މި ހިނގަމުންދާ މާލީ އަހަރުގައި ޕާކިސްތާނުގެ ޤައުމީ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީ، ކުރިއަރާނީ 2 އިންސައްތައިންކަމަށް އެ ޤައުމުގެ ސެންޓްރަލް ބެންކުން ލަފާކޮށްފިއެވެ. ޕާކިސްތާނުގެ މާލީ އަހަރު ހިނގަނީ 1 ޖުލައިން 30 ޖޫންއަށެވެ.
ހުކުރު ދުވަހު ޕާކިސްތާނުގެ ސެންޓްރަލް ބޭންކުން ނެރުނު ރިޕޯޓެއްގައި ބުނީ، މިހިނގާ މާލީ އަހަރު އެ ޤައުމުގެ ޖީޑީޕީއަށް ލިބޭ ކުރިއެރުން މިދިޔަ އަހަރާއި އަޅާބަލާއިރު ދަށްވާނެކަމަށެވެ.
މި އަހަރު ޕާކިސްތާނުގެ ޤައުމީ އުފެއްދުންތެރިކަމަށް 0.5 އިންސައްތައިގެ ކުރިއެރުމެއް ލިބޭނެކަމަށް ކުރިން އޮތީ ލަފާކުރެވިފައެވެ. ނަމަވެސް ސެންޓްރަލް ބޭންކުން މިހާރު ވަނީ އެ އަންދާޒާތައް 0.2 އިންސައްތައަށް ދަށްކޮށްފައެވެ.
ސެންޓްރަލް ބޭންކުގެ ރިޕޯޓުގައި ބުނެފައިވާގޮތުން ދުނިޔޭގެ އިޤްތިޞާދަށް އަންނަމުންދާ ބަދަލުތަކާއި، އަޑި އަޅާލާފައިވާ މާލީ ހާލަތާއި، ސިޔާސީ ހަލަބޮލިކަމުގެ ސަބަބުން، ޕާކިސްތާނުގެ އިޤްތިޞާދަށް ވަރަށް ބޮޑަށް ގެއްލުންވަމުންދާކަމަށެވެ.
ޕާކިސްތާނަށް މިހާރު ކުރިމަތިވެފައިވަނީ މިހާތަނަށް އެ ޤައުމަށް ކުރިމަތި އެންމެ ބޮޑު އިޤްތިޞާދީ ހީނަރުކަމާއެވެ. ބޭރުގެ ދަރަނިތަކެއް ދެއްކުމަށް އޮތް ސުންގަޑިތައް ކައިރިވަމުންދާއިރު، އެ ލޯނުތައް ދެއްކެން އޮތީ އައި.އެމް.އެފް އިން ލިބެންޖެހޭ ލޯނު އެހީއެއް ލިބިގެނެވެ.
ނަމަވެސް މިހާތަނަށް އައިއިރު އައި.އެމް.އެފްގެ ފަންޑިން ހަމަޖެހޭގޮތް ވެފައެއް ނުވެއެވެ. އަނެއްކޮޅުން އެ ޤައުމުގެ ރިޒާވްގައި ޑޮލަރު ހުރީ ގާތްގަނޑަކަށް މަސް ދުވަހަށް އެ ޤައުމަށް ބޭނުންވާ ޒަރޫރީ މުދާ އިމްޕޯރޓް ކުރެވޭ މިންވަރަށެވެ.
ޕާކިސްތާނުގެ އިޤްތިޞާދު ކުރިއަރާ މިންވަރު ދަށްވެގެން ދިޔައީ ސަރުކާރުން ތަރައްޤީ މަޝްރޫޢުތަކަށް އިންވެސްޓްކުރާ މިންވަރު މަދުވެ، އިޤްތިޞާދީ ހަރަކާތްތައް މަދުވެގެން ދިއުމުންކަމަށް ސެންޓްރަލް ބޭންކުގެ ރިޕޯޓުގައިވެއެވެ.
ޕާކިސްތާނުގައި ތަކެތީގެ އަގުތައްވެސް ވަނީ އިންތިހާއަށް އުފުލިފައެވެ. އެގޮތުން މިދިޔަމަހު އިންފްލޭޝަން ހުރީ 36.4 އިންސައްތައިގައެވެ. މިއީ ޕާކިސްތާނުގައި އިންފްލޭޝަން މިހާ ބޮޑަށް މައްޗަށް އުފުލުނު ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން އެ ޤައުމުގެ ފައިސާގެ އަގު ވަނީ ދުވަހަކުވެސް ދަށަށް ނުދާ މިންވަރަށް ދަށަށް ގޮސްފައެވެ.
2019 ވަނަ އަހަރު ޕާކިސްތާނަށް ދޭން އައި.އެމް.އެފުން ފާސްކުރި 6.5 ބިލިއަން ޑޮލަރުގެ ލޯނު އެހީގެ ތެރެއިން 1.1 ބިލިއަން ޑޮލަރު އޮތީ ނުދީ ހިފަހައްޓާފައެވެ. އެ ފައިސާ ބޭނުންވާނަމަ އައި.އެމް.އެފްއިން ޕާކިސްތާނަށް ހުށަހަޅާފައި ހުރި ކަންކަން ފުރިހަމަކުރަންޖެހެއެވެ. އޭގެތެރޭގައި ސަބްސިޑީ ކަނޑާލުމާއި، ކަރަންޓް، ގޭސް އަދި ތެލުގެ އަގު ބޮޑުކުރުމާއި، ބޭރުގެ ފަރާތްތަކުން ފައިނޭންސް ހޯދުން ހިމެނެއެވެ.