ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ޢަބްދުﷲ ރަޝީދު ނިޔާވުމުގައި ފުލުހުންގެ އެއްވެސް އިހުމާލެއް ނެތްކަން ތަހުގީގުން ހާމަވެފައިވާ ކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ގދ.ހޯޑެއްދޫ ސްވެން ޢަބްދުﷲ ރަޝީދު ނިޔާވެފައިވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އޭނާގެ މެއަށް ތަދެއް އަރައި ސީޒަރގެ ޢަލާމާތްތަކެއް ފެނުމާއި ގުޅިގެން އޭނާ ގދ.މަޑަވެލި ސިއްޙީ މަރުކަޒަށް ގެންދިޔަ މަގުމަތީގައި ކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ. އަދި އޭނާ ސިއްޙީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް މަޑަވެލި ސިއްޙީ މަރުކަޒުން އޭނާ ބެއްލެވި ޑޮކްޓަރުންނާއި ޙަވާލާދީ ފުލުހުން ވަނީ ވިދާޅުވެފައެވެ.
މަޖިލީހުގެ ޖަލްސާގައި މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން ވަނީ މިތަހުގީގު ކުރިއަށްދާ ގޮތާއި ގުޅޭގޮތުން ހޯމް މިނިސްޓަރާއި ސުވާލު ކުރައްވާފައެވެ. ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވީ، މަރުހޫމް ޢަބްދުﷲ ރަޝީދުގެ މަރުގެ މައްސަލާގައި އެކަން ހިނގާދިޔަ ގޮތް ތަހުގީގު ކުރެއްވުމަށްޓަކައި ޕޯސްޓް މޯޓަމް ހެދިކަމަށެވެ. އެކަން ކުރުމަށް ދިމާވި ދަތިތަކާއި ހުރި ގޮންޖެހުންތައްވެސް މެމްބަރަށް ސާފުވެވަޑައިގަންނަވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މިތަހުގީގުގައި މިހާތަނަށް ކުރެވުނު މަސައްކަތުން ޢަބްދުﷲ ރަޝީދު ނިޔާވުމުގައި ފުލުހުންގެ އެއްވެސް އިހުމާލެއް އޮތްކަމަށް ތަހުގީގަށް ފެނިފައި ނުވާކަމަށެވެ.
"އަޅުގަނޑު ހިތުން އެކަމުގައި ޔަގީން ކުރަން ބޭނުންވީ ފުލުހުންގެ ސީދާ ޢަމަލެއް އޮވެގެންތޯ ނޫނީ ފުލުހުން އެކަމުގައި އިހުމާލެއް އޮވެގެންތޯ ޢަބްދުﷲ ރަޝީދު މަރުވުމަށް މެދުވެރިވީ. އެކަމާއި މެދުގައި އަޅުގަނޑުމެންނަށް ފުލުހުންގެ ސީދާ އަނިޔާއެއް އޮވެގެން ނުވަތަ ގަސްތުގައި އިހުމާލެއް އޮވެގެން އެކަން ކުރިކަމަށް، އޭނާ މަރުވުމަށް ދިމާވި ކަމަށް ސާބިތުވާނެ އެއްވެސް ހެއްކެތް އަޅުގަނޑުމެންނަށް ލިބޭކަށް ނެތް." މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ތުހުމަތެއްކޮށް، ނުވަތަ ވާހަކައެއް ދެކެވުމުން އެކަމުގައި އިތުރަށް ކުރެވޭނެ ކަމެއް ނެތްކަމަށެވެ. ފުލުހުންގެ ތަހުގީގުން އެކަން ސާބިތު ނުވާހާ ހިނދަކު ނުވަތަ އެކަން ފެންނަން ނެތްކަމުގައި ވާނަމަ އެކަމުގައި އިތުރަށް ކުރެވޭނެ ކަމެއް ނޯންނާނެކަމަށް ވަޒީރު ވިދާޅުވިއެވެ.