ޚަބަރު

ސުއިޕެއް އާލާކޮށްގެން ރުކުމަޑި ނައްތާލުމުގެ ތަޖުރިބާ ކާމިޔާބު: މިނިސްޓަރ


ރުއްރުކަށް ޖެހޭ ބަލި ކޮންޓްރޯލްކުރުމަށް، އެކި ބާވަތުގެ ކެމިކަލް ބޭނުންކުރުމުގެ ބަދަލުގައި ކުޑަ ސުއިޕެއް އާލާކޮށްގެން ކުރެވުނު ތަޖުރިބާ ކާމިޔާބުކަމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ.ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ، ރާއްޖޭގައި ކުރުނބާއާއި ކާށި ލިބުން ދަތިވުމާ ގުޅިގެން، ރުކުގެ އައު ޖީލެއް އުފެއްދުމަށް ކުރިއަށްގެންދަވާ ރުއް އާލާކުރުގެ ޤައުމީ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެކި ރަށްރަށް ރުއް ހަދިޔާކުރައްވައި، އެ ރުއްތައް ވަކި އިންތިޒާމެއްގެ ދަށުން އިންދުމަށް ކުރިއަށްގެންދަވާ ޙަރަކާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޑރ.ޙުސައިން ރަޝީދު ޙަސަން ވިދާޅުވީ، ރުކުން ލިބޭ ނަފާ މަދުވެފައިވަނީ ރުއްރުކަށް ޖެހޭ ބަލި އިތުވެފައިވުމުގެ ސަބަބުންކަމަށެވެ. އެގޮތުން އެކި ބާވަތުގެ ބަލިތައް ރުއްރުކަށް ޖެހުން ވަރަށް އާންމުކަމަށާއި، އެފަދަ ބަލިތައް ނައްތާލައްވަން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި ރުއްރުކުގައި އެންމެ ބޮޑަށް އާލާވަނީ ރުކު މަޑިކަމަށެވެ. ރުކަށް ޖެހޭ ބައްޔާއި ރުކުމަޑި ނައްތާލުމަށް ބައެއް ދަނޑުވެރިން ބާރުގަދަ ކެމިކަލް ބޭނުންކުރަމުން ގެންދާކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، އެއީ އެންމެ ރައްކާތެރި ގޮތް ނޫންކަމަށަށެވެ. ކެމިކަލް ބޭނުންކުރުމުގެ ބަދަލުގައި އެއަށްވުރެ ރައްކާތެރި ގޮތްތަކެއް ހޯދިފައިވާކަން މިނިސްޓަރ ޙިއްޞާކުރެއްވިއެވެ.

