ދުނިޔޭގެ ވިޔަފާރި

މައިކްރޯން ކުންފުނީގެ އުފެއްދުންތަކަކީ ގައުމީ ސަލާމަތަށް ނުރައްކަލެއް: ޗައިނާ


މެމޮރީ ޗިޕް އުފައްދާ އެމެރިކާގެ އެންމެ ބޮޑު ކުންފުނި، މައިކްރޯން ޓެކްނޮލޮޖީގެ އުފެއްދުންތަކަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްކަމަށް ބުނެ، އެ ކުންފުނީގެ އުފެއްދުންތައް މަނާކުރަން ޗައިނާއިން ނިންމައިފިއެވެ.

ޗައިނާގެ ސައިބަރ ސްޕޭސް ރެގިއުލޭޓްކުރާ އިދާރާއިން އާދީއްތަދުވަހު ބުނީ މައިކްރޯން ކުންފުނިން ފޯރުކޮށްދޭ މެމޮރީ ޗިޕްތަކުގެ ސަބަބުން އެ ގައުމުގެ ނެޓްވޯކްތަކުގެ ސެކިއުރިޓީއަށް ނުރައްކާ އެބައޮތްކަމަށެވެ. އެހެންކަމުން ޗައިނާގައި ހިންގާ އިންފްރާސްޓްރަކްޗަރގެ ބިޔަ މަޝްރޫއުތަކުގައި މައިކްރޯން ކުންފުނީގެ އުފެއްދުންތައް ބޭނުންކުރުން މަނާކުރުމަށް ވަނީ ނިންމާފައެވެ.

ސައިބަރ ސްޕޭސް އެޑްމިނިސްޓްރޭޝަން އޮފް ޗައިނާއިން މައިކްރޯން ކުންފުނީގެ އުފެއްދުންތައް މަނާކުރިނަމަވެސް، އެ އުފެއްދުންތަކުން ކުރިމަތިވާ ނުރައްކަލެއް ހާމައެއް ނުކުރެއެވެ. އަދި ނުރައްކާ އޮތީ މައިކްރޯންގެ ކޮން އުފެއްދުމަކުންކަމެއްވެސް ނުބުނެއެވެ.

މައިކްރޯން ކުންފުނިން ބުނީ ޗައިނާގެ ނިންމުން ދިރާސާކުރަމުން އަންނަކަމަށެވެ. އަދި މިކަމާއި ގުޅޭގޮތުން ޗައިނާގެ ކަމާއިބެހޭ ފަރާތްތަކާއި މަޝްވަރާކުރުމަށް ބޭނުންވާކަމަށްވެސް އެކުންފުނިން ވަނީ ބުނެފައެވެ.

މެމޮރީ ޗިޕް އުފައްދާ ޗައިނާގެ ކުންފުނިތަކާއި ދެކޮޅަށް އެމެރިކާއިން މީގެކުރިން ގިނަ ފިޔަވަޅުތަކެއް އަޅާފައިވާއިރު މިއީ މެމޮރީ ޗިޕް އުފައްދާ އެމެރިކާގެ ކުންފުންޏަކާއި ދެކޮޅަށް ޗައިނާއިން ފިޔަވަޅު އެޅި ފުރަތަމަ ފަހަރެވެ.

އެމެރިކާ ސަރުކާރުން ބުނީ މިއީ މެމޮރީ ޗިޕްގެ މާކެޓަށް ދަތިކުރުމަށް ޗައިނާއިން ކުރާކަމެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ދައްޗެއް ކުރިމަތިނުވާނެކަން ޔަގީންކުރަން މަސައްކަތް ކުރާނެކަމަށްވެސް އެމެރިކާގެ އޮފިޝަލުން ބުނެއެވެ.

ޗައިނާއިން އެމެރިކާގެ ކުންފުންޏެއްގެ އުފެއްދުންތައް މަނާކުރަން ނިންމާފައި މިވަނީ ޖަޕާނުގައި އިއްޔެ ކުރިއަށްދިޔަ ޖީ7ގެ ބައްދަލުވުމެއްގައި ޗައިނާއާ ދެކޮޅަށް ގުޅިފައިވާ ބަޔާނެއް ނެރެފައިވާ ދަނޑިވަޅެއްގައެވެ.