ފައިސާ ނެގުމަށް އިންޑިއާއިން ބަންގްލަދޭޝްއަށް ތެޔޮ އެކްސްޕޯޓު ކުރާ ފަރާތްތަކުގެ ކިބައިން ބޭންކު އޮފް އިންޑިއާއިން އެދިފައިވާ ކަމަށްވެސް މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހު ރޮއިޓާސްއިން ވަނީ ރިޕޯޓުކޮށްފައެވެ.

ވަގުތުން ފައިސާ ނުދެއްކުމުގެ ސަބަބުން ތެޔޮ އެތެރެކުރާ ފަރާތްތަކުން އަންނަނީ ތެޔޮ ނުލިބޭނެކަމަށް ނޫނީ ލިބޭ މިންވަރު މަދުވާނެ ކަމަށް ބުނަމުންނެވެ.

އަހަރުތަކެއް ވަންދެން ބަންގްލަދޭޝްގެ އިގްތިސާދަކީ ދުނިޔޭގެ އެންމެ ހަލުއިކަމާއިއެކު ކުރިއަރަމުންދިޔަ އިގްތިސާދުގެ ގޮތުގައި އޮތް ޤައުމެވެ. ނަމަވެސް ރަޝިއާ ޔުކްރެއިން ހަނގުރާމައިގެ ސަބަބުން ކަރަންޓު އެކައުންޓު ޑެފިސިޓް އިތުރުވެ، ބޭރު ފައިސާގެ ރިޒާވް ދަށްވުމާއި އިންފްލޭޝަންވެސް މަތިވުމުން ބަންގްލަދޭޝްގެ އިގްތިސާދީ ދުވެލި ވަނީ މަޑުޖެހިފައެވެ.