ޚަބަރު

އިލެކްޝަންގެ ޖޮބް ފެއަރއަށް 200 އަށްވުރެ ގިނަމީހުން، ތަރުޙީބު ބޮޑު


ރިޔާސީ އިންތިޚާބަށް ބޭނުންވާ މުވައްޒަފުން ހޯއްދެވުމަށް އިލެކްޝްންސް ކޮމިޝަނުން ކުރިއަށް ގެންދަވާ ޖޮބް ފެއަރގައި މިހާތަނަށް 200 އަށްވުރެ ގިނަ މީހުންނާއި އިންޓަރވިއު ކުރެވިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. ދަރުބާރުގޭގައި އިލެކްޝަންސް ކޮމިޝަނުން ކުރިއަށް ގެންދަވަނީ އިންތިޚާބުގެ ޓާސްކް ފޯހަށް ބޭނުންވާ މުވައްޒަފުން ނެގުމުގެ މަރުޙަލާއެވެ.

ރިޔާސީ އިންތިޚާބު ބޭއްވެވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވައިފައިވަނީ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހުއެވެ. އަދި އިންތިޚާބުގެ 2 ވަނަ ބުރެއް ބާއްވަވަން ޖެހޭނަމަ ސެޕްޓެމްބަރު 30 ގައި ދެވަނަ ބުރުގެ ވޯޓުލުން ބޭއްވެވުމަށް ވެސް ވަނީ ނިންމާފައެވެ. އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ޙަރަކާތްތެރިވުމަށް ގިނަ ޢަދަދެއްގެ މުވައްޒަފުން ބޭނުންވާކަމަށެވެ. އެކަމަށްޓަކައި ބޭނުންވާ މުވައްޒަފުން ނެންގެވުމަށް ދަރުބާރުގޭގައި ކުރިއަށްގެންދަވާ ޖޮބް ފެއަރއަށް ބޮޑު ތަރުޙީބެއް ލިބެނުން އަންނަކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ. ސެޕްޓެމްބަރު މަހު ބާއްވަވާ އިންތިޚާބަށް ފަސް ހާހަށްވުރެ ގިނަ އޮފިޝަލުން ބޭނުންވާއިރު، އިންތިޚާބުގެ ޓާސްކް ފޯހަށް 12 މުވައްޒަފުން ބޭނުންވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނާއިބް ރައީސް އިސްމާޢީލް ޙަބީބު ވިދާޅުވީ މިހާތަނަށް ކޮމިޝަނުން ބޭނުންވާ އެކި މަޤާމުތަކަށް ޝަރުތު ހަމަވާ މީހުންނާ އިންޓަރވިއު ކުރެވިފައިވާ ކަމަށެވެ. މި މަރުޙަލާއަށްފަހު އެ ކޮމިޝަނުން އެމީހުންނަށް ވަޒީފާ ހަމަޖެއްސެވުމުގެ ކުރިން ކުރިއަށް ގެންދަވަންޖެހޭ މަރުޙަލާތައް ކުރިއަށް ގެންދަވާނެކަމަށް ޙަބީބު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް އިންޓަރވިއު މަރުހަލާތައް ނިމިގެންދާއިރު، ބޭނުންވާ ޢަދަދަށް މީހުން ހަމަޖެހޭނެކަމަށް. މިހާތަނަށްވެސް ބޮޑު ތަރުހީބެއް ވަނީ ލިބިފަ. މިމަރުހަލާއަށްފަހު އަޅުގަނޑުމެން ވަޒީފާ ދިނުމުގެ ކުރިން އަދި ކުރިއަށް ގެންދާނަން ޓެސްޓެއް ހެދުމުގެ މަރުހަލާވެސް އެކަންކަމަށްފަހު ވަރަށް އަވަހަށް އެމީހުން ވަޒީފާތަކަށް ނެރެ މަސައްކަތް ފެށިގެންދާނެ." ހަބީބު ވިދާޅުވިއެވެ.


ރިޔާސީ އިންތިޚާބަށްފަހު ގިނަދުވަސްތަކެއް ނުވެ މަޖިލިސް އިންތިޚާބު ވެސް އޮތުމާއެކު އިލެކްޝަނުން މިއިންތިޚާބަށް ނަންގަވާ މުވައްޒަފުން މަޖިލިސް އިންތިޚާބުގައި ބޭނުންކުރެއްވުމަކީ ކޮމިޝަންގެ ވިސްނުމެކެވެ.

"ރިޔާސީ އިންތިޚާބު ނިމޭގޮތަށް ވަރަށް ކައިރީގައި މިއޮތީ މަޖިލިސް އިންތިޚާބު. އަޅުގަނޑުމެން މިއިންތިޚާބު ނިމޭގޮތަށް ޖެހޭނެ މަޖިލިސް އިންތިޚާބުގެ މަސައްކަތް ފަށަން. އެހެންކަމަށް ވުމުން މިއިންތިޚާބުގައި އަޅުގަނޑުމެން ނަގާ މުވައްޒަފުން ތަމްރީން ދެވި އެއިންތިޚާބުގައިވެސް ބޭނުން ކުރުމަކީ ވިސްނުން. މުޅިން އައު ބަޔަކު ނަގައިގެން އަނެއްކާވެސް ޓެރެއިން ކޮށްގެން ކުރިއަށް ގެންދާނަމަ އެއީ ހަމަ ހޭދަވާ ވަގުތު" ހަބީބު ވިދާޅުވިއެވެ.

އިލެކްޝަން ކޮމިޝަނުން ރިޔާސީ އިންތިޚާބަށް ބޭނުންކުރައްވާ މައި މަރުކަޒަކީ ވެސް ދަރުބާރުގެއެވެ. ކޮމިޝަންގެ އިންތިޚާބާ ގުޅުންހުރި މުހިންމު މަސައްކަތްތަކެއް މިހާރުވެސް ދަރުބާރުގޭގައި ދަނީ ހިންގަވަމުންނެވެ. ރިޔާސީ އިންތިޚާބުގައި 282755 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ. ރިޔާސީ އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ ވޯޓާރސް ލިސްޓު އިލެކްޝަންސް ކޮމިޝަނުން ވަނީ ޢާންމުކުރައްވައިފައެވެ.

ރިޔާސީ އިންތިޚާބުގައި ކެނޑިޑޭޓުންގެ ގޮތުގައި ވާދަކުރުމަށް ހުޅުއްވާލައްވާނީ 23 ޖުލައިން 3 އޯގަސްޓުގެ ނިޔަލަށެވެ. އަދި ކެނޑިޑޭޓުންގެ ނަންތައް ތަރުތީބުކުރައްވައި 9 އޯގަސްޓްގައި އިޢުލާންކުރައްވާނެއެވެ. ކެންޑިޑޭޓުން ކެމްޕެއިން ކުރުމަށް 10 އޯގަސްޓުން ފެށިގެން 8 ސެޕްޓެމްބަރާ ހަމައަށް ފުރުޞަތު ދެއްވަންވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވައިފައެވެ.