ކުޅިވަރު

ބެޓަރ އިން ބާ: ފިރިހެން ޑިވިޝަނުގެ ފައިނަލަށް ހިތާދޫ އާއި އޭދަފުށި


ބ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ބެޓަރ އިން ބާ" ފުޓްސަލް ފިއެސްޓާގެ ފިރިހެން ޑިވިޝަނުގެ ފައިނަލަށް ހިތާދޫ އާއި އޭދަފުށި ދަތުރުކޮށްފިއެވެ.

ފައިނަލުގެ ފުރަތަމަ ޖާގަ ހިތާދޫން ހޯދީ ރޭ ކުޅުނު ސެމީ ފައިނަލް މެޗުގައި މުބާރާތް ބާއްވާ ދަރަވަންދޫ އަތުން ޕެނަލްޓީ ޖަހައިގެން މޮޅުވެގެންނެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވުމުން، ޕެނަލްޓީ ޖަހައިގެން ހިތާދޫ މޮޅުވީ 5-3 ގެ ނަތީޖާއަކުންނެވެ.

ދެ ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު މި މެޗުގައި ލަނޑު ޖަހާނެ ގިނަ ފުރުޞަތުތަކެއް ދެ ޓީމަށްވެސް ވަނީ ލިބި ބޭކާރުވެފައެވެ. މި މެޗްގައި ފުރަތަމަ ލަނޑު ޖެހީ ހިތާދޫ ޓީމުންނެވެ. އެ ލަނޑު ކާމިޔާބުކޮށްދިނީ ހުޒައިފަތު ރަޝީދުއެވެ. މެޗުގައި ދަރަވަންދޫން ނަތީޖާ ހަމަހަމަކުރި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު ޝިމާނެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި ހިތާދޫ ޓީމުން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ހަތަރު ޕެނަލްޓީ ވަނީ ކާމިޔާބުކޮށްފައެވެ. އެކަމަކު ދަރަވަންދޫން ޖެހި ހަތަރު ޕެނަލްޓީގެ ތެރެއިން ގޯލަށް ވައްދާލެވުނީ ދެ ޕެނަލްޓީއެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހިތާދޫއިން އުފެއްދި ގިނަ ހަމަލާތަކެއް ދިފާއުކުރި ދަރަވަންދޫ ޓީމުގެ ގޯލްކީޕަރު މުޙައްމަދު ރަޝްވާނެވެ.

މީގެ އިތުރުން މި މުބާރާތުގެ ފައިނަލުގެ ދެވަނަ ޖާގަ އޭދަފުށިން ހޯދީ ރޭ ކުޅުނު ސެމީގެ މެޗުގައި ފަސޭހަކަމާއެކު ފެހެންދޫ ބަލިކޮށްގެންނެވެ. މި މެޗް އެ ޓީމުން ކާމިޔާބުކުރީ 5-0 ގެ ނަތީޖާއަކުންނެވެ.

މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް ދެ ޓީމުންވެސް އުފެއްދި މި މެޗުގައި އޭދަފުށީ ޓީމުގެ ލަނޑުތައް ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އިޝާން އިބްރާޙީމް (ސައްޓު) އާއި، އިސްމާޢީލް ޝަރީފުގެ އިތުރުން އުނައިސް ޒުބައިރެވެ. މި މެޗްގައި ސައްޓު ވަނީ ހެޓްރިކް ހަދާފައެވެ.

ޗެމްޕިއަން ޓީމަކަށް ފަންސާސްހާސް ރުފިޔާ ދޭ މި މުބާރާތުގައި ހިތާދޫ އާއި އޭދަފުށި ބައްދަލުކުރާ ފައިނަލް މެޗު އޮންނާނީ އަންނަ ބުދަ ދުވަހު ދަރަވަންދޫ ފުޓްސަލް ދަނޑުގައެވެ. ހަމަ އެރޭ މި މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލް މެޗުވެސް ކުޅެވޭނެއެވެ. އަންހެން ޑިވިޝަނުގެ ފައިނަލުގައި ބައްދަލުކުރާނީ ދަރަވަންދޫ އާއި ގޮއިދޫއެވެ.