ރިޕޯޓް

ތިން ރުއް ޕާކު ސަރަޙައްދު ތަރައްޤީކޮށް، އާއްމުންނަށް ހުޅުވާލަނީ


މާލޭ ހުޅަނގު ފަރާތު ހާބަރު ސަރަޙައްދުގައި ތިން ރުއް ޕާކް ތަރައްޤީކުރުމުގެ މަސައްކަތް އެއްކޮށް ނިންމާ، ކުރިއަށް އޮތް 2 ހަފްތާއެއްހާ ދުވަހުގެ ތެރޭ އެތަން އާއްމުންނަށް ހުޅުވާލެވޭނެކަމަށް ޕަބްލިކް ވަރކް ސަރވިސަސްއިން ވިދާޅުވެއްޖެއެވެ. ތިން ރުއް ޕާކު ތަރައްޤީކުރެވިގެންދާއިރު، ފެނިގެންދާނެ އެންމެ ބޮޑު އެއް ބަދަލަކީ ލޮނުޒިޔާރަތްކޮޅުގައި ކުރިން ބެހެއްޓިފައި ހުރި ސުނާމީ ބިނާ، އެ ސަރަަޙައްދަށް ބަދަލުކޮށްފައިވުމެވެ. ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ އަމަލީ މަސައްކަތަށް ލޮނުޒިޔާރާތްކޮޅުގައި ހުރި ސުނާމީ ބިނާ ނެގުމަށްފަހު، ތިން ރުއް ޕާކް ސަރަަޙައްދަށް ބަދަލުކޮށް، އެތަނުގައި ޒަމާނީ ފެންވަރުގެ ޕާކެއް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ފައްޓަވާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައެވެ. އެ ސަރަޙައްދު ތަރައްޤީކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވަނީ ހައުސިންގ މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ޕަބްލިކް ވަރކް ސަރވިސަސްގެ ފަރާތުންނެވެ. ގާތްގަނޑަކަށް 5 މިލިއަން ރުފިޔާ ޚަރަދުކުރައްވައިގެން ކުރިއަށް ގެންދަވާ ތިން ރުއް ޕާކު ސަރަޙައްދު ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން އެ ސަރަޙައްދަށް ލޮނުޒިޔާރާތްކޮޅުގައި ހުރި ސުނާމީ ބިނާ މިހާރު ވަނީ ބަދަލުކޮށްފައެވެ.

img:http://s2.psmnews.mv/images/660x400/14571763257980.jpg|ތިން ރުއް ޕާކް ސަރަޙައްދު - ފޮޓޯ: ޕީއެސްއެމް ނިއުސް ޕީ.އެސް.އެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ޕަބްލިކް ވަރކް ސަރވިސަސްގެ އޮފިޝަލަކު ވިދާޅުވީ، "ރަސްފަންނު" ހެދިގޮނޑުދޮށުގެ މަސައްކަތް ކަނޑައެޅިފައިވާ ތާރީޚަށް ނިންމުމަށްޓަކައި ތިން ރުއް ޕާކު ސަރަހައްދަ ތަރައްޤީކުރުމުގެ މަސައްކަތް ކުޑަކޮށް މަޑު ޖައްސާލުމަށްފަހު، މިހާރު އެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށްދާކަމަށެވެ. އެގޮތުން އެ ސަރަޙައްދުގެ ޝީޓްޕައިލްތައް ވަރަށް ބޮޑަށް ހަލާކުވުމުގެ ސަބަބުން ފަސްގަނޑު ދަމައިގެންފައިވާ މައްސަލަ ހައްލުކުރުމުގެ ގޮތުން، ޝީޓްޕައިލްތައް މަރާމާތުކޮށް، މުޅި އެ ސަރަަޙައްދުގެ ސްޓްރަކްޗަރ އެއްކޮށް މިހާރު ބަދަލުކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ފަސްގަނޑު އިތުރަށް ވަރުގަދަކުރުމުގެ ގޮތުން ޖިއޯބޭގް ހަރުކޮށް، ބިންގަނޑު ތަރުތީބުކޮށްފައިވާކަމަށާއި، ކޮންސްޓްރަކްޝަން ހުރިހާ މަސައްކަތެއް ނިމި، މިހާރު ކުރިއަށްދަނީ ގާ އެތުރުމުގެ މަސައްކަތްކަމަށްވެސް އޭނާ ވިދާޅުވިއެވެ.ރަސްފަންނާއި ދާދި އެއް ކޮންސެޕްޓަކަށް ތިން ރުއްޕާކު ސަރަޙައްދު ތަރައްޤީކުރަމުންދާއިރު، އެ ސަރަޙައްދުންވެސް ތަފާތުތަކެއް ފެނިގެންދާނެކަމަށް ޕަބްލިކް ވަރކް ސަރވިސަސްއިން ވިދާޅުވެއެވެ. އެގޮތުން ސުނާމީ ބިނާއާއެކު އެކި ކަހަލަ ދިއްލުންތައް ވަނީ ހަރުކޮށްފައެވެ. އަދި އެންމެ ޚާއްސަ ކަމެއްގެ ގޮތުގައި އެ ސަރަޙައްދަށް ވަދެ ނިކުތުމުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޚާއްސަކޮށް، ވޯކްވޭތަކެއް ވަނީ ހަދާފައެވެ. މީގެ އިތުރުން މިތަނަށް ވެހިކަލްތައް ވަނުންވެސް ވަނީ މަނާކޮށްފައެވެ. ތިން ރުއްޕާކުގެ މަސައްކަތް ނިންމާ، މިމަހުގެ 16 ހާ ތާގައި އެތަން ހުޅުވުމަށް މަސައްކަތް ކުރަމުންދާއިރު، އެތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން، ވެހިކަލް ޕާކުކުރާނެ ސަރަހައްދެއް ހެދުމުގެ މަސައްކަތް ކުރައްވަމުންދާކަމަށްވެސް ޕަބްލިކް ވަރކް ސަރވިސަސް މައުލޫމާތުދެއްވައެވެ.