މުނިފޫހިފިލުވުން

"ސިންގަމް އެގެއިން" ގެ ރޯލެއް ވިކީ އަށް


ބޮލީވުޑް ޑައިރެކްޓަރު ރޯހިތު ޝެޓީގެ ކޮޕް ޔުނިވާސް އަށް ދެން އެންމެ އަވަހަށް ތަޢާރަފްވާނީ ދީޕިކާ ޕަޑްކޯނު ކަމަށް އޭގެ އެންމެ ފަހު ފިލްމު "ސާކަސް" ގެ ޕްރޮމޯޝަން ވަނީ ބުނެފައެވެ. ނަމަވެސް އޭގެފަހުން އެކަމާއި ގުޅޭ އެއްވެސް ވާހަކައެއް އަޑުނީވި ހުރުމަށްފަހު އަނެއްކާވެސް މިހާރު އިވޭ ޚަބަރަކީ ކޮޕް ޔުނިވާސްއާއި އެކްޓަރު ވިކީ ކޯޝާލް ގުޅުނު ޚަބަރެވެ.

އެގޮތުން ވިކީ ފެންނާނީ ކޮޕް ޔުނިވާސް އިން ދެން އެންމެ އަވަހަށް ނެރޭ ފިލްމު "ސިންގަމް އެގެއިން" އިން ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ފިލްމަކީ އަޖޭ ދޭވްގަން ލީޑްރޯލުން ފެންނާނެ ފިލްމެކެވެ.

އިންޑިއާގެ ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި ރޯހިތުގެ ކޮޕް ޔުނިވާސް އަށް ތަޢާރަފަކުރި ފުރަތަމަ ފިލްމު ކަމަށްވާ "ސިންގަމް" ގެ 3 ވަނަ ބައިގެ ޚާއްސަ ފެނިލުންތަކެއްގައި އެ ޔުނިވާސްގައި ކުރިން ހިއްސާވި އެހެން ތަރިންތަކެއްވެސް ފެންނާނެއެވެ.

އޭގެ ތެރޭގައި ކޮޕް ޔުނިވާސްގެ އަނެއް ދެ ފިލްމު ކަމަށްވާ "ސިމްބާ" ކުޅުނު ރަންވީރު ސިންގް އާއި "ސޫރިއަވަންޝީ" ކުޅުނު އަކްޝޭ ކުމާރުގެ އިތުރުން "ސިންގަމް ރިޓާންސް" ގެ ބަތަލާގެ ރޯލު ކުޅުނު ކަރީނާ ކަޕޫރް ހިމެނެއެވެ.

ވިކީގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހުގެ 2 ގައި ރިލީޒްކުރާ "ޒަރަ ހަޓްކޭ، ޒަރަ ބަޗްކޭ" އެވެ. އަދި މި އަހަރުގެ ފަހުކޮޅު ރިލީޒްކުރަން ހަމަޖެހިފައިވާ "ސޭމް ބަހާދޫރު" އާއި ޝާހްރުކް ޚާންގެ "ދުންކީ" ގެ ރޯލަކުން ވެސް ނެޝަނަލް އެވޯޑް ހޯދާފައިވާ 35 އަހަރުގެ އެކްޓަރު ފެންނާނެއެވެ.