އެގޮތުން ރުއްރުކަށް ޙަމަލާދޭ ރުކުމަޑި ނައްތާލުމަށްޓަކައި، ރުކުމަޑިއަށް ޙަމަލާދޭނެ ބައިލޮޖިކަލް ކޮންޓްރޯލެއް ނުވަތަ ކުޑަ ސުއިއްޕެއް އެ ރުއްރުކުގައި އާލާކުރަންޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން އެ ކުޑަ ސޫފި، ރުކުމަޑި ނައްތާލުމަށް މަސައްކަތްކުރާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެކަން ރާއްޖޭގައި ތަޖުރިބާކުރަޒއްވައި، ކާމިޔާބުވެފައިވާކަމަށާއި، އެހެންކަމުން މުސްތަޤްބަލުގައި އެކަން ކުރުމަށް ގަސްތުކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ނަމަވެސް އެކަމަށް ގިނަ ގޮންޖެހުންތަކެއްވެސް ހުރިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"އެ ސޫފި ތަޢާރަފްކުރަންވެސް އުނދަގޫ. އެއީ އެހިސާބަށް ރުކައް އަރައި އެކަން ކުރުންވެސްދަތީ. އެކަމަކު ރާއްޖޭގައި އެކަން ތަޖުރިބާކޮށްފިން. ވަރަށް ކާމިޔާބުކަމާއެކު އަޅުގަނޑުމެންނަށް އެކަން ކުރެވިއްޖެ. މުސްތަޤްބަލުގައި ބައިލޮޖިކަލް ކޮންޓްރޯލް އިތުރަށް ތައާރަފްކުރާނަން އަޅުގަނޑުމެން އިނގޭތޯ. ކުރެވުނީމަ ރާއްޖޭގެ ރުއްތަކަށް މިދެންނެވި ބޭސް ނުޖަހާ އެކަން ހައްލުކުރެވޭނެ." މިނިސްޓަރ ޑރ.ޙުސައިން ރަޝީދު ޙަސަން ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ ރާއްޖޭގައި ދަނޑުވެރިކަމުގައި ބާރުގަދަ ކެމިކަލް ބޭނުންކުރާކަން ފާހަގަކުރައްވައި އެކަމުގެ ސަބަބުން ސިއްޙަތަށް ނޭދެވޭ އަސަރުކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑުމެން ދަނޑުހައްދާ މީހުން އެ ބޭސް ޖަހާލީމަ ހަމަ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ ހެދި ހުރިހާކަމެއް ރަނގަޅުވާކަމަށް ބުނޭ. އެހާ ބާރުގަދަ ބޭސް ބޭނުންކުރީމަ ޖެހޭ މައްސަލައަކީ އޭގެ އަސަރު އޭގަ އުފެދޭ މޭވާއާ ތަރުކާރީގަވެސް ހުންނަނީ. އެ އެއްޗެހި އަޅުގަނޑުމެން ކެއީމަ އަޅުގަނޑުމެންނަށް ކެންސަރުކަހަލަ ބައެއް ބަލިތައް ޖެހޭކަމަށް ބައެއް ސިއްހީ މާހިރުން އެ ވިދާޅުވަމުން އެގެންދަވަނީ އެއީވެސް ކަންބޮޑުވަންޖެހޭކަމެއް. ގަސްގަހަށް ޖެހޭ ހުރިހާ ބައްޔެއް ކޮންޓްރޯލަކީ ބޭސް ޖެހުންކަމަށް އެހާ ރަނގަޅެއް ނޫން. ކޮންމެހެން ކުރަންޖެހޭ ހާލަތުގައި ކެމިކަލް ބޭސް ބޭނުންކުރަންޖެހޭނީ." މިނިސްޓަރ ޑރ.ޙުސައިން ރަޝީދު ޙަސަން ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ ، މިހާރު ފަށްޓަވާފައިވާ ރުއް އާލާކުރުގެ ޤައުމީ ޕްރޮގްރާމްގެ ދަށުން އިންދާ އެއްވެސް ރުކަކަށް ކެމިކަލް ބޭނުން ނުކުރުމަށް އެދިވަޑައިގެންފައެވެ. އޭގެ ބަދަލުގައި ރުއްތަކަށް ފެންދީ ރަނގަޅަށް ބެލެހެއްޓުމަށް މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ.

ރާއްޖޭގައި ރުއްގަހަށް ޖެހޭ ބަލީ އިތުރުވުމާއި، ރުކުގެ އާބާދީ ދަށްވުމުގެ ސަބަބުން ކުރުނބައާއި ކާށި ލިބުން ވަނީ ދަތިވެފައެވެ. އެކަމަށް ޙައްލެއް ގެނައުމަށް ސަރުކާރުން ފެށްޓެވި މަސައްކަތުގެ ދަށުން ވަނީ ފަސް ހާސް ރުއް ރާއްޖެ ގެނެސްފައެވެ. އަދި އެ ރުއްތަށް އަތޮޅުތެރޭގެ އެކި ރަށްތަކަށް ދަނީ ބައްސަވަމުންނެވެ. އެގޮތުން 7 އަތޮޅެއްގެ 11 ރަށަކަށް މި ރުއްތައް ބެއްސެވުމަށް ނިންމަވައިފައިވެއެވެ.