ޚަބަރު

ވޯޓާރސް ލިސްޓަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ މަރުވެފައިވާ މީހުން ހިމެނޭކަމުގެ ޝަކުވާ


މިއަހަރު ބޭއްވެވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤުލިބިފައިވާ މީހުންގެ ވޯޓާރސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުއްވާލެއްވި ފުރުސަތުގައި މިހާތަނަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ މަރުވެފައިވާ މީހުންގެ ނަން ލިސްޓުގައި އޮތުމުގެ ޝަކުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބު ބޭއްވެވުމަށް ނިންމަވާފައިވަނީ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހުއެެވެ. އަދި އިންތިޚާބުގެ 2 ވަނަ ބުރެއް ބާއްވަވަން ޖެހިއްޖެނަމަ ސެޕްޓެމްބަރު 30 ގައި ދެވަނަ ބުރުގެ ވޯޓުލުން ބޭއްވެވުމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވައިފައެވެ.

ރިޔާސީ އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ ވޯޓާރސް ލިސްޓު އިލެކްޝަންސް ކޮމިޝަނުން ޢާއްމުކުރައްވާފައިވާއިރު، މިލިސްޓުގައިވާ ގޮތުން 282755 މީހުންނަށް ވޯޓުލުމު ޙައްޤު ލިބިފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 144،408 ފިރިހެނުންނާއި 138347 އަންހެނުންނެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ވޯޓާރސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ވެސް ހުޅުއްވައިލައްވައިފައެވެ. ވޯޓާރސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ދެއްވި 30 ދުވަހުގެ މުއްދަތު ހަމަވާނީ އަންނަ މަހުގެ 2 ވަނަ ދުވަހަށެވެ. އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މިހާތަނަށް 27 ޝަކުވާއެއް ހުށައެޅިފައިވާ ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ މަރުވެފައިވާ މީހުން ވޯޓާރސް ލިސްޓުގައި ހިމެނޭތީ ހުށައެޅި 21 ޝަކުވާ އާއި، 18 އަހަރު ނުފުރޭ ކުއްޖެއްގެ ނަން ހިމެނޭ ޝަކުވާއެއްގެ އިތުރުން ލިސްޓުގައި ނަން ނެތުމުގެ 3 ޝަކުވާއަކާއި އެޑްރެސް ބަދަލުވެގެން ހުށައަޅާފައިވާ 2 ޝަކުވާއެކެވެ.

ކޮމިޝަނުން ވަނީ ޝަކުވާ ހުށަހެޅުމަށް ހުޅުއްވައިލައްވައފައިވާ މުއްދަތުގައި މިކަމަށް ޚާއްޞަ ސަމާލުކަމެއް ދީ، ވޯޓާރސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް އެދިވަޑައިގެންފައެވެ. މިކަމުގައި ޢާންމު ފަރުދުންނާއި، ސިޔާސީ ޕާޓީތަކުގެ އެއްބާރުލުން ބޭނުންވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.