ޚަބަރު

މަޖިލީހުގެ ނާއިބު ރައީސްގެ މަޤާމުން އީވާ ވަކިކުރައްވަން ހުށަހަޅުއްވައިފި


ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސްކަމުގެ މަޤާމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ވަކިކުރައްވަން މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަނީ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ތިން މެމްބަރުންނެވެ. އެމްޑީޕީގެ ލީޑަރޝިޕްގައި އުފެދުނު ޚިޔާލުތަފާތުވުންތަކާއެކު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާ ތިން ބޭފުޅުންނަކީވެސް އެމްޑީޕީއާ ދެކޮޅަށް މަސައްކަތް ކުރައްވާ ތިން ބޭފުޅުންނެވެ. މިޚިޔާލު ތަފާތުވުންތަކުގެ ތެރެއިން މަޖިލީހުގެ ނާއިބް ރައީސް އީވާ ޢަބްދުﷲ އާއި، ވިލުފުށި ދާއިރާގެ މެމްބަރު ޙަސަން އަފީފް ވަނީ އެމްޑީޕީން ވަކިވެފައެވެ.

މަޖިލީހުގެ ނާއިބް ރައީސްކަމުގެ މަޤާމުން އީވާ ވަކިކުރެއްވުމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ނިންމި ނިންމުމާއެކު މިއަދު ވަނީ އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދައިފައެވެ. އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދީ 50 މެމްބަރުންގެ ސޮޔާއި އެކުއެވެ.

މަޖިލިސް ޤަވާއިދު ބަޔާންކުރާގޮތުގައި މަޖިލީހުގެ ރައީސް ނުވަތަ ނާއިބު ރައީސް މަޤާމުން ވަކިކުރެވޭނީ، މަޖިލީހުގެ އެ ޖަލްސާއެއްގައި ޙާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣްލަބިއްޔަތުން ފާސްކުރުމުންނެވެ.

މަޖިލީހުގެ ނާއިބް ރައީސްގެ އިތުބާރު ނެތްކަމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ހުށަހަޅުއްވާފައިވާއިރު، ޗާގޯސް މައްސަލާގައި ބަންޑާރަ ނާއިބް އިބްރާހީމް ރިފްޢަތާއި، ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހުގައި ހިމެނޭ އިދިކޮޅު މެމްބަރުން ވަނީ މަޖިލީހަށް ވައްދާފައެވެ.